13 ޑިސެމްބަރ 2017
ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވި ފަދައިން ވިލާތުގެ އިއްތިހާދުން ވެސް އިޖާބަ ދިނުމަށް އެދި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ކުރެއްވި އާދޭސްތަކަށް އެ ޖަމާއަތުން އިޖާބައެއް ނުދިނެވެ.
ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވި ފަދައިން ވިލާތުގެ އިއްތިހާދުން ވެސް އިޖާބަ ދިނުމަށް އެދި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ކުރެއްވި އާދޭސްތަކަށް އެ ޖަމާއަތުން އިޖާބައެއް ނުދިނެވެ.
ބާވީސް އަހަރުގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރަކު ފުރަތަމަ ފަހަރަށް ވިލާތުގެ އިއްތިހާދަށް ކުރެއްވި ދަތުރުފުޅުގައި، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބްރަސެލްސްގައި މިދިޔަ ހޯމަ ދުވަހު ވަނީ ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ފެޑެރީކާ މޮޣެރީނީއާ ބައްދަލު ކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ނަތަންޔާހޫ އެދިވަޑައިގަތީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ވިލާތުގެ އިއްތިހާދުން ވެސް ބަލައިގަތުމަށެވެ. އަދި އިޒްރޭލުގައި ހުރި ވިލާތުގެ ގައުމުތަކުގެ އެމްބަސީތައް ގުދުސަށް ބަދަލުކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު ނަތަންޔާހޫއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި މޮޣެރީނީއާ ވިދާޅުވީ ފަލަސްތީނާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެވެން އޮތް ހަމައެކަނި ހައްލަކީ، ފަލަސްތީނުގެ މިނިވަން ދައުލަތަކާއި އިޒްރޭލުގެ މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށެވެ. އަދި އިޒްރޭލުން އެދުނު ގޮތަށް ވިލާތުގެ ގައުމުތަކުގެ އެމްބަސީތައް ގުދުސަށް ބަދަލުކުރެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ވިލާތުގެ އިއްތިހާދުން މި ކަމުގައި ގަބޫލުކުރާ ގޮތް އެންމެނަށް ވެސް އެނގޭނެ. ވިލާތުގެ އިއްތިހާދުން ގަބޫލުކުރާ ގޮތުގައި އިޒްރޭލާއި ފަލަސްތީނާ ދެމެދުގައިވާ ހަމަނުޖެހުންތައް ހައްލު ކުރަން އޮތް ހަމައެކަނި ގޮތަކީ، 1967 ވަނަ އަހަރުގެ ސަރަހައްދީ އިންތައް ހުރި ގޮތަށް، އަދި ގުދުސަކީ (އިރުމަތީ ގުދުސް އާއި ހުޅަނގު ގުދުސް) ދެ ގައުމުގެ ވެސް ވެރިރަށް ކަމުގައި ބަލައި، ފަލަސްތީނުގެ މިނިވަން ދައުލަތަކާއި އިޒްރޭލުގެ މިނިވަން ދައުލަތެއް ގާއިމުކުރުން،" ނޫސްވެރިންނާ ބައްދަލުކުރައްވައި މޮޣެރީނީއާ ވިދާޅުވި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އާއި ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ފެޑެރިކާ މޮޣެރީނީ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.
އޭނާ ވިދާޅުވީ އިޒްރޭލާއި ފަލަސްތީނާ ދެމެދު ދެކެވޭ ސުލްހައިގެ ވާހަކަތަކުން ވަކި ގޮތަކަށް ނިމެންދެން، ގުދުސްގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖްތަމައުން ގެންގުޅޭ ހަމަތަކާއި އުސޫލުތަކަށް ވިލާތުގެ އިއްތިހާދުން އިހްތިރާމް ކުރާނެ ކަމަށެވެ.
އިޒްރޭލުން 1967 ވަނަ އަހަރު ގުދުސް އަޅުވެތިކުރުމަށް ފަހު، އެއީ އިޒްރޭލުގެ ވެރިރަށް ކަމުގައި ކަނޑައެޅި ކަނޑައެޅުން އެމެރިކާ އިން ރަސްމީކޮށް ބަލައިގަތީ މި ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. އެކަން އިއުލާން ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ވެސް ވަރަށް އަވަހަށް ގުދުސަށް ބަދަލު ކުރައްވާނެ ކަމަށެވެ.
ޓްރަމްޕުގެ އެ ނިންމުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވަނީ އެމެރިކާއާ އިދިކޮޅު މުޒާހަރާތައް ފެށިފަ އެވެ. ފަލަސްތީނުގެ ބިންތަކުގައި ފަށާފައިވާ މުޒާހަރާތައް ހުއްޓުވުމަށް އިޒްރޭލު ސިފައިން ހަތިޔާރުގެ ބޭނުން ކުރުމުން މިހާތަނަށް ހަތަރު މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.
އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިން ވެސް ވަނީ، ޓްރަމްޕުގެ އެ ނިންމެވުން ކުށްވެރި ކުރައްވައި އެ ނިންމެވުން އަނބުރާ ގެންދެވުމަށް ގޮވާލައްވައިފަ އެވެ. ވިލާތުގެ ގިނަ ގައުމުތަކުގެ ވެރިން ވެސް ވިދާޅުވެފައިވަނީ އެ ނިންމެވުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުރައްކާ ވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
އެމެރިކާގެ އިންޒާރެއް އިޒްރޭލަށް
"ހުޅަނގު ގުދުސަކީ އިޒްރޭލުގެ ވެރިރަށެއް ނޫން"
އިނގިރޭސި އެމްބަސީ ގުދުސަށް ބަދަލުކުރަން ވިސްނަނީ
އިޒްރޭލުން ރަތް ރޮނގުތައް ހުރަސްކޮށްފި: ފަލަސްތީން
ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްކޮށްލައިފި
ޔަހޫދީން އަނެއްކާވެސް އަގްސާ މިސްކިތަށް ވަދެގެންފި
ޔަހޫދީންނަށް އަގްސާގައި އަޅުކަންކުރެވޭނެ: އިޒްރޭލް ކޯޓު
ޔަހޫދީން އަނެއްކާވެސް އަގްސާ އަށް ވަދެގެންފި
އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް އަރައިގެންފި
އިޒްރޭލުން ލުބްނާނަށް ބޮޑުބަޑީގެ ހަމަލާތަކެއް