Roadha Mihaaru
މައުމޫން ތަރައްގީއާ މެދު ހަސަދަވެރިވީ: އަބްދުއްރަހީމް

މައުމޫން އުޅުނީ ތަރައްގީއާ މެދު ހަސަދަވެރިވެގެން، ބޭނުންވީ ފާރިސް ވެރިކަމަށް ގެންނަން: އަބްދުއްރަހީމް

21 ސެޕްޓެމްބަރ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުޅުއްވީ ރައީސް އަބްދުﷲ ޔާމީން ގެންނެވި ތަރައްގީއާ މެދު ހަސަދަވެރިވެގެން ކަމަށާއި މައުމޫން ބޭނުންފުޅުވީ ދަރިކަލުން ފާރިސް މައުމޫން ވެރިކަމަށް ގެންނަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުޅުއްވީ ރައީސް އަބްދުﷲ ޔާމީން ގެންނެވި ތަރައްގީއާ މެދު ހަސަދަވެރިވެގެން ކަމަށާއި މައުމޫން ބޭނުންފުޅުވީ ދަރިކަލުން ފާރިސް މައުމޫން ވެރިކަމަށް ގެންނަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އަބްދުއްރަހީމް ވަނީ ޕީޕީއެމްގެ ރައީސަކަށް މައުމޫން ހުންނެވިއިރު ހިނގި ކަމަށް ބުނެ ބައެއް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މައުމޫން އޭރު އުޅުއްވީ ރައީސް ޔާމީން ގެންނެވި ތަރައްގީގެ ސަބަބުން، މައުމޫންގެ ލެގަސީ ދެމެހެއްޓުމަށްޓަކައި ހުރަސް އެޅިދާނެތީ އެކަމާ މެދު ހަސަދަވެރިވެގެންނެވެ. އެހެންވެ، އޭރު ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކާ މެދު މައުމޫން ހިތްޕުޅުހަމަނުޖެހުން ފާޅުކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ވިދާޅުވި ކީއްކުރަންހޭ ކެތްނުވެގެން މިތާނގައި ބްރިޖެއް އަޅަންވީ. ހުޅުމާލޭގެ ބިމެއް ނުފުރެއެޔޭ ކީއްކުރަންހޭ ހުޅުމާލޭގެ ދެވަނަ ފޭސް ހިއްކަންވީ. ބޭކާރު ކަންތައްތަކެއް ނޫންހޭ ތިއީ. އިސްލާމީ މަރުކަޒު ވަށައިގެން ހުރި ފާރު ތަޅާލާފައި އެތަން ބޮޑުކޮށްފައި މާބްލް ޖެހީ ކީއްކުރަންހޭ. މިއީ ތިމަންނަގެ އަގު ވައްޓަން ކުރާ ކަމެކޭ. މިއީ ވިދާޅުވި ގޮތް،" މައުމޫން ވިދާޅުވި ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވި އެވެ.

"ކޮންމެވެސް ދުވަހަކު ބައްދަލުވެއްޖިއްޔާ އައްސަވާލައްވާ މި ދައްކާ ވާހަކަ ދޮގު ކުރައްވަން ރައީސް މައުމޫނަށް ކެރިވަޑައިގަންނަވާތޯ ބަލަން. ކެރިވަޑައެއްނުގަންނަވާނެ. މިއީ މިކަން ހިނގި ގޮތް،" ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމަށް ފަހު، މައުމޫން ބޭނުންފުޅުވީ ދަރިކަލުން ފާރިސް މައުމޫން ވެރިކަމަށް ގެނައުމަށްޓަކައި ޕްރައިމަރީއަކަށް ދާށެވެ. އެކަން ކާމިޔާބު ނުވީ ޕާޓީގެ ކައުންސިލްގެ މެމްބަރުން އެކަމަށް ދެކޮޅު ހެދުމުން ކަމަށާއި ރައީސް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ކައުންސިލް މެމްބަރުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅުމުން ވެސް ކައުންސިލް ބައްދަލުވުންތައް ބާއްވަން މައުމޫން ދެކޮޅު ހެއްދެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ޒާތީ ހަސަދަ ހުރިވަރު. ރައީސް ޔާމީންގެ ތަރައްގީ ފެނިފައި އެމަނިކުފާނުގެ ތަރައްގީގެ ވާހަކަ ނުދައްކަފާނެތީ މި ހުރިހާ ކަމަކަށް ވެސް މި ދިމާވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިވަގުތު ޖަލުގައި އޮންނެވި މައުމޫން ސަލާމަތް ކުރެވެނީ ވެސް ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެންނެވެ. އަދި މައުމޫން ޖަލުގައި އޮންނެވުމަކީ އެމްޑީޕީން ހަގީގަތުގައި ބޭނުންވާ ގޮތް ކަމަށާއި އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހުނީ ވެސް އެމްޑީޕީން "ޖެހި މަޅިއެއް ޖެހިގެން" ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހަށް އަސަރެއް ނުކުރާނެ ރައީސް މައުމޫން ޖަލުގައި އޮންނެވީމައެއް. އެ މީހުން ވާނީ އުފާ. އެއީ އެ މީހުން ކުރަން އުޅުނު ކަމެއް. އެ މީހުންނަށް ނުވެ އޮތީ. އެކަމަކު އެ މީހުން ރާވައިގެން އެ މީހުންގެ މަޅިއެއްގައި ޖެހިގެން ރައީސް މައުމޫން ޖަލުގައި އެ އޮތީ. އެއީކީ ރައީސް ޔާމީން ކުރި ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މައުމޫން މިނިވަން ކުރުމަށްޓަކައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓު ދިނުމަށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އިއްޔެ ގޮވާލައްވާފައިވާތީ އެކަމަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ރޯދަ މަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގަތީ މައުމޫން އެކަނި ނޫން ކަމަށާއި އޭނާ އަކީ ވެސް އެގޮތަށް ޖަލުގައި އޮންނަވަން ޖެހުނު ބޭފުޅެއް ކަމަށެވެ.

"ބަލަ އެ ވިދާޅުވާ 30 އަހަރުގެ ތެރޭގައި އަޅުގަނޑު އޮތީމޭ ރަމަޟާން މަހު ޖަލުގައި. އަޅުގަނޑު އޮތީމޭ ދެ އީދުގައި ޖަލުގައި. ތިން މަހާއި 18 ދުވަސް ވަންދެން ޖަލުގައި އޮތީމޭ. މައުމޫން ވަޑައިގެން ވިދާޅުވެ ދެއްވާ. އިލްޔާސް ވަޑައިގެން ވިދާޅުވެ ދެއްވާ ކީއްވެގެންތޯ އަޅުގަނޑު ޖަލަށްލީ. އަނިޔާވެރިކަމުގެ ވާހަކަ ދައްކަން ވެއްޖިއްޔާ ވަރަށް ރަނގަޅަށް އަނިޔާވެރިކަމުގެ ވާހަކަ ދައްކާލެވިދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި މައުމޫން ފުލުހުންގެ ތަހުގީގަށް އެމަނިކުފާނުގެ ފޯނު ދެއްވަން އިންކާރު ކުރެއްވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވައިފަ އެވެ. އަދި ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލައިފަ އެވެ.