Roadha Mihaaru
ފަތުހީގެ މަރުގެ ހަގީގަތް އާއިލާއަކަށް ވެސް ނޭނގޭ!

ފަތުހީގެ މަރުގެ ހަގީގަތް އާއިލާއަކަށް ވެސް ނޭނގޭ!

01 ނޮވެމްބަރ 2017

ބަންގްލަދޭޝްގައި ހުއްޓާ އިއްޔެ މަރުވި މަރަދޫފޭދޫ އަބްދުﷲ ފަތުހީ (ބޯކޮށާ ފަތުހީ)ގެ މަރާ ގުޅޭގޮތުން އޭނާގެ ދަރިންގެ ފަރާތުން އިވެނީ މުޅިންް ތަފާތު ވާހަކަތަކެކެވެ. ބަންގްލަދޭޝްގެ އަންހެނަކާ ކައިވެނިކުރުމަށް އެ ގައުމަށް ދިޔަ، 68 އަހަރުގެ ބައްޕަގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބައެއް ދަރިން ގަބޫލު ކުރާއިރު، އެހެން ދަރިން ދެކޭގޮތުގައި އޭނާ މަރުވީ ބަލިވެގެންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަންގްލަދޭޝްގައި ހުއްޓާ އިއްޔެ މަރުވި މަރަދޫފޭދޫ އަބްދުﷲ ފަތުހީ (ބޯކޮށާ ފަތުހީ)ގެ މަރާ ގުޅޭގޮތުން އޭނާގެ ދަރިންގެ ފަރާތުން އިވެނީ މުޅިންް ތަފާތު ވާހަކަތަކެކެވެ. ބަންގްލަދޭޝްގެ އަންހެނަކާ ކައިވެނިކުރުމަށް އެ ގައުމަށް ދިޔަ، 68 އަހަރުގެ ބައްޕަގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބައެއް ދަރިން ގަބޫލު ކުރާއިރު، އެހެން ދަރިން ދެކޭގޮތުގައި އޭނާ މަރުވީ ބަލިވެގެންނެވެ.

މި މައްސަލައިގައި މިހާތަނަށް ދިވެހި ފުލުހުންނާއި ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީން ވެސް ރަސްމީކޮށް ވާހަކަ ދައްކާފައި ނުވާއިރު، މި ވާހަކަ ދަނީ ތަފާތު ގޮތްގޮތަށް ވެސް ފެތުރެމުންނެވެ.

ފަތުހީގެ އާއިލާއިން ބުނިގޮތުގައި މީގެ ދެ ހަފުތާކުރިން، އޭނާ ބަންގްލަދޭޝް އަށް ދިޔައީ ދިިރިއުޅޭ ގެ މޯގޭޖްކޮށް އެއް ލައްކަ ރުފިޔާގެ ލޯނެއް ނަގައިގެންނެވެ. ދިޔައިރު ދަރިން ގާތު ހަމައެކަނި ބުނީ "އަމިއްލަ ކަމަަކު ހަފުތާއަކަށް ބަންގްލަދޭޝް އަށް ދަނީ" ކަމަށެވެ.

އެކަމަކު ފަހުން އެނގުނު ގޮތުގައި ބަންގްލަދޭޝް އަންހެނަކާ އިންނަން ފަތުހީ އުޅޭތާ މިހާރު އަހަރެއް ވަރު ވެއްޖެ އެވެ. ފޭދޫގައި ތިބޭ ބަންގްލަދޭޝް ބަޔަކު ހޯދައިދިން އެ އަންހެން މީހާއާ އާ އޭނާ ކައިވެނި ކުރީ އެ ގައުމަށް ދިޔަތާ ހަތަރު ދުވަސް ފަހުންނެވެ.

"ހަތަރު ދުވަސް ފަހުން ގުޅާފައި ބައްޕަ ބުނީ އޭނާއާ ކައިވެނިކޮށްފީމޭ. އަންހެން މީހާ ވެސް އޭނާގެ އާއިލާ މީހުން ވެސް ވަރަށް ރަނގަޅޭ،" ފަތުހީގެ އެންމެ ދޮށީ ދަރިފުޅު، މުހައްމަދު ޒަރީރު ބުންޏެވެ.

