Roadha Mihaaru
ކޮންޓޭ ގަދަ ހަތަރެއްގެ އުއްމީދުގައި

ކޮންޓޭ ގަދަ ހަތަރެއްގެ އުއްމީދުގައި

19 އެޕްރީލް 2018

ބާންލީ، އިންގްލެންޑް (އޭޕްރީލް 19) - މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮވެ ނިންމާލުމުގެ އުއްމީދު ދޫކޮށްނުލާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާންލީ، އިންގްލެންޑް (އޭޕްރީލް 19) - މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮވެ ނިންމާލުމުގެ އުއްމީދު ދޫކޮށްނުލާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ފަހަތުން އަރައި ސައުތެމްޓަން އަތުން ހޯދި މޮޅާ އެކު ޗެލްސީ އޮތީ ރަނގަޅު ޓްރެކުގަ އެވެ. އެހެން ނަމަވެސް ލީގުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް 34 މެޗުން ވަނީ 68 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ އަށް 33 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ރަށުން ބޭރުގައި ބާންލީ ބަލިކޮށް ގަދަ ހަތަރަކާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު ޗެލްސީ އަށް އެބައޮތެވެ.

"އެންމެ ފަހު ކަށިގަނޑާ ހަމައަށް މަސައްކަތްކުރުން އޮތީ. ފުޓްބޯޅައިގައި އެ އުސޫލު އަހަރެން ގެންގުޅެނީ ހިތްވަރު ދުލެއް ނުކުރާނަން،" ކޮންޓޭ ބުންޏެވެ.

"ހަގީގަތަށް ބުނާނަމަ މިއީ އެންމެ ފަސޭހަ މަސައްކަތެއް ނޫން. ފަސް މެޗު އަހަރެމެންނަށް މި އޮތީ. އޮތް ފަރަގު ކުޑައެއް ނޫން (ގަދަ ހަތަރަކާ ދެމެދު). ހިތްވަރާ އެކު އެ އަމާޒަށް ވާސިލްވާން މަސައްކަތް ކުރުން ނޫން ގޮތެއް ނެތް."

އާދިއްތަ ދުވަހު އެފްއޭ ކަޕް ސެމީ ފައިނަލްގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗު އޮންނާތީ މިރޭ ޗެލްސީގެ ބައެއް ކުޅުންތެރިންނަށް އަރާމް ކުރުމުގެ ފުރުސަތުދިނުމުގެ ވިސްނުމެއް އެބަހުރި ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ލީގުގައި ބާންލީ އޮތް މަގާމަށް ބަލާއިރު މި މެޗުގެ އުނދަގޫކަން އެނގޭނެ ކަމަށެވެ.

"ބާންލީ އަށް މިއީ ވަރަށް ރަނގަޅު ސީޒަނެއް. އެ މީހުން އަތުން ތިން ޕޮއިންޓް އަތުލަން ފަސޭހައެއް ނުވާނެ،" ކޮންޓޭ ބުންޏެވެ.

ލީގުގައި ކުޅުނު 33 މެޗުން ލިބުނު 52 ޕޮއިންޓާ އެކު ބާންލީ އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. މިރޭގެ މެޗުން މޮޅުވެގެން ލީގުގެ ހަ ވަނަ އަށް ޖެހިލުމުގެ ފުރުސަތު ބާންލީ އަށް އެބައޮތެވެ.

ބާންލީ ވަނީ މި ފަހަރު ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ އަތުން މޮޅުވެފަ އެވެ. މިއީ ޗެލްސީ އަތުން 1973 ވަނަ އަހަރަށް ފަހު ބާންލީ އަށް ހޯދުނު ފުރަތަމަ މޮޅެވެ. މިރޭގެ މެޗަށް ނުކުންނައިރު ބާންލީގެ އަމާޒަކީ ޖެހިޖެހިގެން ދެ މެޗުން ޗެލްސީގެ މައްޗަށް ކުރި ހޯދުން ކަމަށް ބާންލީގެ ކޯޗު ސީން ޑައިޗް ވަނީ ބުނެފަ އެެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.