Roadha Mihaaru
ފަތުހީގެ ހަށިގަނޑު މާލެ ގެނެސްފި

ބަންގްލަދޭޝްގައި މަރުވި ފަތުހީގެ ހަށިގަނޑު މާލެ ގެނެސްފި

04 ނޮވެމްބަރ 2017

ބަންގްލަދޭޝް މީހަކާ ކައިވެނިކުރަން އެ ގައުމަށް ގޮސް އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު މަރުވި ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީގެ ހަށިގަނޑު ރޭ މާލެ ގެނެސްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަންގްލަދޭޝް މީހަކާ ކައިވެނިކުރަން އެ ގައުމަށް ގޮސް އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު މަރުވި ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީގެ ހަށިގަނޑު ރޭ މާލެ ގެނެސްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނިގޮތުގައި ފަތުހީގެ ހަށިގަނޑު ގެނައީ އާއިލާ އިން އެދިގެންނެވެ.

ފަތުހީގެ މަރާ މަދު ޝައްކުތަކެއް ހުއްޓަސް އޭނާ މަރާލީ ކަމަށް ރަސްމީ އެއްވެސް އިދާރާއަކުން އަދި ނުބުނެ އެވެ. އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

އާއިލާގެ ބައެއް މީހުން ބުނާ ގޮތުން ގޭސްޓްރިކާއި ހަކުރު ބަލި ފިޔަވައި އެހެން ބައްޔެއް ނެތް ފަތުހީ ކުއްލިއަކަށް މަރުވުމުން އެކަމާ ޝައްކު ކުރާނެ ފުރުސަތު އެބަ އޮތެވެ. އެއީ އެހާ ގިނަ ފައިސާ ހިފައިގެން ބޭރު ގައުމަކަށް ގޮސް ހުއްޓައި އަދި ކައިވެނި ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވުމުންނެވެ.

އުމުރުން 68 އަހަރުގެ ފަތުހީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބަންގްލަދޭޝްއަށް ދިޔައީ އޭނާގެ ދަރިން ގާތު، "އަމިއްލަ ކަމެއް ކުރުމަށް" ކަމަށް ބުނެ އެވެ. އެކަމަކު އެ ގައުމަށް ދިޔަތާ ހަތަރު ދުވަސް ފަހުން ދަރިންނަށް ގުޅައި، ބަންގްލަދޭޝް މީހަކާ ކައިވެނިކުރިކަން ވަނީ އަންގާފަ އެވެ.

އެ ކައިވެނީގެ ރަނަކަށް އަންހެންމީހާ ކީ 800،000 ޓާކާ (149،000 ރުފިޔާ) ކަމަށް ކައިވެނީގެ ސެޓްފިކެޓުތަކުން އެނގޭ ފަތުހީގެ އާއިލާ އިން ބުނެ އެވެ. އާއިލާއިން ބުނާގޮތުގައި ފަތުހީ ބަންގްލަދޭޝްއަށް ދިޔައީ އޭނާ ދިރިއުޅޭ ގެ މޯގޭޖްކޮށް، އެއް ލައްކަ ރުފިޔާގެ ލޯނެއް ވެސް ނަގައިގެންނެވެ.

ކުރިން ފަސް މީހުންނާ ކައިވެނިކޮށް، އެކި ބަނޑަށް 11 ދަރިން ތިބެ އެވެ. ބަންގްލަދޭޝް މީހަކާ ކައިވެނި ކުރަން އުޅޭތާ އަހަރެއްހާ ދުވަސް ވެފައިވާއިރު ފަތުހީއަށް އެ އަންހެން މީހާ ހޯދައިދިނީ، ފޭދޫގައި ތިބޭ ބަންގްލަދޭޝްގެ މަސައްކަތު މީހުންތަކެއް ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.