Roadha Mihaaru
ލިބުނީ 105 ޕޮއިންޓް، ނުލިބުނީ ފްލެޓް!

ލިބުނީ 105 ޕޮއިންޓް، ނުލިބުނީ ފްލެޓް!

03 އޮކްޓޯބަރ 2017

މާލޭގައި އެއް ކޮޓަރީގެ އެޕާޓްމަންޓެއްގައި އަލީ މަންސޫރު، އއ ރަސްދޫ، ދިރިއުޅެމުން އަންނަނީ 11 މީހުންނާ އެކު އެވެ. އަންހެނުންނާއި ފަސް ކުދިންނާއި ތިން ދޮންދަރިންގެ އިތުރުން އަންހެނުންގެ މަންމަ އެވެ. އޭގެ ތެރެއިން ހަތަރު ކުދިންނަށް 18 އަހަރެއް އަދި ނުފުރެ އެވެ. އޯޓިޒަމްގެ ނުކުޅެދުންތެރިކަން ހުންނަ އެއް ކުއްޖަކު ހިމެނެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގައި އެއް ކޮޓަރީގެ އެޕާޓްމަންޓެއްގައި އަލީ މަންސޫރު، އއ ރަސްދޫ، ދިރިއުޅެމުން އަންނަނީ 11 މީހުންނާ އެކު އެވެ. އަންހެނުންނާއި ފަސް ކުދިންނާއި ތިން ދޮންދަރިންގެ އިތުރުން އަންހެނުންގެ މަންމަ އެވެ. އޭގެ ތެރެއިން ހަތަރު ކުދިންނަށް 18 އަހަރެއް އަދި ނުފުރެ އެވެ. އޯޓިޒަމްގެ ނުކުޅެދުންތެރިކަން ހުންނަ އެއް ކުއްޖަކު ހިމެނެ އެވެ.

އެދަތި ދިރިއުޅުމުގައި މަންސޫރު އުޅެނީ ތަފާތު މަސައްކަތްކޮށްގެންނެވެ. އޭނާ އުޅޭ ވަޒީފާ އިން 12،000 ރުފިޔާ ލިބެ އެވެ. ގޭ ކުއްޔަށް 6،000 ރުފިޔާ ދައްކާ އިރު ހަރަދުތައް ހަމަޖައްސަނީ އިތުރު މަސައްކަތްތައް ކޮށްގެން ހޯދާ ފައިސާ އިންނެވެ.

އާ ފްލެޓްތަކަށް އިއުލާންކުރުމުން 2014 ގައި، ހައުސިން މިނިސްޓްރީ ދޮށުގައި ކިޔޫޖެހިގެން އޭނާ ވެސް ފޯމް ލީ އެ އުނދަގޫ ދިރިއުޅުމަށް ލުޔެއް ލިބޭނެކަމުގެ އުއްމީދުގަ އެވެ. އޭނާގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހު 105 ޕޮއިންޓް ލިބުމުން ފުލެޓްގެ އުއްމީދު ބޮޑުވި އެވެ.

އެކަމަކު އޭގެ ތިން އަހަރު ފަހުން ފްލެޓް ލިސްޓް އިއުލާންކުރި އިރު އޭނާގެ ނަމެއް ނެތެވެ. ހަގީގަތް ބެލިއިރު އޭނާއަށް ވުރެ ދަށުން މާކްސް ލިބުނު މީހުންގެ ނަން ވެސް ލިސްޓްގައި އޮތެވެ. އޭނާ މިހާރު ގަބޫލުކުރަނީ، ހުރިހާ ޝަރުތެއް ހަމަވެ، އެހާ މަތިން ޕޮއިންޓް ލިބުމުން ވެސް ފްލެޓްގެ ހައްގުވެރިޔަކަށް އޭނާ ނުވީ ޕީޕީއެމަށް ސަޕޯޓް ނުކުރާތީ އެވެ.

އޭނާގެ ބަހުން ނަމަ އޭގެ މިސާލެއް ވެސް ދެއްކެން އެބަ އޮތެވެ؛ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހުން އޭނާ އަށް ކުރި ކަމަށް ބުނާ ފޯން ކޯލެވެ.

"ރައީސް ޔާމީން ކެމްޕެއިން އޮފީހުން ގުޅާފައި އެހީ ރައީސް ޔާމީނަށް ތާއީދުކުރަންހޭ. ދެހާސް އަށާރައިގައި ވޯޓް ދޭނަންހޭ. ދެން އަހަރެން ބުނިން ވޯޓެއް ވެސް ނުދޭނަމޭ، ތާއީދެއް ވެސް ނުކުރާނަމޭ،" މަންސޫރު ކިޔައިދިނެވެ.

