Roadha Mihaaru
ވަޒީފާ ސަލާމަތްކުރަން ކޮންޓޭ އަށް ފަހު ފުރުސަތު

ވަޒީފާ ސަލާމަތްކުރަން ކޮންޓޭ އަށް ފަހު ފުރުސަތު

04 ނޮވެމްބަރ 2017

ލަންޑަން (ނޮވެމްބަރު 4) - ޗެލްސީގެ ކޯޗުކަމުގައި ދެމިހުންނަން ބޭނުންނަމަ މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރެން އެންޓޯނިއޯ ކޮންޓޭ އަށް ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (ނޮވެމްބަރު 4) - ޗެލްސީގެ ކޯޗުކަމުގައި ދެމިހުންނަން ބޭނުންނަމަ މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރެން އެންޓޯނިއޯ ކޮންޓޭ އަށް ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލީގުގެ 10 މެޗު ނިމުނުއިރު ޗެލްސީ އޮތީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން ނުވަ ޕޮއިންޓް ފަހަތުގަ އެވެ. ޔުނައިޓެޑް އަތުން ޗެލްސީ ބަލިވެ، ސިޓީ ކުޅޭ މެޗުން އެ ޓީމު އާސެނަލް އަތުން މޮޅުވެއްޖެނަމަ އެއް ވަަނައިގައި އޮތް ސިޓީއާ ޗެލްސީއާ ދެމެދު 12 ޕޮއިންޓަށް ފަރަގު ބޮޑުވާނެ އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ އަށް ޕްރިމިއާ ލީގު ހޯދައިދިން ކޮންޓޭ އެންމެ ފަހުން އެ ޓީމު ގޮވައިގެން ޗެމްޕިއަންސް ލީގުގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 3-0 އިން ބަލިވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ މެޗަށް ފަހު ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާއި ކޮންޓޭއާ ވަނީ ބައްދަލުކޮށްފަ އެވެ. އަދި މަގާމުގައި ދެމިހުންނަށް ބޭނުންނަމަ ނަތީޖާ ނެރެންޖެހޭކަން ކޮންޓޭ އަށް ވަނީ އަންގައިފަ އެވެ.

ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޗެލްސީގައި އޭނާ އަށް އެއްވެސް ޕްރެޝަރެއް އެބައޮތްތޯ ސުވާލުކުރުމުން އޭނާ ބުނީ ފުޓްބޯޅައިގައި ކޮންމެ ޓީމަކަށް އަދި ކޮންމެ މީހަކަށް ވެސް ޕްރެޝަރު އޮންނާނެ ކަމަށެވެ.

ކޮންޓޭ ބުނީ ލީގަށް ވާދަކުރާ ޓީމުތަކަށް މި ވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ ސިޓީ ކަމަށެވެ.

"ލީގަށް ވާދަކުރާ ހުރިހާ ޓީމަކަށް މި ވަގުތު ވަރަށް ބޮޑު ހުރަހެއް އެބައޮތް. އެއީ މެންޗެސްޓާ ސިޓީ. އެ ޓީމު މިހާރު އެ ކުރިޔަށްދާ ގޮތަށް ކުރިއަށް ގޮސްފިނަމަ އެ ޓީމު (ސިޓީ) ހުއްޓުވަން ވަރަށް އުނދަގޫވާނެ،" ކޮންޓޭ ބުންޏެވެ.

ފާއިތުވި ދުވަސްތަކުގައި މޮރީނިއޯ އާއި ކޮންޓޭ ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. ކޮންޓޭ ބުނީ މޮރީނިއޯ އޭނާ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަަށެވެ.

"ދެ ކޯޗުންގެ ގުޅުން ބަދަހިވާކަށެއް ނުޖެހޭ. އެކަމަކު އެކެއް އަނެކެއްގެ ވަޒީފާއަށް އިހުތިރާމް ކުރަން ޖެހޭ. ކޮންމެ ބަޔެއް ކަމުގައިވިޔަސް. އެކަމަކު އެ މަންޒަރު ވަކި ހާލަތްތަކުގައެއް ނުފެނޭ،" ކޮންޓޭ ބުންޏެވެ.

ޔުނައިޓެޑާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މާދަމާރޭ 21:30 ގަ އެވެ.