Roadha Mihaaru
ދިވެހިން ޔޫކޭއަށް އެތެރެވެވޭނެ ފަސޭހަ ގޮތެއް ހަދައިފި

ދިވެހިން އިނގިރޭސިވިލާތަށް އެތެރެވެވޭނެ ފަސޭހަ ގޮތެއް ހަދައިފި

08 އޮކްޓޯބަރ 2017

އިނގިރޭސިވިލާތުގެ އެއާޕޯޓުތަކާއި ޔޫރަޕްގެ ބައެއް ބަނދަރުތަކުގައި ގާއިމުކޮށްފައިވާ "ރެޖިސްޓާޑް ޓްރެވަލް ސާވިސް"ގެ ޚިދުމަތް ދިވެހިންނަށް ލިބޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިނގިރޭސިވިލާތުގެ އެއާޕޯޓުތަކާއި ޔޫރަޕްގެ ބައެއް ބަނދަރުތަކުގައި ގާއިމުކޮށްފައިވާ "ރެޖިސްޓާޑް ޓްރެވަލް ސާވިސް"ގެ ޚިދުމަތް ދިވެހިންނަށް ލިބޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ޚިދުމަތުގެ ސަބަބުން ދިވެހިންނަށް، އެއާޕޯޓުތަކުގައި ހުންނަ އީ ޕާސްޕޯޓްގެ ގޭޓު ކިއުއަށް އަރައި، އިމިގްރޭޝަން އޮފިސަރަކާ މަޝްވަރާ ކުރުމަކާ ނުލައި އިނގިރޭސިވިލާތަށް އެތެރެވެވޭނެ އެވެ. ކުރިންނަމަ، ދިވެހިން ޔޫކޭ އެއާޕޯޓުތަކުގައި ގަޑިއިރެއްހާއިރު މަޑުކުރަން ޖެހެ އެވެ.

މި ޚިދުމަތުގައި ބައިވެރިވެފައިވާ މީހުން ގައުމަށް އެތެރެވާއިރު، އެއާޕޯޓުގެ އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ "ލޭންޑިން ކާޑު" ވެސް ހުށަހަޅަން ނުޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޚިދުމަތުގައި ދިވެހިންނަށް ބައިވެރިވެވުނީ އިނގިރޭސިވިލާތަށާއި ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާއިރު އެއާޕޯޓުގައި ހޭދަ ކުރަންޖެހޭ ވަގުތު އިތުރުވާތީ އުފުލަމުންދާ ތަކުލީފު ކުޑަކުރުމުގެ ގޮތުން، ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ހިދުމަތް ލިބެން ހުންނަ އެއާޕޯޓުތަކުގެ ތެރޭގައި ލަންޑަނުގައި ހުންނަ ގެޓްވިކް، ހީތްރޯ، ލަންޑަން ސިޓީ، ލޫޓަން، ސްޓެންސްޓެޑް އެއާޕޯޓް، މެންޗެސްޓާ ، ބާމިންހަމް، އީސްޓް މިޑްލަންޑްސް އާއި އެޑިންބަރާ ހިމެނެ އެވެ. އަދި ޔޫރޯ ސްޓާ ޓާމިނަލްތައް ކަމުގައިވާ ބްރަސަލްސް، ލީލް އަދި ޕެރިހުގައި ވެސް ރެޖިސްޓަޑް ޓްރެވެލަ ސާވިސްގެ ޚިދުމަތް ބޭނުން ކުރެވޭނެ އެވެ.

މި ޚިދުމަތުގައި ބައިވެރިވެވޭނީ އިލެކްޓްރޯނިކް ޕާސްޕޯޓެއް އޮތުމާއެކު، ޚިދުމަތަށް ދައްކަންޖެހޭ އަހަރީ ފީ އެއް ދައްކައި، "ރެޖިސްޓާޑް ޓްރެވެލަ"އެއްގެ ގޮތުގައި އޮންލައިންކޮށް ރަޖިސްޓަރ ކުރުމުންނެވެ. މިގޮތުން ޚިދުމަތަށް ރަޖިސްޓަރީ ކުރެވުމުން އަހަރުން އަހަރަށް މެމްބަޝިޕް އާ ކުރެވޭނެ އެވެ.

އިނގިރޭސިވިލާތަކީ ދިވެހިން ތައުލީމު ހާސިލުކުރުމަށާއި ވިޔަފާރީގެ މުއާމަލާތުތަކަށް މުހިންމު ގައުމަކަށް ވާއިރު، މިހާރު ވެސް ދިވެހިން އިނގިރޭސިވިލާތަށް ކުރާ އާންމު ދަތުރުތަކަށް ހިލޭ "އޮން އަރައިވަލް" ވިސާ ލިބޭނެ ގޮތް ވަނީ ހަމަޖެހިފަ އެވެ. އަދި ދިވެހިން އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމަށް ވިސާ ހޯދުމުގައި ވެސް ފަސޭހަ އިންތިޒާމުތަކެއް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހަ އެވެ. މިއީ ވަރަށް މަދު ގައުމަކަށް ނޫނީ ނުލިބޭނެ ހިދުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން ހާމަކޮށްދޭ. ވަރަށް ގިނަ މީހުން ދައްކާ ވާހަކައެއް އެއީ ދިވެހިންނަކީ ޓެރަރިސްޓުންނޭ. ހައްދު ފަހަނައަޅާފައި ތިބޭ މީހުންނޭ. އެކަން އިނގިރޭސިވިލާތުން ގަބޫލު ނުކުރާނަމަ، މި ހިދުމަތެއް ދިވެހިންނަށް ނުދޭނެ،" ޝިއާން ވިދާޅުވި އެވެ.

ޝިއާން ވިދާޅުވީ އިނގިރޭސިވިލާތުގައި 400 އެއްހާ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ކަމަށެވެ.

މި ޚިދުމަތް ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން މިހާތަނަށް ދީފައިވަނީ 40 ގައުމަކަށެވެ. މި ޚިދުމަތް ހޯދަމުންދާ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ، އަދި ޖަޕާން ފަދަ ގައުމުތަކުގެ ރައްޔިތުން ހިމެނެ އެވެ.