މަންސޫރަށް ޕޮއިންޓް ލިބުނު ގޮތް

- 3 ޕޮއިންޓް: ރަށްވެހިކަން

- 15 ޕޮއިންޓް: ދަރިން

- 42 ޕޮއިންޓް: ގޯތިގެދޮރު

- 30 ޕޮއިންޓް: ދިރިއުޅުމުގެ ހާލަތު

- 15 ޕޮއިންޓް: ހާއްސަ އެހީ

އޭނާ އެ ބުނާ ފޯން ކޯލެއް އެހެން ބައެއް މީހުންނަށް ވެސް އައި ކަމަށްވެ އެވެ. އެކަމަކު ފްލެޓް ލިބުމާ އެ ކޯލްތަކާ ހުރީ ކޮން ގުޅުމެއްކަން ކަށަވަރެއް ނޫނެވެ. ސަބަބަކީ ދޭތެރެ ދޭތެރެއިން ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން އެފަދަ ކޯލްތައް ކޮށް، އެކި އިންތިހާބުތަކުގައި ވޯޓު ދޭނަންތޯ އަހަމުން ދާތީ އެވެ.

ފްލެޓަށް އެދުނު ފޯމްތައް ޕީޕީއެމް ކެމްޕެއިން އޮފީހަށް ގެންދިޔަ ކަމުގެ އަޑުތައް، ފްލެޓް ލިސްޓާ އެކު ވަނީ ފެތުރިފަ އެވެ. އެކަމަކު ބޯހިޔާވަހިކަމުގެ ހުރިހާ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެކި ފަހަރު މަތިން ވިދާޅުވެފައި ވަނީ އެފަދަ ލިސްޓެއް އެއްވެސް ކެމްޕެއިން އޮފީހަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު، 661 ފްލެޓް ދިން ގޮތް ދިފާއުކުރައްވަނީ

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު، 661 ފްލެޓް ދިން ގޮތް ދިފާއުކުރައްވަނީ

ދާއިމީ ލިސްޓް އިއުލާންކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި ގޮތުގައި ވަކި ޕާޓީއެއްގެ މީހަކަށް ބަލައިގެން ފްލެޓް ދީފައެއް ނޯންނާނެ އެވެ. އެގޮތަށް ކަންތައް ކުރީ އެމްޑީޕީން ކަމަށް ވިދާޅުވެ އޭނާ މިސާލު ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައެއް އަމަލްފުޅުތަކުންނެވެ.

އެކަމަކު މަންސޫރުގެ ހިޔާލު މުޅިން ތަފާތެވެ.

"އަޅުގަނޑުގެ ވަރަށް ގާތް މީހަކަށް އެބަ ހުރި 78 ޕޮއިންޓް ލިބިގެން ފްލެޓް ލިބިފައި. ކުދިން ވެސް މާ މަދުވާނެ އަޅުގަނޑަށް ވުރެ. އެކަމަކު އެއީ ޕީޕީއެމްގެ އެކްޓްވިސްޓުން،" މަންސޫރު ބުންޏެވެ.

މަންސޫރު ނޫނަސް 100 އަށް ވުރެ މަތިން މާކްސް ލިބި އެކަމަކު ފްލެޓްގެ ހައްގުވެރިޔަކަށް ނުވި ބައެއް މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން އެކަކީ މާލޭގައި އުޅޭތާ 27 އަހަރު ވެފައިވާ އަބްދުލް މަޖީދު މާހިރު، ދަފްތަރު އެވެ. އޭނާގެ ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެއް ކޮޓަރީގެ ފްލެޓެއްގައި އުޅެމުން އަންނަ މާހިރަށް 102 ޕޮއިންޓް ލިބުނެވެ. ނަމަވެސް ފްލެޓް ނުލިބޭކަން އެނގުނީ، އޭނާގެ ދަރިޔަކު ބުނި ގޮތުން ނަމަ، "ސިޔާސީ ފޯނު ކޯލަކަށް ޖަވާބު ދިން ފަހުން"ނެވެ.

