04 ޖުލައި 2016
މާލޭގެ ދެކުނު ފަރާތު ފަޅުގައި ގިނަ އަދަދެއްގެ އުޅަނދުތައް އަޅާފައި އޮންނަ އިރު، މިއީ އެންމެ ކާރުބާރު ބޮޑު އެއް ފަޅެވެ. ދޯންޏާއި ލޯންޗުތަކުގެ ޖަގަހައަކަށް ވެފައި އޮތް ތަނެވެ. ޖާގައިގެ ދަތިކަން ކުރިމަތިވެގެން އެތައް އޮޑިވެރިންނެއް އަބަދުވެސް ޝަކުވާ ކުރާ ސަރަހައްދެކެވެ.
މާލޭގެ ދެކުނު ފަރާތު ފަޅުގައި ގިނަ އަދަދެއްގެ އުޅަނދުތައް އަޅާފައި އޮންނަ އިރު، މިއީ އެންމެ ކާރުބާރު ބޮޑު އެއް ފަޅެވެ. ދޯންޏާއި ލޯންޗުތަކުގެ ޖަގަހައަކަށް ވެފައި އޮތް ތަނެވެ. ޖާގައިގެ ދަތިކަން ކުރިމަތިވެގެން އެތައް އޮޑިވެރިންނެއް އަބަދުވެސް ޝަކުވާ ކުރާ ސަރަހައްދެކެވެ.
މި ޝަކުވާ ނުހުއްޓި އުޅެނިކޮށް އެ މީހުންނަށް އިތުރު އުނދަގުލަކާއި ތަކުލީފުތަކަކާ މި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މާލޭގެ ދެކުނު ފަރާތުގައި އާ ނެރެއް ކެނޑުމުގެ މަސައްކަތް ކުރަމުން އަޔަސް، އެ ތަން ނުނިމޭތީ އެ ނެރު ބޭނުން ކުރުމަށް އޮޑިވެރިން ތިބީ ޖެހިލުންވެފަ އެވެ.
މާލޭގެ ދެކުނު ފަރާތުގައި އަޅާފައިވާ ލޯންޗުތަކެއް. އެސަރަހައްދުގައި އުޅަނދުތައް ގިނަވުމުން އެކަމުގެ ޝަކުވާ ވެސް ކުރޭ. - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ހަމައެއާއެކު މެރީ ބްރައުން ރެސްޓޯރަންޓާ ދިމާލުން ފަޅު ތެރޭގައި ވަނީ ހުރަހަށް ގާތަކެއް ވެސް އަަތުރައިފަ އެވެ. މީގެ ކުރިން މެރީ ބްރައުން އިން ފެށިގެން ކަޅުތުއްކަލާ ކޮއްޓާ ހަމަ އަށް ލޯންޗުތައް އަޅާފައި އޮތަސް، އެ ފުރުސަތު މިހާރަކު ނެތެވެ.
ހަމައެއާއެކު ހުޅަނގު ދެކުނު ފަރާތުން 6.9 ހެކްޓަރުގެ ބިން ހިއްކާ ނިންމާލުމަކީ ފެރީ ޓާމިނަލާ ދިމާލުން މައި ނެރު ބޭނުން ކުރުމަށް އެޅުނު ހުރަހެކެވެ. މީގެ ކުރިން އެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރު ވަދެ ނުކުންނަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން ކަނޑާފައިވާ މައި ނެރުންނެވެ.
ބައެއް އޮޑިވެރިންނާއި ފަޅުވެރިން ބުނީ ދެކުނު ފަރާތުގެ ފަޅު ބޭނުން ކުރާ އުޅަނދުތަކަށް ނުކުމެވޭ ގޮތެއް ނެތި އެމީހުން ތިބީ ގާތްގަނޑަކަށް "ބަންދުވެފަ" ކަމަށެވެ. އަދި މެރީ ބްރައުނުން ފެށިގެން ކަޅުތުއްކަލާކޮއްޓާ ހަމައަށް ފަޅު ތެރެ ބޭނުން ނުކުރެވޭ ގޮތަށް ހެދުމުން ޖާގައިގެ ދަތިކަން ކުރިމަތިވާ ކަމަށް އެމީހުން ބުނެ އެވެ.
