Roadha Mihaaru
ސެމީން ޖާގަ ހޯދައި ވޭލްސް ހައިރާންކަން ގެނުވައިފި!

ގަދަފަދަ ބެލްޖިއަމް ބަލިކޮށް ހޯދި ތާރީހީ މޮޅާ އެކު ވޭލްސް ސެމީ އަށް

02 ޖުލައި 2016

ލިޔޯން، ފްރާންސް (ޖުލައި 1) - ތަރިން ގިނަ އަދި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ގަދަފަދަ ބެލްޖިއަމް ފަހަތުން އަރައި 3-1 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ވޭލްސް ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިޔޯން، ފްރާންސް (ޖުލައި 1) - ތަރިން ގިނަ އަދި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ގަދަފަދަ ބެލްޖިއަމް ފަހަތުން އަރައި 3-1 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ވޭލްސް ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

ބޮޑު މުބާރާތެއްގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ވޭލްސް ފުރަތަމަ ފަހަރަށް ޖާގަ ހޯދިއިރު އެ ޓީމަކީ ގްރޭޓް ބްރިޓަން އަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން، ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން 20 އަހަރުތެރޭ ޖާގަ ހޯދި ފުރަތަމަ ގައުމެވެ.

ސެމީ ފައިނަލުގައި ވޭލްސް ބައްދަލުކުރާނީ ޕޯޗުގަލާ އެވެ. މާނައަކީ ދުނިޔޭގެ އެންމެ އަގުބޮޑު ދެ ކުޅުންތެރިން ކަމަށްވާ ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރެއާލް މެޑްރިޑަށް ކުޅޭ ވޭލްސްގެ ކެޕްޓަން ގަރެތު ބޭލްގެ ކުރިމަތިލުމެއް ސެމީގައި ފެނިގެން ދިއުމެވެ.

ފީފާ ރޭންކިންގެ ދެ ވަނައިގައި އޮތް ބެލްޖިއަމުން މިރޭގެ މެޗު ފެށިގެން ރަނގަޅު ކުޅުމެއް ދައްކައި 13 ވަނަ މިނެޓުގައި ލީޑު ނެގި އެވެ. ރަޒާ ނައިންގޫލަން އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ލީޑު ފުޅާކުރަން ރޮމެލޫ ލުކާކޫ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ޓީމުގެ މުހިއްމު ދެ ޑިފެންޑަރުން ކަމަށްވާ ތޯމަސް ވާމެލަން އާއި ޔެން ވާޓޮންގެން ނުލައި ކުޅުނު ބެލްޖިއަމް ޓީމުގެ ފަހަތް މިރޭ ފެނުނީ ވަރަށް ބަލިކަށި ކޮށެވެ. ވޭލްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 31 ވަނަ މިނިޓްގައި ކެޕްޓަން އެޝްލީ ވިލިއަމްސް ޖެހި ލަނޑުންނެވެ. ކޯނަރަކުން ހުރަސްވި ބޯޅަ އޭނާ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ގޯލަށް ވައްދާލި އިރު ބެލްޖިއަމުގެ ޑިފެންޑަރުންނަށް ތިބެވުނީ ބަލަހައްޓައިގެންނެވެ.

ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ވެސް ވޭލްސް އަށް ފުރުސަތު ލިބުނެވެ. އެކަމަކު ވިލިއަމްސް އަށް ކޯނަރަކުން ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.

ދެ ވަނަ ހާފަށް ބެލްޖިއަމް ނުކުތީ ފެރޭރާ ކަރަސްކޯގެ ބަދަލުގައި މަރުއާން ފެލައިނީ ޓީމަށް އަރުވައިގެންނެވެ. އެއާ އެކު ޓީމުގެ ކުޅުން ރަނގަޅުވެ ދެ ވަނަ ހާފްގެ ކުރީކޮޅު ނުރައްކާތެރި ދެ ހަމަލާއެއް އުފެއްދި އެވެ. އެކަމަކު ލުކާކޫ ބޮލުން ފޮނުވާލި ބޯޅަ އާއި އެޑެން ހަޒާޑް ފޮނުވާލި ހަމަލާ ވެސް ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.

ވޭލްސް އަށް ލީޑު ނަގައިދިނީ މެޗުގެ 55 ވަނަ މިނިޓްގައި ރޮބްސަން ކާނޫ އެވެ. ކައުންޓަ އެޓޭކެއްގައި އާރޮން ރަމްސޭ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ރޮބްސަން ކާނޫ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ނަތީޖާ ހަމަހަމަ ކުރަން ބެލްޖިއަމްގެ ފެލައިނީ އަށް ހުސް ފުރުސަތެއް ލިބުނެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ވެސް ގޯލާ ސީދާވާ ގޮތެއްނުވި އެވެ. އަދި ލުކާކޫ އާއި ހަޒާޑް އަދި ކެވިން ޑިބްރޭނާގެ އިތުރުން އަލެކްސް ވިޓްސެލް ވެސް ހަމަލާތަކެއް އުފައްދަން މަސައްކަތްކުރިއިރު ކާމިޔާބެއް ނުވި އެވެ.

ވޭލްސް އަށް ސެމީގެ ޖާގަ ކަށަވަރުވީ 86 ވަނަ މިނިޓްގައި ސެމީ ވޯކްސް ކާމިޔާބުކުރި ލަނޑުންނެވެ. ކްރިސް ގަންޓާ ނަގައިދިން ހުރަސް ބަދަލު ކުޅުންތެރިޔާ ވޯކްސް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.