Roadha Mihaaru

ހދ. އަށް 1500 ޓޫރިސްޓް އެނދު އެބަ އިތުރުވޭ: ރައީސް

ހދ. ކުޅުދުއްފުށީ ހިމެނޭ ސަރަހައްދަށް 1500 ޓޫރިސްޓް އެނދާއެކު ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މި ރޭ ވިދާޅުވެއްޖެ އެވެ.

ހދ. އަށް 1500 ޓޫރިސްޓް އެނދު އެބަ އިތުރުވޭ: ރައީސް
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

12 ނޮވެމްބަރ 2017

ހދ. ކުޅުދުއްފުށީ ހިމެނޭ ސަރަހައްދަށް 1500 ޓޫރިސްޓް އެނދާއެކު ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މި ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް ހަ އަހަރު ފުރުން ފާހަގަ ކުރުމަށް "އުދުހޭ" ނަމުގައި ކުޅުދުއްފުށީގައި ކުރިއަށްގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ ސަރަހައްދުގައި ޓޫރިޒަމަށް ތައްޔާރު ކުރާނެ ރަށްތަކާއި ބޮޑެތި ފަޅުތައް އެބަހުރި ކަމަށާއި އެގޮތުން 1000 ހެކްޓަރަށް ވުރެ ބޮޑު ފަޅަކާއި 700 ހެކްޓަރަށް ވުރެ ބޮޑު ފަޅެއް އޮތްއިރު ވަރަށް އަވަހަށް އެތަންތަން ޓޫރިޒަމަށް ތަރައްގީކުރާނެ ފަރާތްތަކެއް ހޯދުމަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

"ރިސޯޓެއް ތަރައްގީ ކުރަން މިހާރު ދެ އަހަރެއް ބޭނުމެއް ނުވޭ. އެއް އަހަރު ތެރޭ ރިސޯޓް ތަރައްގީ ކުރެވޭ. ކުޅުދުއްފުށީ ސަރަހައްދަށް އެކަނި އަޅުގަނޑަށް މިހާރު ލިބިފައި ހުރި ތަފާސް ހިސާބްތަކަށް ބަލާއިރު 1500 އެނދު އެބަ އިތުރު ކުރެވޭ. ސީދާ ރިސޯޓުތަކުގެ ވަޒީފާތަކަށް ބަލާކަމުގައިވާނަމަ 400 ވަޒީފާ އުފެއްދޭ." މިހާރު ރިސޯޓެއް ނެތް ހދ. އަތޮޅަށް އަންނަ ތަރައްގީ ސިފަ ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެއީ ގާތްގަނޑަކަށް 200 މިލިއަންގެ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ "އެވަރުންވެސް ބޮނބި ފާކުރަންޖެހޭނެތޯ؟" އެވެ.

ހަނިމާދޫން ކުޅުދުއްފުއްޓަށް ވިއްސަކަށް މިނެޓުން ދެވޭއިރު ކުޅުދުއްފުއްޓަށް އެއާޕޯޓެއް މުހިންމުތޯ އުފައްދާ ސުވާލަށް ރައީސް ޔާމީން ޖަވާބް ދެއްވީ އެއާޕޯޓަކީ އިގްތިސާދުގެ މައިބަދައިގެ ގޮތުގައި ސިފަކުރައްވަ އެވެ. އަދި ހދ. ގެ އިތުރުން ށ. އަތޮޅަށްވެސް އެއާޕޯޓް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު އަންނަ އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން އެެއެއާޕޯޓަށް ފުލައިޓް ޖައްސާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބޮޑު ތިލަދުއްމައްޗަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ސަރަހައްދަކަށް ވާއިރު ކުޅުދުއްފުއްޓަކީ އެސަރަހައްދުގެ ނާރެސް ކަމަށް ރައީސް ވިދާޅުވި އެވެ.