Roadha Mihaaru
މޯލްޑިވިއަން އިން ޖަޕާނުގެ ކުންފުންޏަކާ ގުޅެނީ

މޯލްޑިވިއަން އިން ޖަޕާން ކުންފުންޏަކާ ގުޅިގެން ސީޕްލޭންގެ އާ އޮޕަރޭޝަނެއް ފަށަނީ

11 ނޮވެމްބަރ 2017

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ޖަޕާނުގެ މަތިންދާބޯޓު އުފައްދާ ސެޓާޗީ ހޯލްޑިންގްއާ ގުޅިގެން ރާއްޖޭގައި ސީޕްލޭން ހިދުމަތް ދޭން އާ ކުންފުންޏެއް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ޖަޕާނުގެ މަތިންދާބޯޓު އުފައްދާ ސެޓާޗީ ހޯލްޑިންގްއާ ގުޅިގެން ރާއްޖޭގައި ސީޕްލޭން ހިދުމަތް ދޭން އާ ކުންފުންޏެއް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "މިހާރު" އަށް ވިދާޅުވީ އެ މަޝްވަރާތައް ފެށީ ސެޓާޗީ ހޯލްޑިންގް އިން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވެގެން ކަމަށެވެ.

"އަދި ޑިސައިޑެއް ނުކުރަން މޯލްޑިވިއަން އިން މިހާރު ހިންގާ ސީޕްލޭނާ ވަކިން ކަމެއް [ނުވަތަ އެއްކޮށްލައިގެން ކަމެއް] ކުރިއަށް ދާނީ. މިއީ ޖަޕާނުގެ ވަރަށް ވަރުގަދަ ކުންފުންޏެއް،" ހާރިސް ވިދާޅުވި އެވެ.

"އެ ބޭފުޅުން ބޭނުންވަނީ ރާއްޖޭގައި އިންވެސްޓް ކުރަން. އެހެންވެ އަޅުގަނޑުމެން މަޝްވަރާތައް އެބަ ކުރިއަށް ގެންދަން."

އޭނާ ވިދާޅުވީ ސެޓާޗީއާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގެ މައުލޫމާތު ވަރަށް އަވަހަށް މީޑިއާއާ ހިއްސާކުރައްވާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ ނަތީޖާ ވެސް ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ނުވަ ސީޕްލޭން ދުއްވާ .-- ފޮޓޯ: މިހާރު

މޯލްޑިވިއަން އިން މިހާރު ވެސް ނުވަ ސީޕްލޭން ދުއްވާ .-- ފޮޓޯ: މިހާރު

ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ސެޓާޗީ ހޯލްޑިންގް އާއި މޯލްޑިވިއަންއާ ދެމެދު ޖޮއިންޓް ވެންޗާ އެގްރިމެންޓެއްގައި ސޮއިކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. މި އެގްރިމެންޓްގެ ދަށުން ސްކައި އެޓޯލް ޕްރައިވެޓް ލިމިިޓެޑުގެ ނަމުގައި ރާއްޖޭގައި އާ ކުންފުންޏެއް އުފައްދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސްކައި އެޓޯލްގެ ވިޔަފާރި ފަށައިގަތުމަށް ކޯޑިއެކް 100އެސް މަރުކާގެ ހަތަރު ސީޕްލޭން އަށް އޯޑަރު ދީފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުގައިވެ އެވެ.

ސެޓާޗީ ހޯލްޑިންގްސްގެ ދަށުން ހިންގަމުން އަންނަ ކުއެސްޓް އެއާކްރާފްޓް ކޮންޕެނީގެ ސީއީއޯ ރޮބް ވެލްސްއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ކޯޑިއެކް 100އެސް މަރުކާގެ ސީޕްލޭން ރާއްޖޭގައި ބޭނުންކުރަން ނިންމީ ވަރަށް ބޮޑަށް ބެލުމަށް ފަހު ކަމަށެވެ. އެއީ ރާއްޖޭގަައި ބޭނުންކުރަން އެންމެ އެކަށީގެންވާ ސީޕްލޭން ކަން އިވެލުއޭޝަންތަކުން ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯޑިއެކް އަކީ ކުއެސްޓް އެއާކްރާފްޓް ކޮންޕެނީން އުފައްދަމުން އަންނަ ސީޕްލޭން މަރުކާގެ ބޯޓެކެވެ. ލަގްޒަރީ މި ސީޕްލޭންގައި އޮންނަނީ 10 މީހުންގެ ޖާގަ އެވެ.

މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި މިހާރު ބެނުން ކުރަމުން އަންނަނީ ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ6 ސީރީޒްގެ ބޯތުތަކެވެ. އެ ކުންފުނިން މިހާރު ވެސް 15 މީހުންގެ ޖާގައިގެ ނުވަ ސީޕްލޭން ބޭނުންކުރެ އެވެ.