Roadha Mihaaru
ލަންކާގައި ހުއްޓައި މަހްލޫފްގެ ޕާސްޕޯޓު ހިފަހައްޓައިފި

ލަންކާގައި ހުންނަވަނިކޮށް މަހްލޫފްގެ ޕާސްޕޯޓު ހިފަހައްޓައިފި

04 އޮކްޓޯބަރ 2017

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އަވައްޓެރި ސްރީ ލަންކާ އަށް ވަޑައިގެން ހުންނަވަނިކޮށް، ސަރުކާރުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އަވައްޓެރި ސްރީ ލަންކާ އަށް ވަޑައިގެން ހުންނަވަނިކޮށް، ސަރުކާރުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މަހްލޫފް މިއަދު ވިދާޅުވި ގޮތުގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓިކަން އެނގިވަޑައިގަތީ އިއްޔެ އެވެ. ޕާސްޕޯޓު ހިފެހެއްޓި ކަމުގައި ވިޔަސް، ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފްގެ ޕާސްޕޯޓު ހިފެހެއްޓިކަން ފުލުހުން ވެސް ކަށަވަރުކޮށް ދެއްވި އެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި މަހްލޫފްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ތިން މަސް ދުވަހަށެވެ. ކުއްލި ގޮތަކަށް މަހްލޫފް ލަންކާ އަށް ވަޑައިގަތީ މިދިޔަ މަހު ފަހުކޮޅު އެވެ.

"އަޅުގަނޑު ލަންކާ އަށް އައީ ބޭސްފަރުވާއަކަށް. ލަންކާގައި ހުއްޓައި އަޅުގަނޑު (މާލޭގައި) އުޅޭ ގެއަށް ދިޔައީ ކްރިމިނަލް ކޯޓުގެ އަމުރު ހިފައިގެން،" ލަންކާގައި ހުންނަވައި މަހްލޫފް ވިދާޅުވި އެވެ.

މިދިޔަ ޖުލައި 31، ގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށް، މަހްލޫފާއި އިދިކޮޅު މެމްބަރުންގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަހްލޫފްގެ ޕާސްޕޯޓު މީގެ ކުރިން އެއް މަސް ދުވަހަށް ހިފެހެއްޓި އެވެ. މަހްލޫފް ވިދާޅުވި ގޮތުގައި އޭނާގެ ޕާސްޕޯޓު އަނެއްކާ މި ހިފެހެއްޓީ އޭނާ އަށް ބިރުދެއްކުމުގެ ގޮތުންނެވެ.

"މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައިގައި އެމްއެންޑީއެފްގެ އެއްވެސް އޮފިސަރެއްގެ ބަޔާން ނުދިނުމުން ފަހުން ޖެނެރަލް ޝިޔާމް ބިރު ދައްކައި މަޖުބޫރު ކުރުވައިގެން މިލިޓަރީ ޕޮލިސް މެދުވެރިކޮށް ބަޔާންތަކެއްގައި ވަނީ ސޮއި ކުރުވާފައި،" މަހްލޫފް ވިދާޅުވި އެވެ.

ތަހުގީގު ނިމުމުގެ ކުރިން "ފިއްލަވާފާނެތީ" ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ ޕާސްޕޯޓު ވެސް އިއްޔެ ވަނީ ހިފަހައްޓައިފަ އެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ފުލުހުން ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު ނުނިމެނީސް އޭނާ ފިއްލަވައިފި ނަމަ ނުވަތަ ބޭރަށް ފުރާވަޑައިގެންފި ނަމ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް ބުނެ އެވެ. އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ އެއް މަސް ދުވަހަށެވެ.