Roadha Mihaaru
ކޯސްޓްލައިންގެ ހަދިޔާ: ހިލޭ ކިޔަވައިދޭ ބޮޑު ކެމްޕަހެއް

ކޯސްޓްލައިންގެ ހަދިޔާ: ހިލޭ ކިޔަވައިދޭ ބޮޑު ކެމްޕަހެއް

07 އޮކްޓޯބަރ 2017

ދިވެހި ޒުވާނުން މަސައްކަތްތެރިކަމުގެ ރޮނގުން ތަމްރީނު ކުރުމަށް ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ކެމްޕަހެއް ގާއިމުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދިވެހި ޒުވާނުން މަސައްކަތްތެރިކަމުގެ ރޮނގުން ތަމްރީނު ކުރުމަށް ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ކެމްޕަހެއް ގާއިމުކޮށްފި އެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި، ކޯސްޓްލައިނުން ކިހާދޫގައި އެޅި 200 ކުދިންގެ ޖާގައިގެ މި ކެމްޕަހުގައި ކިޔަވައިދޭނީ ހިލެ އެވެ. އަދި ދަރިވަރުން ހިލޭ ތިބުމަށް އެތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ ކެމްޕަހުންނެވެ.

ކޯސްޓްލައިންގެ ޕްރޮޖެކްޓު ކޯޑިނޭޓަރު މުހައްމަދު ވިޝާމް ވިދާޅުވީ އަންނަ ޖެނުއަރީ މަހު ފަށާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެންމެ ފުރަތަމަ ޖާގަ ދޭނީ 50 ދަރިވަރުންނަށް ކަމަށެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި ކޯސްތައް އިތުރުވާ ވަރަކަށް ޖާގަ ވެސް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯސްޓްލައިންގެ ކެމްޕަހުގައި ހިންގާ ކޯހެއްގެ އިޝްތިހާރެއް: އެތަނުގައި ހުރުމާއި ކެއުން އަދި ތަމްރީނުތައް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހިލޭ

ކޯސްޓްލައިންގެ ކެމްޕަހުގައި ހިންގާ ކޯހެއްގެ އިޝްތިހާރެއް: އެތަނުގައި ހުރުމާއި ކެއުން އަދި ތަމްރީނުތައް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހިލޭ

"އަޅުގަނޑުމެން އެއްވެސް ކުއްޖެއްގެ އެއްވެސް އަތުން ފީއެއް ނުނަގާނަން. މިތަނުގައި ހުރިހާ ކަމެއް ވެސް ހަމަ އޮންނާނީ ހިލޭ. ކެއުމާއި ހުރުމުގެ އިތުރުން ކުދިން މުނިފޫހިފިލުވުމަށް ވެސް ގިނަ ކަންތައްތަކެއް އޮންނާނެ،" ވިޝާމް ވިދާޅުވި އެވެ.

"ދަނާލުގައި ތިބެން ބޭނުން ނުވާ ކުދިންނަށް އެ ރަށުގެ ގޭގޭގައި ވެސް ތިބެވޭނެ،"

ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައި މި ކެމްޕަސް ޖެނުއަރީ މަހު ހުޅުވަނީ ތިން ކޯހަކާއެކު އެވެ. އެއީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަނާ އާއި ރެފްރިޖަރޭޓާ މަރާމާތު ކުރުމުގެ ކޯހެކެވެ.

މިއީ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ކޯސްތަކެއް ކަމަށް ވިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 15 ހަފުތާގެ މުއްދަތަށް މި ކޯސްތައް ހިންގާނީ އެކި ސެޓްފިކެޓް ލެވެލްތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ދެ ހަފުތާ ކިޔެވުމުން ސެޓްފިކެޓް އެކެއް އަދި ކޯސް އެއްކޮށް ފުރިހަމަ ކުރުމުން ސެޓްފިކެޓް ތިނެއް ލިބޭނެ ކަމަށް ވިދާާޅުވި އެވެ.

ޓިވެކް ސެންޓަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ ތަމްރީނު ޕްރޮގްރާމްތައް ދައްކައިދޭ އިޝްތިހާރެއް

ޓިވެކް ސެންޓަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ ތަމްރީނު ޕްރޮގްރާމްތައް ދައްކައިދޭ އިޝްތިހާރެއް

ރާއްޖޭގައި ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ކޯސްޓްލައިނުގެ ކެމްޕަހުގައި ފަށާ މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި މި ފުރުސަތު ތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބ. އަތޮޅުގެ ރަށްތަކުގައި މި މަހު 21 ގައި އަދި ރ. އަތޮޅުގައި 28 ގައި އޯޕަންޑޭ އެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

"އެކަމަކު ރާއްޖޭގެ ކޮންމެ ރަށަކުން ވެސް މި ކޯސްތަކުގައި ބައިވެރިވެވޭނެ. ވަކި ޖިންސަކަަށް ވަކި އުމުރެއްގެ ޒުވާނަކަށް ނުބަލަން،" ވިޝާމް ވިދާޅުވި އެވެ.

ކޯސްޓްލައިނުން މި ކެމްޕަސް ގާއިމުކޮށްފައިވަނީ ކިހާދޫގެ 240،000 ވުރެ ބޮޑު ބިމެއް ނަގައިގެންނެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެތަނުގެ ވެބްސައިޓް ޓީވީއީސީޑޮޓްއެމްވީ އިން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.