Roadha Mihaaru
ޗެލްސީގެ ބަލިފައި ވެސްޓް ހޭމް އަށް އެނގޭނެ: ކޮންޓޭ

ޗެލްސީގެ ބަލިފައި ވެސްޓް ހޭމް އަށް އެނގޭނެ: ކޮންޓޭ

06 މާޗް 2017

ލަންޑަން (މާޗް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ވެސްޓް ހޭމް ޔުނައިޓެޑަށް ޗެލްސީގެ ބަލިފައި އެނގޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ވެސްޓް ހޭމް ޔުނައިޓެޑަށް ޗެލްސީގެ ބަލިފައި އެނގޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި ޗެލްސީގެ ލީޑު 10 ޕޮއިންޓަށް ފުޅާކުރަން މިރޭގެ މެޗުން އެ ޓީމު މޮޅުވުން މުހިއްމެވެ. ރޭ ޓޮޓެންހަމް މޮޅުވުމުން ޗެލްސީގެ ލީޑު މިހާރު އޮތީ ހަތް ޕޮއިންޓަށް ކުޑަވެފަ އެވެ.

ޗެލްސީ އެއް ވަނައިގައި އޮތީ 26 މެޗުން 63 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ ރޭގެ މޮޅާ އެކު 27 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ.

މި ސީޒަނުގައި ޗެލްސީ އިނގިރޭސި ލީގު ކަޕުން ކެޓީ ވެސްޓް ހޭމް އަތުންނެވެ. ވެސްޓް ހޭމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިދިޔަ އޮކްޓޫބަރު މަހު ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-1 އިންނެވެ.

"ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗަކުން އަހަރެމެން މި ސީޒަނުގައި ބަލިވެއްޖެ. އެހެންވުމުން އެ ޓީމަށް އަހަރެމެންގެ ބަލިފައި އެނގޭނެ. މިރޭގެ މެޗަށް ނުކުންނައިރު މިކަމަށް ސަމާލުވާންޖެހޭ،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ އެއް ސަރަހައްދަކަށް ނިސްބަތްވާ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު އެއްވެސް އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"މިއީ ލަންޑަން ޑާބީ އެއް. މި ސީޒަނުގައި އަހަރެމެން ލަންޑަނަށް ނިސްބަތްވާ ދެ ޓީމު އަތުން ބަލިވެއްޖެ. ޓޮޓެންހަމް އާއި އާސެނަލް ދަނޑުގައި އަހަރެމެން ބަލިވުމުން މި މެޗުގައި ވެސް އެކަން ތަކުރާރުވުމުގެ ފުރުސަތު އެބައޮތް،" ކޮންޓޭ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ސްވަންސީ ސިޓިއާ ދެކޮޅަށް ޗެލްސީގެ ސެސް ފަބްރެގަސް ދެއްކި މޮޅު ކުޅުމުގެ ސަބަބުން މި މެޗުގެ ފުރަތަމަ އެގާރައިން ވެސް އޭނާ އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. އަދި އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ އެޑެން ހަޒާޑަށް އަނިޔާވި ނަމަވެސް މި މެޗަށް އޭނާ ފިޓްވާނެ ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.

ކުޅުނު 26 މެޗުން 33 ޕޮއިންޓް ހޯދައިގެން ވެސްޓް ހޭމް އޮތީ ލީގުގެ 11 ވަނަައިގަ އެވެ. ވެސްޓް ހޭމްގެ ކޯޗު ކްރޮއޭޝިއާގެ ސްލަވެން ބިލިޗް ބުނީ ލީގުގެ އެއް ވަނައިގައި އޮތް ޓީމު އަތުން މޮޅުވެއްޖެނަމަ އެ ޓީމުގެ ކޮންފިޑެންސް ރަނގަޅުވެގެންދާނެ ކަމަށެވެ.

މިރޭގެ މެޗަށް ވެސްޓް ހޭމްގެ މިކޭލް އެންޓޯނިއޯ ސަސްޕެންޑްވެފައިވީ ނަމަވެސް އަނިޔާގެ ސަބަބުން އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުތަކުގައި ނުފެނުނު އެންޑީ ކެރޯލް މިރޭގެ މެޗަށް ވަނީ ފިޓްވެފަ އެވެ.

ޗެލްސީ އާއި ވެސްޓް ހޭމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.