Roadha Mihaaru
އެއީ ކުންޏެއް ނޫނެވެ. އެއީ ދިވެހިންގެ ވާހަކައެވެ.

އެއީ ކުންޏެއް ނޫނެވެ. އެއީ ދިވެހިންގެ ވާހަކައެވެ.

29 ނޮވެމްބަރ 2017

ދިވެހި ގައުމު ގައުމަކަށް ވަނީ ދިވެހިންގެ މާދަރީ ބަހާއި، ދިގު ތާރީހާއި، އަގުހުރި އާދަކާދަ އާއި، އަމިއްލަ އުފެއްދުންތަކާއި، އާޝޯހުވާ ފަދަ އިމާރާތްތަކާއި، ލޮލަށް ފަސޭހަ ކުރެހުންތަކާއި، ކާބަފައިންގެ އާދަޔާ ހިލާފު މޮޅު މަސައްކަތްތެރިކަން ދައްކުވައިދޭ ފަރުމާވެރިކަމާއި، އަސަރުން ފުރިގެންވާ ޅެންވެރިކަމާއި ދިވެހި ރައްޔިތުން އެކުވުމުންނެވެ. މި ތަކެތިން ދިވެހިންނަކީ ފިސާރި ބައެއްކަން ދައްކުވައިދެއެވެ. ދިވެހިންނަކީ ވެސް އިންސާނީ ހަލޯރަތުގެ މުއްސަނދިކަމަށް ހިއްސާއެއް ދިން ބައެއްކަން އެނގެއެވެ. މި ތަކެއްޗާ ނުލައި އަހަރެމެންނަކީ ދިވެހިންނޭ ނުބުނެވޭނެއެވެ. އަހަރެމެންގެ މަރުކާއަކީ އެއީ އެވެ. މި ތަކެތި ނެތް ނަމަ އަހަރެމެންނަކީ ހަފޮޅެއް ނެތް ގޮފަޅުންތަކެކެވެ.

އަހަރެމެންގެ ކާބަފައިން އަހަރެމެންނާ ހަމައަށް މި ގައުމު ގެނެސްދީފައިވަނީ އެތެރޭގައި އެއްޗެއް ނެތް ހުސް ތޮށިގަނޑެއްގެ ގޮތަކު ނޫނެވެ. އެމީހުން އަތްފައި ކޮށައިގެން، ލެޔާއި ދާ އޮހޮރުވައިގެން، މި ގައުމު އިމާރާތްކޮށް މި ގައުމު މިނިވަން ގައުމެއްގެ ގޮތުގައި އަހަރެމެންނާ ހަވާލުކުރީ މުއްސަނދި ގައުމީ ތަރިކައަކާ އެކުގައެވެ. ފަހުރުވެރި މާޒީއަކާ އެކުގައެވެ.

އަލި ރަސްގެފާނުގެ ޒިޔާރަތަކީ ދިވެހިންގެ މާޒީގެ ވާހަކައިގެ ބައެކެވެ. އެއީ މާޒީގެ ތެރެއިން ފުރޭނިގެން އައިސް އެ ވާހަކައިން އަހަރެމެންނަށް ފެންނަން ހުރި ބައެކެވެ. ބޮޑުތަކުރުފާނުގެ ޒިޔާރަތޭތޯއެވެ. ބޮޑުތަކުރުފާނުގެ ޒިޔާރަތް ފެންނަ ކޮންމެ ފަހަރަކު އެމަނިކުފާނުގެ ގައުމީ ހިދުމަތް ހިތަށް ވަދެ ގައުމީ ލޯބި މޭގައި އުތުރި އަރަން ފަށައެވެ. އެ ޒިޔާރަތާ ނުލައި ދިވެހިންގެ ގައުމީ ވާހަކަ ފުރިހަމައެއް ނުވެއެވެ. ހުކުރު މިސްކިތާއި އެ މިސްކިތުގެ ހަރިންމައިގެ ތެރޭގައި ހުރި ޒިޔާރަތްތަކާއި ކީލަތަކުން ދިވެހިންގެ ތާރީހަށް އިތުރު އަލިކަމެއް ގެނެސްދެއެވެ. ދިވެހިންގެ ވާހަކައިގެ ތެރޭގައި ހުކުރު މިސްކިތާއި އެ މިސްކިތުގެ ހަރިންމައިގެ ތެރޭގައި ހުރި ތަންތަން ހިމެނެނީ އެތައް ގޮތަކަށެވެ. ދިވެހިން ދިވެހިންގެ ދީނަށް ކުރި އިހުތިރާމެވެ. ދިވެހިންގެ މަސައްކަތްތެރިކަމެވެ. ދިވެހިންގެ ތައުލީމެވެ. ދިވެހިންގެ ތާރީހެވެ. ދިވެހިންގެ ސަގާފަތެވެ. އެ މިސްކިތާ ގުޅިފައިވާ ތާރީހީ ވާހަކަތަކެވެ.