ލޯންޗެއް ދެކުނު ފަރާތު ފަޅުން ދުއްވާފައި ދަނީ. ދެކުނު ފަރާތަކީ ތޮއްޖެހިފައި އޮތް ފަޅެއް ކަމަށް ބައެއް ކައްޕީން ސިފަކުރޭ. ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މާލޭ ދެކުނު ފަރާތުގައި އަލަށް ކެނޑި ނެރު ބޭނުން ކުރަނީ އެތަނުގެ މަސައްކަތް ނުނިމޭތީ އެތަނަށް ނުވަންނަން އަންގާފައި އޮއްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު އިއްޔެ ވިދާޅުވީ އާ ނެރު ބޭނުން ނުކުރަން އެންގީ ބައެއް މަސައްކަތްތައް ނުނިމޭތީ ކަމަށެވެ.
"ބައްތި ޖެހުން ފަދަ ކަންކަން ހުރީމަ އެ ތަނަށް ނުވަންނަން އެންގީ،" ފަޒާލް ވިދާޅުވި އެވެ.
ބައެއް ދޯނިތަކާއި ލޯންޗުތަކުގެ ކައްޕީން ބުނި ގޮތުގައި އަލަށް ކެނޑި ނެރު އޮތީ ބޭނުން ކުރެވޭ ހާލަތެއްގަ އެއް ނޫނެވެ. ބައެއް ވަގުތުތަކުގައި އެ ސަރަހައްދުގައި ވަރަށް ރާޅު ބޮޑެވެ. އެހެންވެ، އުޅަނދު ބަންޑުން ޖަހާލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. މިހާރު ވެސް ނުރައްކާތެރި ބައެއް ހާދިސާތައް ހިނގައި ނެރު މައްޗަށް ބައެއް އުޅަނދުތައް ވަނީ އަރައިފަ އެވެ.
އާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ގެއްލުން ލިބުނު ދޯންޏެއް. ދެކުނު ފަރާތުގެ ޖާގައިގެ ދަތިކަން ކުރިއަށް ވުރެ ބޮޑު ކަމަށް އުޅަނދުތަކުގެ ކެޕްޓަނުން ބުނޭ. - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
"ނެރު ބޭނުން ނުކުރަން އެންގިޔަސް، އިތުރު ނެރެއް ނެތް ކަނޑާފައެއް. އަޅުގަނޑުމެންނަށް ނުކުމެވޭނެ ގޮތެއް ނެތީމަ އާ ނެރު ބޭނުން ކުރަން ޖެހެނީ." ލޯންޗެއްގެ ކައްޕިއެއް ބުންޏެވެ.
ބައެއް މީހުންނާ ވާހަކަ ދައްކާލުމުން ބުނި ގޮތުގައި ކުރިއަށް ވުރެ ބޮޑަށް ޖާގައިގެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. މީގެ ކުރިން ލޯންޗު އަޅަން ވަކި ދިމާލަކާ ދޯނި ފަހަރު ކައިރި ކުރަން ވަކި ދިމާލެއް އޮތަސް، މިހާރު އެ އުސޫލެއް ނޯންނަ ކަމަށް އެ މީހުން ބުންޏެވެ.
"ނެރުން ވަދެގެން ޖެހުނު ދިމާލަކަށް ކައިރި ކުރަނީ. ބައެއް ފަހަރު އާ ނެރުން ވަދެގެން ގޮސް ޕެޓްރޯލް ސްޓޭޝަނާ ދިމާލަށް ވެސް ދާން އެބަޖެހޭ،" އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މުދާ ހިފައިގެން ދެކުނު ފަރާތަށް ކައިރި ކުރި ދޯންޏެއްގެ ކެޕްޓަން ބުންޏެވެ.
ނެރު ބޭނުން ނުކުރަން އެންގިޔަސް، އިތުރު ނެރެއް ނެތް ކަނޑާފައެއް. އަޅުގަނޑުމެންނަށް ނުކުމެވޭނެ ގޮތެއް ނެތީމަ އާ ނެރު ބޭނުން ކުރަން ޖެހެނީ. --ލޯންޗެއްގެ ކައްޕިއެއް
ބައެއް މީހުން ކަންބޮޑުވަނީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރު އައުމުގެ ކުރިން ނެރު އެއްކޮށް ހަދައި ނުނިމިދާނެތީ އެވެ. އެއީ ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގުމުގެ ފުރުސަތު އޮތުމުންނެވެ. އެހެންވެ ކައްޕީން އިރުޝާދު ދެނީ އަލަށް ކެނޑި ނެރުގައި ރާޅު ބޮޑުވާ ހިސާބު އިތުރަށް ފުން ކުރުމަށެވެ.
