Roadha Mihaaru
ގަމުން ފެނުނީ 900 އަހަރުވީ ބުދެއް

ގަމުގައި ފްލެޓް އަޅާ ސަރަހައްދު ކޮންނަނިކޮށް ފެނުނީ 900 އަހަރުވީ ބުދެއް

05 ފެބުރުއަރީ 2023

ލ. ގަމުގައި ފްލެޓް އަޅާ ސަރަހައްދު ކޮންނަނިކޮށް، ރާއްޖެ އިސްލާމްވުމުގެ ކުރިން ދިވެހިން އަޅުކަންކޮށް އުޅުނު ބުދެއް އިއްޔެ ފެނިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލ. ގަމުގައި ފްލެޓް އަޅާ ސަރަހައްދު ކޮންނަނިކޮށް، ރާއްޖެ އިސްލާމްވުމުގެ ކުރިން ދިވެހިން އަޅުކަންކޮށް އުޅުނު ބުދެއް އިއްޔެ ފެނިއްޖެ އެވެ.

ރާއްޖޭގެ ތާރީހާއި ސަގާފަތް ހިމާޔަތްކޮށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ބުނި ގޮތުގައި، ހިރިގަލުން ހަދާފައިވާ އެ ބުދު ފެނުނީ މުކުރިމަގު އަވަށުގައި މިހާރު ފްލެޓް އަޅަމުން އަންނަ ސަރަހައްދުން ނެގި ވެލިތަކުގެ ތެރެއިންނެވެ.

އެތަނުން ނެގި ވެލި ހުރީ އެތަނާ ކައިރި ހިސާބެއްގައި ފުންޏަކަށް ޖަހައިފަ އެވެ. ބުދު ފެނުނީ އެ ވެލިފުނި ފަތުރާލިތަނާ އެވެ.

ގަމުގައި ހިންގަމުން އަންނަ، އެ ޖަމިއްޔާގެ ރައީސް ތޯހާ އަބޫބަކުރު "މިހާރު" އަށް ވިދާޅުވީ އެ ބުދުގައި ހަތް އިންޗި ހުރި ކަމަށެވެ. މިހާރު އެ ބުދު އޮތީ ޖަމިއްޔާގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ މިއީ ރާއްޖެ އިސްލާމްވުމުގެ މާ ކުރިން، ގާތްގަނޑަކަށް މީގެ 900 އަހަރު ކުރިން މީހުން އަޅުކަންކޮށް އުޅުނު ބުދެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ދައުލަތް މީލާދީން 1153 ގައި އިސްލާމްވީއިރުގައި، ލ. އަތޮޅުގެ މީހުން އިސްލާމްވި ކަމަށް ބުނަނީ 1193-1194އާ ދެމެދުގައި. އެހެންވެ މިއީ އެހާ ކުރީގެ ބުދެއް ކަމަށް ބެލެވޭ."

މީގެ ކުރިން، އެ އަތޮޅު ކަލައިދޫން ވެސް ހަމަ މި ކަހަލަ ބުދުތަކެއް ފެނުނެވެ. އެ އެއްޗެހި ގައުމީ ދާރުލްއާސާރުގައި ބަހައްޓާފައި އެބަހުއްޓެވެ. އެ ބުދުތަކަކީ ވެސް މީގެ 10 ވަރަކަށް ގަރުނު ކުރީގެ އެއްޗެއްސެވެ.

އިހު ޒަމާނުގައި ގަމުގައި ހުންނަ ހަތްތެއްޔަކީ ދިވެހިން ބުދަށް އަޅުކަން ކުރި ޒަމާނުގެ މައި މަރުކަޒުގެ ތެރެއިން އެއްތަން ކަމަށް ބުނެ އުޅެ އެވެ. އެ ހަތްތެލީގެ މިހާރުގެ އުސްމިނަކީ ގާތްގަނޑަކަށް 35 ފޫޓެވެ. ހަތްތެލީގެ އެންމެ ތިރީގެ ވަށަމިނަކީ ގާތްގަނޑަކަށް 315 ފޫޓެވެ.

ރާއްޖޭގެ އާސާރީ ތަންތަން ދިރާސާކުރެއްވުމުގެ ގޮތުން އެޗްސީޕީ ބެލް ވަނީ މާޗު 12، 1922 ގައި ގަމުގެ ހަތްތެލި ކޮނުމުގެ މަސައްކަތްކުރައްވައިފަ އެވެ. ބެލް، ހަތްތެލި ކޮނެގެން ނެގި ތަކެއްޗަކީ ބުދެއްގެ މޫނުގެ ބަޔަކާއި އިށީންދެގެން އިންނަ ބައްޓަމަށް ހަދާފައިވާ ކުޑަ ބުދެއްގެ ބަޔަކާއި އަދި ބުދެއްގެ އަތާއި ފައިފަދަ ބައެއް ބައިތަކެވެ.

ހަތްތެލީގެ ކައިރީގައި ހުރި އެކިއެކި އުސްގަނޑުތައް ދިރާސާކުރައްވާ އެ ތަންތަނަކީ ވެސް ބުދު ދީނުގެ މީހުން އަޅުކަން ކުރުމުގައި ބޭނުންކުރާ ތަންތަނާއި އެއްގޮތް ކަމެއް ހުރި ތަންތަން ކަމަށް ބެލް ނިންމެވި އެވެ.