ބިހުރޯޒު މިސްކިތާ ޖެހިގެން ހަދާފައިވާ ބޮޑުތަކުރުފާނުގެ ޒިޔާރަތް: ރާއްޖޭގެ ތާރީޚު ފުރިހަމަ ވަނީ މި ކަހަލަ ޒިޔާރަތްތަކާ އެކު --ފޮޓޯ/މިހާރު

ބިހުރޯޒު މިސްކިތާ ޖެހިގެން ހަދާފައިވާ ބޮޑުތަކުރުފާނުގެ ޒިޔާރަތް: ރާއްޖޭގެ ތާރީޚު ފުރިހަމަ ވަނީ މި ކަހަލަ ޒިޔާރަތްތަކާ އެކު --ފޮޓޯ/މިހާރު

ދިވެހިންގެ މާޒީގެ ވާހަކަ އަކީ ފޮތެއްގައި ލިޔެވިފައި އޮތް އެއްޗެއް ނޫނެވެ. ދިވެހިންގެ މާޒީއަށް އަލިކަމެއް ލިއްބައިދޭ ހަމައެކަނި ހެކިތަކަކީ މާޒީގެ ތެރެއިން ފުރޭނިގެން މިއަދާ ހަމައަށް އައިސްފައި ހުރި ތަރިކައެވެ. ދިވެހިންނަކީ ކޮން ބައެއްކަން އަންގައި ދެނީ އެ ތަރިކައިންނެވެ. އާސާރީ މިސްކިތްތަކާއި އެ މިސްކިތްތަކުގެ ހަރިންމައިގެ ތެރޭގައި ހުރި ބިސްތާނުތަކާއި ކީލަތަކުގައި ދިވެހިންގެ ތާރީހު، ކަވި މަސައްކަތުން ކަނޑާ ނަގައިގެން ލިޔެފައި އެބަ ހުއްޓެވެ. އެ ލިޔުންތަކާއި ކުރެހުންތަކުން ކާބަފައިންގެ ހަބަރު ދަބަރު އެނގެން އެބަ ހުއްޓެވެ. އެއިން ކޮންމެ ގަލަކުން ވެސް ދިވެހިންގެ ވާހަކަ އެބަ ކިޔައިދެ އެވެ. އެ ތަކެތި ދަމަހައްޓައިގެން މެނުވީ އަހަރެމެންގެ ދަރިދަރިކޮޅަށް ދިވެހިންގެ ވާހަކަ މުއުތަބަރު ގޮތެއްގައި ރައްދުކޮށްދެވޭނެ ގޮތެއް ނޯންނާނެއެވެ.

ހުކުރު މިސްކިތުގެ ގޯތިތެރޭގައި އަލަށް ތަރައްގީކުރަން އުޅޭ ސަރަހައްދު: މިއީ ވެސް ހުސްކޮށް ބާއްވަން ޖެހޭ ތަނެއް ---ފޮޓޯ: ނިޝާން އަލީ/މިހާރު

ހުކުރު މިސްކިތުގެ ގޯތިތެރޭގައި އަލަށް ތަރައްގީކުރަން އުޅޭ ސަރަހައްދު: މިއީ ވެސް ހުސްކޮށް ބާއްވަން ޖެހޭ ތަނެއް ---ފޮޓޯ: ނިޝާން އަލީ/މިހާރު

މި ބުނި ގައުމީ ތަރިކަ އަދު މިވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އަމުދުން ބައެއް ކަންކަން ވަނީ ގެއްލި ހުސްވެފައެވެ. ޝަހީދުވި އަލިރަސްގެފާނުގެ ޒިޔާރަތުގެ ތެރޭގައި ނަޖިސް ބުންބާކުރާ ކޮށާރައެއް ހަދަނީއެވެ. ބޮޑުތަކުރުފާނުގެ ޒިޔާރަތް ހުރި ތަނުގައި ގިނަ ބޭނުންތަކެއް ކުރެވޭ އުސް އިމާރާތެއް ހަދަނީއެވެ. ހުކުރު މިސްކިތުގެ ހަރިންމައިގެ ތެރޭގައި ބޯކިބާ ވިއްކައި ސިނގިރޭޓު ބޯ ސައި ހޮޓަލެއް އަޅަނީއެވެ. ހިރިގަލުން ހަދާފައިވާ ރީތި ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ފަހު އެ ގާތަށް ހުރީ ގޯނި ގޯންޏަށް އަޅައި ތުން ބަނދެފައެވެ.

މިތަންތަން ނެތި ދިއުމަކީ ދިވެހިން ފަހުރުވެރިވާ ދިވެހިންގެ ވާހަކަ ގެއްލި ދިއުމެވެ. ދިވެހިންގެ މާޒީ ފޮހެލުމެވެ. ކާބަފައިންގެ ހިދުމަތާއި މަސައްކަތުގައި ކޮޅުފައިން ޖެހުމެވެ. ނަތީޖާއަކަށް ވެގެންދާނެ ގޮތަކީ، އަހަރެމެންގެ ދަރިންނަށް އެ މީހުންނަކީ ކިހިނެއް، ކޮން ތާކުން އައި ކޮން ބައެއްކަން ނޭނގުމެވެ.