"ފުރަތަމަ އެބުނަނީ ފުލެޓް ލިބުނު މީހުންގެ ލިސްޓަށޭ ޕީޕީއެމް އޮފީހުން ގުޅީ. އެގޮތުން ޕީޕީއެމް އޮފީހުން ބައްޕައަށް ވެސް ގުޅި. ގުޅާފައި އަހަނީ ސަރުކާރު ހިނގާ ގޮތާ ދޭތެރޭ ހިތްހަމަޖެހޭހޭ. ބުނީމަ ބައްޕަ ދިން ޖަވާބަކީ ހިތްހަމައެއް ނުޖެހޭ،" މާހިރުގެ ދަރިފުޅަކު ބުންޏެވެ.

"އެހެންވެ ކަމަށް ބެލެވެނީ ފުލެޓް ނުލިބުނީ."

އަމާނާތްތެރިކަމާ މެދު އުފެދުނު ޝައްކު!

ފުލެޓު ލިބުނު މީހުންގެ ލިސްޓް އާންމުކުރީ ހަމައެކަނި ފޯމު ނަމްބަރު ޖަހާފަ އެވެ. މިއީ އާންމުންގެ މެދުގައި އެންމެ ބޮޑަށް ޝައްކު އުފައްދާ މައްސަލަ އެވެ. މީގެ ކުރިން ސޯޝަލް ހައުސިން ސްކީމްގެ ފުލެޓް ލިބުނު މީހުންގެ ނަމާއި ލިބުނު ޕޮއިންޓް ހާމަކުރި އެވެ. އެކަމަކު މުއިއްޒު ވިދާޅުވަނީ އެއީ އެ މީހުންގެ ޒާތީ މައުލޫމާތެއް ކަމަށެވެ.

ފްލެޓަށް ފޯމް ލި ބައެއް މީހުން ބުނާ ގޮތުގައި ފްލެޓް ލިބުނު އެންމެ ދަށް މާކްސް ހާމަކުރި ނަމަވެސް ޝަކުވާ ހުށަހަޅާނެ މިންގަނޑެއް އާންމުންނަށް އެނގުނީހެވެ.

ފްލެޓް ދިނުމުގައި ފޮރުވާނެ އެއްވެސް ކަމެއް ނެތް ނަމަ ދެ ފުށް ފެންނަ ގޮތަކަށް ނުވަތަ އެ ލިބުނީ އޭގެ އެންމެ ހައްގުވެރިންނަށްތޯ ޔަގީންކޮށްދިނުމަކީ ހައުސިން މިނިސްޓްރީ އާއި ހައުސިން މިނިސްޓަރުގެ ފުރިހަމަ ޒިންމާއެކެވެ. އެކަމަކު ފްލެޓް ލިބުނު އެންމެ ދަށް މާކްސް ހާމަކުރުން ފަދަ ކުޑަ ކަމެއް ވެސް ނުކުރަން މިނިސްޓްރީން ނިންމާފައިވާތީ އެތައް ބަޔަކު ތިބީ ހިތްހަމަނުޖެހިފަ އެވެ.

މިނިސްޓަރު މުއިއްޒުގެ އެންމެ ފަހު ޕްރެސް ކޮންފަރެންސްގައި، އާންމުންގެ ހުރިހާ ފާޑުކިޔުމަކަށް ދެއްވި ޖަވާބަކީ އަންނަ އަހަރު 15،000 މީހުންނަށް ފްލެޓް ލިބޭނެކަމުގެ ޔަގީންކަމެވެ. ނަމަވެސް އެގޮތަށް ވިދާޅުވިޔަސް، މިފަހަރުގެ 661 ފްލެޓް ސަރުކާރުން ދޫކުރީ އޭގެ އެންމެ ހައްގުވެރިންނަށްތޯ ނުވަތަ ނޫންތޯ އުފެދިފައިވާ ސުވާލަށް ޖަވާބެއް ނެތެވެ.

މަންސޫރާއި މާހިރު ކަހަލަ އެތައް ބަޔަކަށް ލިބުނު މާޔޫސްކަން، މުއިއްޒުގެ އެ ވާހަކައިން ނިމުމަކަށް ނާންނާނެ އެވެ. މައްސަލައަކީ ބޯހިޔާވަހިކަމުގެ މިފަދަ މަޝްރޫއެއްގައި ސަރުކާރުން ގެންގުޅެން ޖެހޭ އަމާނާތްތެރިކަމާ މެދު ރައްޔިތުންގެ މެދުގައި އުފެދުނު ޝައްކެވެ. އެ ޝައްކު، 15،000 ފްލެޓްގެ ވައުދު އާކުރުމުން ފިލައިގެން ހިނގައިދާނެ ހެއްޔެވެ؟