Roadha Mihaaru
ފ. ގެ ޗެމްޕިއަންކަން ބިލެއްދޫ އާއި މަގޫދޫ އަށް

ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެއްދޫ އާއި މަގޫދޫ ހޯދައިފި

24 މާޗް 2022

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ ފިރިހެން ޗެމްޕިއަންކަން ބިލެއްދޫ ރައިޒިން ސްޓާސް ހޯދައިފި އެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ ފިރިހެން ޗެމްޕިއަންކަން ބިލެއްދޫ ރައިޒިން ސްޓާސް ހޯދައިފި އެވެ.

މަގޫދޫގައި ކުޅުނު މުބާރާތުގެ ފައިނަލު މެޗުގައި ބިލެއްދުއާ ދެކޮޅަށް ނުކުތީ އަމިއްލަ ރަށުގައި ކުޅުނު މަގޫދޫ ޒުވާނުންގެ ކްލަބެވެ. އެކަމަކު ބިލެއްދުއިން ވަނީ 3-2 ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ.

ފުރަތަމަ ސެޓް ބިލެއްދުއިން ކާމިޔާބު ކުރީ 25-22 ންނެވެ. ދެވަނަ ސެޓާއި ތިންވނަ ސެޓް ކާމިޔާބު ކުރީ މަގޫދުއިންނެވެ. އެޓީމުން ސެޓްތައް ގެންދިޔައީ 25-18 އަދި 25-18 އިންނެވެ. ޖެހިގެން އައި ސެޓް މަގޫދުއިން ގެންދިޔަނަމަ މެޗު އެޓީމަށް ކާމިޔާބު ކުރެވުނީހެވެ.

އެކަމަކު ބިލެއްދުއިން މެޗުގެ ތެރެއަށް އެނބުރި އައިސް ފަހު ދެ ސެޓް ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ކަށްވަރު ކުރި އެވެ. އެޓީމުން ފަހު ދެސެޓް ކާމިޔާބު ކުރީ 25-22 އަދި 15-5 ންނެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅު މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދަރަނބޫދޫ މުބާރާތުގެ ތަށި އުފުލަލާލަނީ

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅު މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދަރަނބޫދޫ މުބާރާތުގެ ތަށި އުފުލަލާލަނީ

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މަގޫދޫ ޒުވާނުންގެ ކްލަބުން ހޯދީ، ރޭ ކުޅުނު ފައިނަލް މެޗުގައި ދަރަނބޫދޫ ޕާޕަލް ޕަވާ ޕާޕަލްސް މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިގެންނެވެ. މަގޫދޫއިން މެޗު ކާމިޔާބު ކުރީ 25-23، 25-8 އަދި 25-11 އިންނެވެ.

އަތޮޅު މުބާރާތް ކާމިޔާބު ކުރުމުން، މަގޫދޫ އާއި ބިލެއްދޫ ވަނީ ޒޯން 4 ގެ ބުރަށް ކޮލިފައި ވެފަ އެވެ. އެޒޯންގައި ހިމެނޭނީ ފ. އަތޮޅުގެ އިތުރުން މ އަދި ދ އަތޮޅެވެ. ވީއޭއެމް އިން ވަނީ ހަތް ޒޯނަކަށް މުޅި ރާއްޖެ ބަހާލައިފަ އެވެ. އަތޮޅަކުން އެއް ޓީމު ބައިވެރިވެއްޖެ ނަމަ އެ ޓީމަކީ އެ އަތޮޅުގެ ޗެމްޕިއަން ޓީމު ކަމަށް ކަނޑައަޅައި ޒޯން ބުރަށް ކޮލިފައި ވާނެ އެވެ. ޒޯން ބުރަށް ކޮލިފައިވާ ޓީމު އެހާ ހިސާބުން މުބާރާތުން ވަކިވިޔަސް އެ އަތޮޅެއްގެ އެހެން ޓީމަކަށް އެ ފުރުސަތު ނުދިނުމަށް ވީއޭއެމްއިން ވަނީ ހަމަޖައްސައިފަ އެވެ.

ވީއޭއެމުން މިހާރު ވަނީ ގދ. އަތޮޅުގެ މުބާރާތް އެއަތޮޅު ވާދޫގައި ބާއްވަން އިއުލާންކޮށް މުބާރާތުގައި ވާދަކުރަން ބޭނުންވާ ރަށްރަށަށް ފުރުސަތު ހުޅުވައިލައފަ އެވެ. އަދި ލ. އަތޮޅުގެ މުބާރާތް ފޮނަދޫގައި ބޭއްވުމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.