Roadha Mihaaru
ހާރިސް މަރައިލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ހާރިސް މަރައިލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

01 އޮކްޓޯބަރ 2017

ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި މަރައިލި ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24،ގެ މަރުގެ މައްސަލައިގައި މިއަދު މީހަކު ހައްޔަރު ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި މަރައިލި ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24،ގެ މަރުގެ މައްސަލައިގައި މިއަދު މީހަކު ހައްޔަރު ކޮށްފި އެވެ.

ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި އެ މާރާމާރީގައި މަރުވި ހާރިސްގެ މަރާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ޒުވާން ފިރިހެނެކެވެ. ހުޅުމާލޭން ހައްޔަރު ކުރި އެ ޒުވާނާ އަކީ ހާރިސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ހާރިސްގެ މަރައިލުމުގައި ބައިވެރިވި މީހުން ހޯދުމަށް ފުލުހުން ހުޅުމާލޭގައި އޮޕަރޭޝަނެއް ފަށާފައިވާ އިރު މިއީ އެ މަރާ ގުޅިގެން ހައްޔަރު ކުރި ފުރަތަމަ މީހާ އެވެ.

މި މާރާމާރީގައި ހާރިސްގެ ހަށިގަނޑުގެ އަށް ތަނަކަށް ވަނީ ވަޅި ހަރައިފަ އެވެ. އެ މާރާމާރީގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.

މާރާމާރީ ހިންގި ހިސާބަކީ މީހުން އުޅޭ ސަރަހައްދާ ދުރުގައި، އަނދިރިކޮށް އޮންނަ ހިސާބެކެވެ. އެއީ ކޮޅު ބެދިގައި އޮންނަ ގޯޅިއެކެވެ. ވަށައިގެން އޮންނަނީ ގަސްތައް ހެދިފަ އެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ، އެތަނުގައި ތިބި ބައެއް މީހުން ބުނީ ވަޅި ހަރާފައި ވަނީ ސައިކަލެއްގައި ދިޔަ މީހަކު ނުވަތަ ބަޔަކު ކަމަށާއި މަރުވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގައި ކަމަށެވެ.

ހާރިސް އަށް ހަމަލާ ދިން ފަހުން، ހަމަ އެރޭ މާލޭގައި ވެސް ވަނީ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފަ އެވެ. އެ މައްސަލައިގައި 13 މީހަކު ހައްޔަރު ކޮށްފައިވާ އިރު، އެ ދެ މާރާމާރީ އަކީ ވެސް، މިދިޔަ ހަފުތާގައި މާފަންނު އައިޓަމްސް ފިހާރަ ކައިރީ ވަޅި ހަރައި ޒުވާނަކު މަރާލުމުން އޭގެ ބަދަލު ހިފަން ހިންގި މާރާމާރީތަކެއް ކަމަށްވެ އެވެ.