ފަތުހީގެ މަރާ މެދު ޝައްކު ކުރާ އޭނާގެ ދަރިން ބުނާގޮތުގައި ގޭސްޓްރިކާއި ހަކުރުގެ މައްސަލަ ފިޔަވައި، ބައްޕަގެ މާ ބޮޑު ބަލިމަޑުކަމެއް ނެތެވެ.

"އެހެންވެ ކުއްލިއަކަށް ބައްޕަ މަރުވި ހަބަރު ލިބުނީމަ އަޅުގަނޑުމެންނަށް މި މަރުގައި ޝައްކު ކުރެވޭ ކަހަލަ ކަންތައްތަކެއް އެބަހުރިކަން ފާހަގަ ކުރެވޭ. އެކަމަކު އަޅުގަނޑުމެންނަކަށް ސީދާ ބުނާކަށް ނޭނގޭ ބައްޕަ މަރުވީ ކަމެއް ނުވަތަ މަރާލީ ކަމެއް،" ފަތުހީގެ ދަރިއަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި ބަންގްލަދޭޝްގެ ފުލުހުން ވަނީ މި މައްސަލައިގައި ފަތުހީގެ އަންހެނުންނާ ވެސް ސުވާލުކޮށްފަ އެވެ.

ފަތުހީ އަށް އެ އަންހެން މީހާ ހޯދައިދިން ބަންގްލަދޭޝް މީހުންގެ މަގްސަދާ މެދު ވެސް އާއިލާއިން ސުވާލު އުފައްދަ އެވެ. އަދި "ބައްޕަ މަރުވުމުގައި އެ މީހުންގެ އަތެއްވާ" ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

"އެ މީހުން އެ އަންހެނެއްގެ ފޮޓޯއާ އެއްޗެހި ދައްކައިގެން، ގުޅައި ވާހަކަ ދައްކައި ހަދައިގެން ބައްޕަ ފުރައިގެން ދިޔައީ. މިކަމަކާ ބައްޕަ އުޅޭތާ އަހަރެއްހާ ދުވަސްވެއްޖެ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މީގެ ކުރިން ފަސް މީހުންނާ ކައިވެނިކޮށް، ފަތުހީ އަށް އެކި ބަނޑަށް 11 ދަރިން ލިބިފައި ވެ އެވެ.

ދޮށީ ދަރި ޒަރީރު ބުނީ ބައްޕަ އާއްމުކޮށް ބަލި ނޫނަސް، ގޭހުގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ ކަމަށެވެ. އަދި މަރުވުމުގެ ދެތިން ގަޑިއިރެއްގެ ކުރިން އެހެން ދަރިއަކާ ވާހަކަ ދައްކައި، ގޭހުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމުގެ ވާހަކަ ބުނި ކަމަށް އޭނާ ބުންޏެވެ.

"ކޮއްކޮއެއް ކައިރީ ބައްޕަ ބުނި ކަމަށް ވަނީ އިރުކޮޅަކުން ހޮސްޕިޓަލަށް ދާން އުޅޭ ކަމަށް. އޭގެ ފަހުން ހަބަރެއް ނުވެ ހުރެފައި އެމްބަސީން ގުޅާފައި ބުނީ ބައްޕަ މަރުވެއްޖެ ކަމަށް،" ޒަރީރު ބުންޏެވެ.

"އެހެންވެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބައްޕަގެ މަރާ މެދު ޝައްކު އުފެދޭނެ ޖާގައެއް ނެތް."

ފަތުހީގެ މަރާ މެދު އޭނާގެ ދަރިން ސުވާލު އުފެއްދި ނަމަވެސް، ޕޯސްޓްމޯޓަމް ހަދައިގެން އެކަން ތަހުގީގު ކުރާކަށް އާއިލާއިން ބޭނުމެއް ނޫނެވެ.

އޭނާގެ ހަށިގަނޑު ލަންކާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އާއިލާއިން ބުންޏެވެ.

ފުލުސް އޮފީހުން ބުނީ ބަންގްލަދޭޝްގައި ދިވެއްސަކު މަރުވެގެން އުޅޭތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.