Roadha Mihaaru
ފުލްމޫންގައި މުޒާހަރާކުރި 3 މީހުން ވަކިކުރީ ރަނގަޅަށް

ފުލްމޫން ރިސޯޓްގައި މުޒާހަރާ ކުރި ތިން މީހުން ވަކިކުރީ ރަނގަޅަށް: ހައި ކޯޓު

26 ނޮވެމްބަރ 2017

ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓްގައި ކުރި މުޒާހަރާތަކަކާ ގުޅިގެން އެ ރިސޯޓްގެ ވަޒީފާ އިން ތިން މީހަކު ވަކި ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓްގައި ކުރި މުޒާހަރާތަކަކާ ގުޅިގެން އެ ރިސޯޓްގެ ވަޒީފާ އިން ތިން މީހަކު ވަކި ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނާ މެދު ތަފާތުކުރާ ކަމަށް ބުނެ އޭޕްރީލް، 2014 އާއި މެއި، 2014 ގައި ފުލްމޫން ރިސޯޓްގައި މުޒާހަރާކުރި މައްސަލައިގައި ވަކިކުރި ހަތަރު މީހަކަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފައި ވަނިކޮށް އެ ނިންމުން ހައި ކޯޓުން މިއަދު ބާތިލްކުރީ އެ ރިސޯޓް ހިންގާ ފުރަހަނި ހޯލްޑިންގްސް ކުންފުނިން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެ އެއްވުންތަކުގައި ބައިވެރިވި ކަމަށް އެ ތިން މީހުން ވެސް އިންކާރު ނުކުރާ އިރު އެ އެއްވުންތަކުގައި އެ މީހުން ބައިވެރިވީ އެކަން ނުކުރަން ރިސޯޓުން އަންގާފައި ވަނިކޮށް ކަމަށެވެ. އަދި އެ މުޒާހަރާ ބާއްވާފައިވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާ ބެހޭ ގާނޫނުގެ ދަށުން ހޯދަންޖެހޭ ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި ކަމަށްވާތީ އެ އެއްވުންތަކަކީ ގާނޫނާ ޚިލާފް އެއްވުންތަކެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެ އެއްވުންތައް ބޭއްވީ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަންގެ އިސް ނެގުމަކަށް ކަމަށް އެ ތިން މީހުންގެ ފަރާތުން ބުނެފައިވިޔަސް އެކަން ސާބިތުކޮށް ނުދެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން، ނޯޓިސް ދިނުމެއް ނެތި ވަޒީފާ އިން ވަކި ކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖްރާއީ އަދުލުވެރިކަން އެ ތިން މީހުން ވަކި ކުރުމުގައި ވަނީ ފުރިހަމަވެފަ އެވެ. މައުޟޫއީ އަދުލުވެރިކަން ގާއިމް ކުރުމަކީ މުވައްޒަފަކު ވަކި ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތުމެވެ.

އެ މީހުން ވަކިކުރީ އެއްވުންތަކުގައި އެ މީހުން އަމަލުކުރި ގޮތުން، އެ މީހުން އިތުރަށް ވަޒީފާގައި ބައިތިއްބައިފި ނަމަ އެ މީހުންގެ ސަބަބުން ރިސޯޓަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށްވާ އިރު އެއީ ވަޒީފާ އިން ވަކި ކުރުމަށް އެކަށީގެންވާ ސަބަބެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ގާއިމް ކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އާންމު އުސޫލުން އިޖްރާއީ އަދުލުވެރިކަން ގާއިމް ކުރުމަކީ މުވައްޒަފު ވަކި ކުރުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ މައުލޫމާތު މުވައްޒަފަށް ދިނުމާއި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ އިތުރަށް އެ މައްސަލައެއް އިދާރީ ގޮތުން ތަހުގީގު ކުރުން ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް ތުހުމަތު ކުރެވޭ ކަންކަމަކީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުންނަ ކަންތައްތަކެއް ކަމަށްވާ ނަމަ ކޮންމެހެން ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ނުޖެހޭނެ ކަމަށާއި އެ ގޮތަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އެ ތިން މީހުންނަށް ތުހުމަތު ކުރެވުނީ ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ތުހުމަތު ކަމަށް ވެފައި އެއީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރި ކަންތައްތަކެއް ކަމަށްވާތީ، އެ މީހުން ވަކި ކުރުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު އެ މީހުންނަށް ކޮންމެހެން ދޭން ނުޖެހޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެެއްލެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.