Roadha Mihaaru
ބަރެސްދު އަށް ޓޫރިސްޓުން އުފުލުން މޯލްޑިވިއަން އަށް

ބަރެސްދު އަށް އަގުހެޔޮކޮށް ޓޫރިސްޓުން އުފުލަން މޯލްޑިވިއަންއާ ހަވާލުކޮށްފި

16 އޮކްޓޯބަރ 2017

އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ލ. ބަރެސްދު އަށް އަގު ހެޔޮކޮށް ޓޫރިސްޓުން އުފުލަން ގައުމީ އެއާލައިން މޯލްޑިވިއަންއާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ހަވާލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ލ. ބަރެސްދު އަށް އަގު ހެޔޮކޮށް ޓޫރިސްޓުން އުފުލަން ގައުމީ އެއާލައިން މޯލްޑިވިއަންއާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ހަވާލުކޮށްފި އެވެ.

ގެސްޓް ހައުސްތަކާ އެކު ބަރެސްދޫ ތަރައްގީކުރާ ކުންފުނިން ބުނީ އެ ރިސޯޓަށް ދާން ބޭނުންވާ ޓޫރިސްޓުން އުފުލަން މޯލްޑިވިއަންއާ އެކު މިދިޔަ ހޯމަދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އަކީ ހާއްސަ ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ވެސް އެމްއައިޓީޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ބަރެސްދުއަށް ދަތުރުކުރާ ޓޫރިސްޓުން މޯލްޑިވިއަންގެ ބޯޓުފަހަރުގައި އުފުލައިދޭނީ ވަރަށް ހެޔޮ އަގެއްގައި ކަމަށެވެ. އެގޮތުން ފަސިންޖަރުންގެ އަތުން ނަގާނެ އަގަކާ މެދު މޯލްޑިވިއަންއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އެމްއައިޓީޑީސީން ބުންޏެވެ.

"މޯލްޑިވިއަންއާ އެކު ކުރަމުން އަންނަ މަޝްވަރާތައް ނިމި ކުރިޔަށް އޮތް ތިން މަހެއްްހާ ދުވަހުގެ ތެރޭގައި އަގުތައް އިއުލާންކުރެވޭވަރުވާނެ،" އެ ކުންފުނިން ބުންޏެވެ.

އެމްއައިޓީޑީސީން ބުނީ ބަރެސްދޫގައި އިންވެސްޓްކުރަން ހުޅުވާލުމުން އެކި ކަންކަމަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.

އެއްފަހަރާ 3،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރާ ރިސޯޓުގެ އެކި ވިޔަފާރިތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25ގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.