Roadha Mihaaru
ޗެލްސީ ބަލިވެ، ކޮންޓޭ އަށް ލީގުގެ އުއްމީދު ގެއްލިއްޖެ

ޗެލްސީ ބަލިވެ، ކޮންޓޭ އަށް ލީގުގެ އުއްމީދު ގެއްލިއްޖެ

09 ޑިސެމްބަރ 2017

ލަންޑަން (ޑިސެމްބަރު 9) - ރެލިގޭޝަނުގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވުމުން އިނގިރޭސި ޕްރިމިއާ ލީގު ދިފާއުކުރުމުގެ އުއްމީދު ގާތްގަނޑަކަށް ގެއްލިފައިވާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 9) - ރެލިގޭޝަނުގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވުމުން އިނގިރޭސި ޕްރިމިއާ ލީގު ދިފާއުކުރުމުގެ އުއްމީދު ގާތްގަނޑަކަށް ގެއްލިފައިވާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ލީގުގެ ތިން ވަނައިގައި އޮތް ޗެލްސީއާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް މިހާރު ވެސް އެބައޮތެވެ. މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ސިޓީ މޮޅުވެއްޖެނަމަ ޗެލްސީ އާއި ސިޓީއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު 14 ޕޮއިންޓަށް ބޮޑުވާނެ އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 15 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 15 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ ތިން ވަނައިގައި އޮތީ 16 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާރޭ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލިވަޕޫލަށް ލީގުގެ ތިން ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މިރޭ ލަންޑަން އޮލިމްޕިކްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ހަ ވަނަ މިނިޓްގައި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވެސްޓް ހޭމް އަށް ޖަހައިދިނީ އޮސްޓްރިއާގެ ފޯވާޑް މާކޯ އާނައުޓޮވިޗް އެވެ. މި މެޗުގައި ނަތީޖާ ހަމަހަމަ ކުރަން ޗެލްސީން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ތަނަވަސްކުރި އެއްވެސް ފުރުސަތަކުން ގޯލެއް ކާމިޔާބު ނުކުރެވުނެވެ.

ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ އޭނާގެ ނަޒަރުގައި ލީގުގެ ފުރަތަމަ 16 މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވި ޓީމަކަށް ލީގު ލިބުމަކީ ވަރަށް ދުރުގައި އޮތް ކަމެއް ކަމަށެވެ.

ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކޮންޓޭ.-- ފޮޓޯ: އޭއެފްޕީ

ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކޮންޓޭ.-- ފޮޓޯ: އޭއެފްޕީ

"އަހަރެމެން ގަބޫލުކުރަން ޖެހޭ މިއީ ކުޅުނު 16 މެޗުގެ ތެރެއިން އަހަރެމެން ބަލިވި ހަތަރު ވަނަ މެޗު. އަހަރެންގެ ތަޖުރިބާ އަށް ބަލާއިރު 16 މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވި ޓީމަކަށް ލީގު ހޯދުމަކީ ވާނެ ކަމެއް ނޫން. އަހަރެމެން އެހެން ޓާގެޓެއް ކަނޑައަޅަންވީ،" ކޮންޓޭ ބުންޏެވެ.

މިއީ ޑޭވިޑް މޮއިސް ވެސްޓް ހޭމްއާ ހަވާލުވި ފަހުން އެ ޓީމު ހޯދި ފުރަތަމަ މޮޅެވެ. މިދިޔަ ހަފްތާގައި ސިޓީ އަތުން ވެސްޓް ހޭމް ބަލިވީ އެ ޓީމު ލީޑުނަގާފައި އޮއްވައި ފަހަތުން އަރައި ސިޓީން ދެ ލަނޑު ޖެހުމުންނެވެ. މޮއިސް ބުނީ މި މެޗުގައި ވެސް އެ ޓީމުގެ ފަރާތުން ފެނުނީ ސިޓީ މެޗުގައި އެ ޓީމުން ދެއްކި ހިތްވަރު ކަމަށެވެ.

"އަހަރެމެންނަށް އިތުބާރު ލިބުނު ސިޓީ ދަނޑުގައި ދެއްކި ކުޅުމުން. އެކަމަކު އެ މެޗުގައި ނަތީޖާ އެންމެ ރަނގަޅެއް ނޫން. އެކަމަކު މި މެޗުގައި އަލުން އެ ހިތްވަރު ތަކުރާރު ކުރެވުމާ އެކު ނަތީޖާ ވެސް ނެރެވިއްޖެ،" މޮއިސް ބުންޏެވެ.

ކުޅުނު 16 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ވެސްޓް ހޭމް އޮތީ ލީގުގެ 18 ވަނައިގަ އެވެ.

މިރޭ ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން ވަނީ 5-1 އިން ސްޓޯކް ސިޓީ ބަލިކޮށް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ޓޮޓެންހަމާއި ލީގުގެ ހަ ވަނައިގައި އޮތް އާސެނަލާ އެއްވަރަށް 28 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ކުރީގައި އޮތީ ފައިދާ ލަނޑުންނެވެ.