Roadha Mihaaru
ބިލެއްދޫން މަގޫދޫއަށް ފެތި މީހަކު  މަރުވެއްޖެ

ބިލެއްދޫން މަގޫދޫއަށް ފަތާފައި ދާން އުޅުނު މީހަކު މަރުވެއްޖެ

08 ޑިސެމްބަރ 2017

ފ. މަގޫދޫގައި މިރޭ އިދިކޮޅު އިއްތިހާދުން ބާއްވާ ޖަލްސާއަށް އެ އަތޮޅު ބިލެއްދޫން ފަތާފައި ދިޔަ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ފ. މަގޫދޫގައި މިރޭ އިދިކޮޅު އިއްތިހާދުން ބާއްވާ ޖަލްސާއަށް އެ އަތޮޅު ބިލެއްދޫން ފަތާފައި ދިޔަ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

ގާތްގަނޑަކަށް ތިން މޭލަށް ވުރެ ދުރުގައި އޮންނަ މަގޫދޫއަށް ފަތާފައި ދަނިކޮށް މަރުވީ ބިލެއްދޫ ސާމަރާމަންޒިލް އިބްރާހިމް ނާހިދެވެ. އޭނާ މަރުވީ، މޫދަށް ފުންމާލިތާ މާގިނަ އިރުތަކެއް ނުވަނީސް މެއަށް ތަދުވާތީ ލޯންޗެއްގައި ރަށަށް ގެންގޮސް، އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މަގޫދޫގައި އޮންނަ އިދިކޮޅު ޖަލްސާއަށް ބިލެއްދޫން ޒުވާނުންތަކެއް ފަތާފައި ދަނީ

މަގޫދޫގައި އޮންނަ އިދިކޮޅު ޖަލްސާއަށް ބިލެއްދޫން ޒުވާނުންތަކެއް ފަތާފައި ދަނީ

ނާހިދު މަރުވީ ފަރުވާ ދެމުން އަންނަތާ ސާޅީހަކަށް މިނިޓް ފަހުންކަން ވެސް އެނގިފައި ވެ އެވެ.

ނާހިދާއެކު މޫދަށް ފުންމާލި މީހަކު ބުނިގޮތުގައި ނާހިދު މެއަށް ތަދުވެގެން ލޯންޗަށް ނެގީ، އެ ރަށު ބޭރު ތޮށިމަތިން އެ މީހުން މޫދަށް ފުންމާލައި، ދިހަވަރަކަށް ފޫޓު ދުރަށް ދިޔަ ފަހުންނެވެ. ފަތާފައި ދިޔަ 40 ޒުވާނުންނާއެކު، ތިން ލޯންޗާއި އިންޖީނު ދޯންޏެއް ވެސް ދިޔަ އެވެ.

ބިލެއްދޫން ފަތާފައި މަގޫދޫއަށް އައި އެމްޑީޕީ ސަޕޯޓަރުން މޫދުގައި. -- ޓްވިޓާ ފޮޓޯ: ރޮޒައިނާ އާދަމް

ބިލެއްދޫން ފަތާފައި މަގޫދޫއަށް އައި އެމްޑީޕީ ސަޕޯޓަރުން މޫދުގައި. -- ޓްވިޓާ ފޮޓޯ: ރޮޒައިނާ އާދަމް

"ނާހިދު މެއަށް ތަދުވާ ވާހަކަ ބުނުމާއެކު ކައިރީގައި އޮތް ލޯންޗަށް އަޅުގަނޑުމެން އޭނާ ނަގައިފިން. ލޯންޗަށް އެރީ ވެސް އޭނާ އަމިއްލައަށް. ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން އޭނާ ބުނި މެއަށް ކުޑަކޮށް ތަދުވާ ކަމާ ރަނގަޅުވާނެ ކަމަށް،" ނާހިދު ސިއްހީ މަރުކަޒަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހަކު ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ 38-35 ވަރަކަށް އަހަރުގެ ނާހިދު މަރުވީ ފަރުވާ ދެމުންދާތާ ސާޅީސް މިނިޓްފަހުން، ދެވަނަ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

މަރުވި ނާހިދުގެ އަންބަކާއި ދެ ފިރިހެން ދަރިން ތިބެ އެވެ.