Roadha Mihaaru
ރާއްޖެ ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި

ރާއްޖޭގެ ސަރަހައްދަށް ގަވައިދާހިލާފަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓް އަތުލައިގެންފި

28 ނޮވެމްބަރ 2017

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާހިލާފަށް ވަތް ސްރީލަންކާގެ ދެ މަސް ބޯޓް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާހިލާފަށް ވަތް ސްރީލަންކާގެ ދެ މަސް ބޯޓް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ވ. އަތޮޅާ ދިމާލު ބޭރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ލަންކާގެ ދެ މަސް ބޯޓް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ދެ ބޯޓް ފެނިފައިވަނީ އެމްއެންޑީއެފުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާ ކުރަމުން ދަނިކޮށް ކޯސްޓްގާޑުގެ ލޯންޗަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ދެ މަސްބޯޓުގައި ވެސް ފަސް މީހުން ތިއްބެވެ.

މި މަހުގެ 18 ވަނަ ދުވަހު ވަނީ ރާއްޖެ ސަރަހައްދުން ލަންކާގެ ހަތަރު މަސްބޯޓް ފެނިފަ އެވެ. އެކަން މަސްވެރިންތަކެއް ސިފައިންނަށް އެންގުމުން ސިފައިން ޗެކް ކުރުމަށްފަހު އެ ބޯޓްތަކަކީ ހުއްދަ ނަގައިގެން ވަތް ބޯޓްތަކެއް ކަމަށް ބުނެ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

އެހެން ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ ސަރަހައްދުން ފެނުނު ސްރީ ލަންކާގެ މަސްބޯޓުތައް ރާއްޖޭ ސަރަހައްދަށް ވަދެފައި ވަނީ ހުއްދަ ނެތި ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރާ ބޭރުގެ ބޯޓުތައް ދޭތެރެ ދޭތެރެއިން ފެނެ އެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އިނޮސެންޓް ޕެސެޖް (އެއް ގައުމުން އަނެއް ގައުމަށް ދާން ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ) އަދި ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ރާއްޖެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ނަމަ ހުއްދަ ނަގަން ޖެހެ އެވެ.