Roadha Mihaaru
އެމްޓީސީސީން އެމްއެސްޑީއާ އެކު އެއްބަސްވުމެއް

އެމްޓީސީސީ ރައިޓްސް އިޝޫ، ހިއްސާގެ މުއާމަލާތްތައް ބެލެހެއްޓުމަށް އެމްއެސްޑީއާ ހަވާލުކޮށްފި

18 އޮކްޓޯބަރ 2017

އެމްޓީސީސީގެ ރައިޓްސް އިޝޫގެ ހިއްސާގެ މުއާމަލާތްތައްް ބެލެހެއްޓުމަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީ (އެމްއެސްޑީ) އާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

އެމްޓީސީސީގެ ރައިޓްސް އިޝޫގެ ހިއްސާގެ މުއާމަލާތްތައްް ބެލެހެއްޓުމަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީ (އެމްއެސްޑީ) އާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.

އެމްޓީސީސީން ބުނީ އެއްބަސްވުމުގެ ދަށުން ރައިޓްސް އިޝޫ ހިއްސާގެ މުއާމަލާތުކުރުމަށް ސާވިސް އެޖެންޓެއްގެ ގޮތުގައި އެމްއެސްޑީ ކަނޑައަޅާފައިވާ ކަމަށެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އަހްމަދު ކުރިކްރިޒާ އާއި އެމްއެސްޑީގެ އާ ސީއީސޯ އައުޝަން ލަތީފް އެވެ.

ސާވިސް އެޖެންޓެއްގެ ގޮތުން އެމްއެސްޑީއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ރައިޓްސް ޓްރާންސްފާ ފޯމް އަދި ރައިޓްސް އިޝޫގެ ހިއްސާ އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން، ފައިސާ ބަލައިގަތުން އަދި އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލްއަށްް އެމްޓީސީސީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ އެވެ.

މި އެއްބަސްވުމާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ހިއްސާދާރުންނާއި، ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ހިއްސާ ގަތުމުގައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެން ދާނެ ކަމަށް ވެސް އެމްޓީސީން ބުނެ އެވެ.

އެމްޓީސީސީގެ ހިއްސާ ގަތުމުގެ ކަލެކްޝަން ޕޮއިންޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެ ކުންފުނީގެ ހެޑް އޮފީހުގައި ގާއިމް ކޮށްފައިވާ ޝެއާ ރައިޓްސް ސެންޓަރުގެ އިތުރުން އެމްއެސްޑީ ހިމެނޭ ގޮތަށް ހިއްސާގެ މުއާމަލާތްތައް ކުރުމަށް ހުއްްދަ ދީފައިވާ ތިން ކުންފުންޏާއި، ޕޯސްޓް އޮފީސްތަކުގެ އިިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗްތަކެވެ. މީގެ އިތުރުން މާލެއާއި ރަށްރަށުގައި ރޯޑް ޝޯތަކެއް ބާއްވައި، އެ ހަރަކާތްތަކުގެ ތެރޭން ވެސް ހިއްސާ ގަތުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ އެވެ.

ރައިޓްސް އިޝޫގެ ދަށުުން އެމްޓީސީސީގެ ހިއްސާ ގަނެވޭނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް ނުވަތަ ހިއްސާދާރަކު އިހްތިޔާރުކުރާ ގޮތަކަށް އެ ހިއްސާދާރެއްގެ ހިއްސާ ގަތުމުގެ ހައްގު ދެވިފައިވާ އެހެން ފަރާތަކަށެވެ. ރައިޓްސް އިޝޫގެ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ ހިއްސާއެއް 62ރ.ގެ މަގުންނެވެ.

އެމްޓީސީސީން ރައިޓްސް އިޝޫއެއް ހުޅުވާލައި، ހިއްސާ ވިއްކަން ނިންމީ، އެ ކުންފުނިން 36 މިލިޔަން ޑޮލަރު ހަރަރުކޮށްގެން ތައްޔާރު ކުރި މަހާ ޖައްރާފު ޑްރެޖަރުގެ މަސައްކަތަށް ދައްކަން ޖެހުނު 11 މިލިޔަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ސަރުކާރުން ލޯނު ނަގައިގެން ދެއްކުމަށް ފަހު، އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލު ކުރަން ނިންމުމުންނެވެ. އެ ލޯނު ސަރުކާރުން ދޫކުރީ ސުން ފަސެންޓް އިންޓަރެސްޓްގައި ކޮންވާޓަބްލްގައި ލޯނެއްގެ ގޮތުގަ އެވެ.