Roadha Mihaaru
އަމީނިއްޔާ ސްކޫލުން އެއްވަނަ އިދާ އަށް

އަމީނިއްޔާ ސްކޫލުން އެއްވަނަ އިދާ އަށް

18 އޮކްޓޯބަރ 2017

އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެއް ވަނަ، އިދާ ލަތީފު ހޯދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެއް ވަނަ، އިދާ ލަތީފު ހޯދައިފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާގައި އިދާއަށް އިނާމުތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

އިދާ ވަނީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި އަށް މާއްދާއިން އޭ ހޯދައިގެން ގައުމީ ގަދަ 10 އިން އެއްވަނަ ވެސް ހޯދައިފަ އެވެ. އަދި އިނގިރޭސި އާއި ބަޔޮލޮޖީން ބްރިލިއަންސް އެވޯޑު ހޯދައިފަ އެވެ.

އަމީނިއްޔާ ސްކޫލުން ދެ ވަނަ އައިދާ އަސްލަމް މުހައްމަދު ހޯދިއިރު ތިން ވަނަ ހޯދީ އީޝާ އާދިލް ނަސީމެވެ. މި ދެ ދަރިވަރުން ވެސް ވަނީ ގަދަ ދިހެއްގައި ހިމެނިފަ އެވެ.

އަމީނިއްޔާ ސުކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، އެޑީއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު(މ) އަދި އެ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރް(ވ-2)، 1ވަނަ، 2ވަނަ އަދި 3ވަނަ ލިބުން ދަރިވަރުންނާއެކު.-- ފޮޓޯ: ނިޝާން އަލީ /މިހާރު

"މިހާރު"އާ ވާހަކަދައްކަމުން އިދާ ބުނީ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. ނަމަވެސް ސްކޫލުގައި ބޭއްވި އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ، ރަނގަޅު ނަތީޖާއެއް ދެއްކުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށް އޭނާ ބުންޏެވެ.

"ޝެޑިއުލެއް ހަދައިގެން ކިޔެވުން މެނޭޖުކުރީ. އެއީ އިތުރު ހަރަކާތްތަކާއި ކިޔެވުމަށް ވެސް ބުރޫނާރާނެ ގޮތަކަށް،" އިދާ ބުންޏެވެ.

ސީއެޗްއެސްއީގައި އޭ ލެވެލް އަށް ކިޔަވަމުން އަންނަ އިދާގެ ޝައުގުހުރީ މެޑިިސިންގެ ދާއިރާ އަށެވެ. އިދާ މިހާރު އަމާޒު ހިފާފައި ވަނީ، އޭ ލެވެލްގައި ވެސް އެއް ވަނަ ހޯދައިގެން ރައީސްގެ ސްކޮލަޝިޕް ހޯދުމަށެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަޒްރާ، އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު ވަނަ ހޯދި ދަރިވަރަކަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަޒްރާ، އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު ވަނަ ހޯދި ދަރިވަރަކަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ އެ ސްކޫލުން ހޯދަމުން އަންނަ ނަތީޖާ ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިތުރު ވަގުތުތަކުގައި ކިޔަވައިދިނުން ހަރުދަނާ ކުރުމާއި ވަކި ވަކި މާއްދާތަކަށް ހާއްސަކޮށް އެކި ސްޓަޑީ ކޭމްޕްތައް ކުރިއަށްގެންދިއުން ހިމެނޭ ކަން ނާޒްލީން ފާހަގަކުރެއްވި އެވެ.

އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި، ޓްރޮފީއާއެކު ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި، ޓްރޮފީއާއެކު ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއަހަރު ވެސް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް. ހޯދަމުން އަންނަ ރަނގަޅު ނަތީޖާ ދެމެެހެއްޓުމަކީ އަޅުގަނޑުމެންގެ އަމާޒު،" ނާޒްލީން ވިދާޅުވި އެވެ.

އެ ސްކޫލުން މިދިޔަ އަހަރު ނުވަ ދަރިވަރުން ވަނީ އެކި މާއްދާތަކުން ބްރިލިއަންސް އެވޯޑު ހޯދައިފަ އެވެ. އަދި ނޭޝަނަލް ޓޮޕް 10ގައި އަމީނިއްޔާ ސްކޫލުގެ 48 ދަރިވަރުން ހިމެނޭއިރު، ނުވަ ދަރިވަރަކު ވަނީ އެއް ވަނަ ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ އޯ ލެެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ވަނީ 75.8 ޕަސެންޓަށް އަރައިފަ އެވެ.