Roadha Mihaaru
ނަޝީދު ދޫކުރައްވައި ދޮންބިލެއް ރައީސާ އެކު!

100 ޕަސެންޓް ޔަގީންކަން ދެއްވައި ދޮންބިލެއް ވިދާޅުވީ ހުންނަވާނީ ރައީސާ އެކު ކަމަށް

27 މެއި 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބިލެއްދޫ ދާއިރާގެ އަޣުލަބިއްޔަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބޭނެ ކަމުގެ ޔަގީންކަން އެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) މިރޭ ދެއްވައިފި އެވެ.

އިފްރާޒް އަލީ ފ. މަގޫދޫން އިފްރާޒް އަލީ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބިލެއްދޫ ދާއިރާގެ އަޣުލަބިއްޔަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބޭނެ ކަމުގެ ޔަގީންކަން އެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) މިރޭ ދެއްވައިފި އެވެ.

ރައީސް ފ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ މަގޫދޫގައި ބޭއްވި ޖަލްސާގައި ދޮންބިލެއް ވިދާޅުވީ، އޭނާ ތަމްސީލު ކުރައްވާ ދާއިރާ އަށް މި ނޫން ވެރިކަމެއްގައި މި ވަރުގެ ބޮޑު ތަރައްގީއެއް ގެނެސްދީފައި ނުވާތީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ހުންނަވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކަމަށެވެ.

"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން މަނިކުފާނަށް އަރުވަން، މި ބިލެއްދޫ ދާއިރާގެ ބޮޑު މެޖޯރިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އަންނަ ރިޔާސީ އިންތިހާބުގައި ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް): އޭނާ ވިދާޅުވީ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ކަމަށް.-- ފޮޓޯ: ރައީސް އޮފީސް

ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް): އޭނާ ވިދާޅުވީ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ކަމަށް.-- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ އެތެރޭގައި އުފެދުނު ފެކްޝަންގެ ކޯޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއަށް ދޮންބިލެއް އަރާވަޑައިގެންނެވިއިރު، އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެއް މެމްބަރެވެ. ނަޝީދު މީގެ އެތައް އަހަރެއް ކުރިން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވިއިރު ވެސް ދޮންބިލަތަކީ އެ މަސައްކަތްތަކުގައި ނަޝީދާ އެކު އެންމެ ގާތުން އުޅުއްވި އެއް ބޭފުޅާ އެވެ. އަދި އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ދާދި ފަހަކާ ޖެހެންދެން ވެސް ހުންނެވީ ނަޝީދާ އެކު އެވެ.

އެކަމަކު، އެހާ ގާތުން އުޅުއްވުމަށް ފަހު ކުއްލި ގޮތަކަށް ނަޝީދު ދޫކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ސިޔާސީ ކަންކަމުގައި ހުންނަވަން ދޮންބިލެއް ނިންމެވި ސަބަބެއް ނޭނގެ އެވެ.

އަޅުގަނޑު ފަހުރުވެރިކަމާއެކުގައި މިއަދު ބުނެލަން ބޭނުން ހަމަގައިމު ވެސް މި ބިލެއްދޫ ދާއިރާއަކަށް ވުރެ ވަކިން ތަރައްގީގެ މުހިންމު ޕްރޮޖެކްޓުތަކެއް ހިންގުނު އެއްވެސް ދާއިރާއެއް މި ދިވެހިރާއްޖެއަކު ނޯންނާނެ: ދޮންބިލެއް

މިރޭގެ ޖަލްސާގައި ދޮންބިލެއް ވިދާޅުވީ ކުރީގެ އެއްވެސް ސަރުކާރަކުން ބިލެއްދޫ ދާއިރާ އަށް ކަންކަން ނުކޮށްދޭތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެ، އުއްމީދު ވެސް ކަނޑާލައިގެން ކަމަށެވެ. އެކަމަކު މި ސަރުކާރުން އެ މާޔޫސްކަމަށް ނިމުމެއް ގެނެސްދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ފަހުރުވެރިކަމާއެކުގައި މިއަދު ބުނެލަން ބޭނުން ހަމަގައިމު ވެސް މި ބިލެއްދޫ ދާއިރާއަކަށް ވުރެ ވަކިން ތަރައްގީގެ މުހިންމު ޕްރޮޖެކްޓުތަކެއް ހިންގުނު އެއްވެސް ދާއިރާއެއް މި ދިވެހިރާއްޖެއަކު ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ދޮންބިލެއް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމަށް އޭނާ އަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުންނެވެ.

"ބިލެއްދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ދޮންބިލެއް ހަލީމު މަޖިލީހުގައި އިންނަން ޖެހެއޭ. ދެން އަޅުގަނޑު ވިސްނީ ކީއްވެގެންތޯ އިންނަން ޖެހެނީ؟ މިއަދު އަޅުގަނޑު އެނގެނީ އަޅުގަނޑު އިންނަން ޖެހޭ ސަބަބަކީ ސަރުކާރު ހިފެހެއްޓުމަށްޓަކައި މަޖިލިސް ތެރޭގައި ކުރަން ޖެހޭ ކަންކަން ކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ ވަރަށް ބުރަ މަސައްކަތް ކޮށްގެން މަޖިލީހަށް އައީ."

ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މަޖިލީހަށް ހޮވިވަޑައިގަތުމާއެކު، މި ދާއިރާގެ ތަރައްގީއަށް ވަރަށް ގިނަ ފުރުސަތުތައް ދެއްވި ކަމަށް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ދޮންބިލެއް ވިދާޅުވި އެވެ.

"އަޅުގަނޑު މި ފުރުސަތުގައި ރައީސަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. ވަރަށް ދަތި ހާލެއްގައި އަޅުގަނޑުމެންގެ މި ދާއިރާގެ ރަށްތަކުގެ މަސައްކަތްތައް ކުރުމަށް ތި ދެއްވި ބަޖެޓާއި ހިތްވަރަކީ ކޮންމެ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ދާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ދޮންބިލެއް ވިދާޅުވީ، އެއްވެސް މީހެއްގެ ނުފޫޒުގެ ދަށުގައި ނުވާނެ ކަމަށާއި މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފައިދާ އަށް ކަމަށެވެ.

އެމްޑީޕީގެ މި އަހަރުގެ ޕްރައިމަރީގެ ބޮޑު ނާކާމިޔާބީ އަށް ފަހު، ނަޝީދު އިސްވެ، "ފިކުރެއްގެ ދިރުން" ނަމުގައި އުފެއްދެވި ފެކްޝަން މިހާރު މިސްރާބު ޖަހާފައި ވަނީ އެމްޑީޕީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. އެކަމަކު ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ. ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމުގެ އިސް މެމްބަރުން އެމްޑީޕީން ވަކިވެ، އުފައްދަން ނިންމާފައިވާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ މިދިޔަ ހަފުތާގެ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ. އެ ބޭފުޅުން މިހާރު ގެންދަވަނީ އެ ޕާޓީ އުފައްދަން ބޭނުންވާ 3،000 މީހުންގެ ސޮއި ހޯދަމުންނެވެ.