"ފަޅު ތެރެއަށް ވަންނަ ދިމާލު ފުން ކުރަނިކޮށް ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." ލޯންޗެއްގެ ކައްޕިއަކަށް މަސައްކަތް ކުރާތާ 23 އަހަރުވެފައިވާ މީހަކު ބުންޏެވެ.
އާ ނެރުން ދޯންޏެއް ވަންނަނީ. ބައެއް ވަގުތުތަކުގައި ނެރުން ވަނުމަކީ އުނދަގޫ ކަމެއް ކަމަށް ބައެއް ކައްޕީން ބުނޭ. - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ހައުސިން މިނިސްޓްރީން ބުނީ ނެރު ރަނގަޅު ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބައްތި ޖެހުން ފަދަ ކަންކަން ހުރީމަ އެ ތަނަށް ނުވަންނަން އެންގީ. --ފަޒާލް
ޓްރެކް ދަނޑާ ދިމާލުން ކަނޑުތޮށިން ނެރެއް ކެނޑީ އެ ތަނުގައި ލާފައި އޮތް ގެރިގަލުގެ ތޮއްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އާ ނެރަކީ ސީދާ ދެކުނު ފަރާތުން އުޅަނދުތަކަށް ވަދެވޭ ގޮތަށް ކެނޑި ނެރެކެވެ. ދެކުނު ފަރާތުން އުޅަނދުތައް ވަންނަން ނެރެއް ހަދަން ކުރިން ވެސް އޮތީ ނިންމައިފަ އެވެ. އިންޑަސްޓްރިއަަލް ވިލެޖް ހަދާ ނިމުމުން އެ ނެރުން ވަދެގެން ދެކުނު ފަރާތަކަށް ނުދެވޭނެ އެވެ.
މާލޭގެ ދެކުނު ފަރާތަކީ މާލޭގެ ފުއްޓަރު ފަރާތެވެ. މާލެ ހިއްކައި، އެ ފަރާތުގައި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގެރިގަލުގެ ބޮޑު ތޮއްޓެއް ލީ 1987 ގައި މާލެ އަށް ބޮޑު ރާޅު އަރައި ލިބުނު ގެއްލުންތަކަށް ފަހު އެވެ. އަދި މިހާރު ވެސް ކަނޑު ގަދަ ދުވަސްވަރު އެ ފަރާތުގައި ބޮޑެތި ރާޅު އުފެދެ އެވެ. އެކަމަކު އާ ނެރު ކަނޑަން އެ ތޮށިގަނޑު ވަނީ ކުރި އަށް ވުރެ ބޭރަށް ޖައްސާފަ އެވެ.
ދެކުނު ފަރާތުން ކެނޑި އާ ނެރުން ދޯންޏެއް ފަޅު ތެރެއަށް ވަންނަނީ.
ދެކުނު ފަރާތުގައި ނެރެއް ކަނޑައި ބޭނުން ކުރަން ފަށައިފި
އިންޑަސްޓްރިއަލް ޒޯން ބިން ސަރުކާރަށް ދޭން އަމުރުކޮށްފި
ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީކުރަން ޖީޕީއެލަށް
ނެއްލައިދޫ ބަނދަރުގައި "ފިނޮޅެއް"
ތ.ގުރައިދޫ ބަނދަރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެ
ފުޅަދޫ ބަނދަރު ހަދަން 24މިލިއަނަށް އެމްޓީސީސީއަށް
މާބައިދޫގެ އާ ނެރާ މެދު ރައްޔިތުން ހިތްހަމަނުޖެހިއްޖެ
47 ބަނދަރަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
34 ބަނދަރު ހަދަން 1 ބިލިއަން ރުފިޔާ ހަރަދުކޮށްފި
ހަމަ އެއްވެސް މިސްރާބެއް ނެތް!