Roadha Mihaaru
ހުޅުމާލެ އަނދިރިވުމާއި ސީސީޓީވީ ނެތުމުގެ ބިރު!

ހުޅުމާލޭގެ އަނދިރިކަމާއި ސީސީޓީވީ ނެތުމުގެ ބިރުވެރިކަން ފިލުވައެއް ނުދިން!

05 ޑިސެމްބަރ 2019

ހުޅުމާލޭގައި ރޭ ޓެކްސީ ޑްރައިވަރަކު މަރާލި ސަރަހައްދުގައި ސީސީޓީވީ ކެމެރާއެއް ހުރި ނަމަ، އޭނާގެ ގާތިލުން މިހާރު ހައްޔަރުކޮށްފައި ތިބުން އެކަށީގެންވެ އެވެ. އެކަމަކު، އަނދިރި، ނާމާން ހިސާބުގަނޑެއްގެ ގޮތުގައި އެ މަގު ބާއްވާފައި އޮތުމުގެ ގެއްލުމާއި ނުރައްކާ ބޮޑެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގައި ރޭ ޓެކްސީ ޑްރައިވަރަކު މަރާލި ސަރަހައްދުގައި ސީސީޓީވީ ކެމެރާއެއް ހުރި ނަމަ، އޭނާގެ ގާތިލުން މިހާރު ހައްޔަރުކޮށްފައި ތިބުން އެކަށީގެންވެ އެވެ. އެކަމަކު، އަނދިރި، ނާމާން ހިސާބުގަނޑެއްގެ ގޮތުގައި އެ މަގު ބާއްވާފައި އޮތުމުގެ ގެއްލުމާއި ނުރައްކާ ބޮޑެވެ.

ހުޅުމާލޭގައި ހިނގާ މިފަދަ ކޮންމެ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ވެސް ކުރަން ޖެހެނީ އެއް ޝަކުވާއެކެވެ. އެތަނުގެ އަނދިރިކަމުން ކުރިމަތިވެފައިވާ ބިރުވެރިކަމާއި ބޮޑު ސަހަރުގައި އެކަށީގެންވާ މިންވަރަށް، ސަލާމަތީ ކެމެރާ ނެތުމެވެ.

އދ. މާމިގިލީ، ގާސިމް ހަސަން، 59، ގެ ކަރާއި ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ރޭ ފެނުނީ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސްމަގުގަ އެވެ. އެއީ، ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ މަގެކެވެ. އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި، ގާސިމް މަރާލީ، މީހެއްގެ ހިލަމެއް ނުވާ އެ މަގަށް ރަހީނުކޮށްގެން ގެންދިއުމަށް ފަހު އެވެ. އެކަމަކު ފުލުހުން އަދި މިކަން ކަށަވަރެއް ނުކޮށްދެ އެވެ.

އެތައް ސަތޭކަ އެޕާޓްމަންޓް ހިމެނޭ ތަފާތު އެތައް އިމާރާތެއްގެ މަސައްކަތް ހިނގަމުން އަންނަ ސަރަހައްދުގައި، ރޭގަނޑު މީހުން އުޅެނީ ވެސް ވަރަށް މަދުންނެވެ. އެ މަގުގެ އިރުމައްޗަށް އޮންނަ ބައެއްގައި ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ހާފްވޭ ހައުސް ކައިރީގައި ސެޕްޓެމްބަރު 29، 2017 ގައި ވެސް މީހަކަށް ހަމަލާދީ މަރާލި އެވެ. އެ ހަމަލާ ދިނީ ވެސް ރޭގަނޑެވެ.

ކުރީގެ ހަމަލާ އާއި ރޭ ގާސިމް މަރާލުމުން ވެސް އާއްމުންގެ ކަންބޮޑުވުމަކީ ހުޅުމާލޭގެ މަގުތަކުގައި އެކަށީގެންވާ އަލި ކަމެއް ނެތުމެވެ. ބޮޑެތި މަގުތަކުން ފެށިގެން ކުދި ގޯޅިތަކުގައި ޖަހާފައި ހުރި ލައިޓްތަކުން ވެސް މާ ބޮޑު އަލިކަމެއް ނުހުރެ އެވެ. މާ އުހަށް ލައިޓްތައް ޖަހާފައި ހުރުމާއި ލައިޓުން ފޭދޭ އަލި ފަނޑުކަމުން އެއްގޮތަކަށް އަލި ކަމެއް ނެތް މަގުތައް ވެސް، ރާއްޖޭގައި ދެވަނައަށް އާބާދީ ބޮޑު ރަށުގައި ގިނަ އެވެ.

މިއީ، އެކްސިޑެންޓުތައް ހިނގަން ވެސް މެދުވެރިވެދާނެ ސަބަބެކެވެ.

"ލައިޓްތައް ހުންނަ ގިނަ މަގުތަކުގައި ވެސް ވަރަށް ފަނޑު އައްޔެއް ހުންނަނީ. ބައެއް ލައިޓްތައް ނުވެސް ދިއްލާ. އެހެން ނޫނީ މާ އުހުގައި އެ ހުންނަ ބައްތިތައް ހުންނަނީ ގަސްތަކުން ނިވާވެފައި،" ހުޅުމާލޭގައި ދިރިއުޅޭ މުހައްމަދު ހުސެއިން ބުންޏެވެ.

"މީހުން ނޫޅޭ ފްލެޓްތަކާއި އަލަށް ހަދާ ފްލެޓްތައް ހުންނަ މަގުތަކުގައި އެއްވެސް އަލި ކަމެއް ނުހުރޭ. ރޭގަނޑު އެއީ ބިރުވެރި ތަންތަން."

ހުޅުމާލެ: މިތަނުގައި އެކަށީގެންވާ އަލިކަން ނެތުމުގެ ކަންބޮޑުވުން ފާޅުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް ހައްލެއް ނާދޭ. --ފޮޓޯ/މިހާރު

ހުޅުމާލެ: މިތަނުގައި އެކަށީގެންވާ އަލިކަން ނެތުމުގެ ކަންބޮޑުވުން ފާޅުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް ހައްލެއް ނާދޭ. --ފޮޓޯ/މިހާރު

ވަރަށް އަނދިރި ބައެއް މަގުތައް ވެސް ހުޅުމާލޭގައި ދިރިއުޅޭ މީހުން ކުރީއްސުރެން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ފިތުރޯނު މަގާއި އެސްޓީއޯގެ ޕެޓްރޯލް ޝެޑުން ފެށިގެން އެމްއެންޑީއެފް ކޮއްޓާ ހަމައަށް މިދިލި މަގާއި އިންޑަސްޓްރިއަލް ޒޯންގެ ގުޅިފައިވާ ބައެއް މަގުތަކުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގުގެ ބޮޑު ބައެއް ވެސް ހިމެނެ އެވެ. މި މަގުތަކުގެ ނާމާންކަމުގެ ވާހަކަ 2017 ގައި ހިނގި އެކްސިޓެންޑަކާ ގުޅިގެން ވެސް "މިހާރު" އިން ރިޕޯޓް ކުރި އެވެ.

އެކަމަކު މި މަގުތަކުގެ ހާލަތު އަދިވެސް ބަދަލެއް ނުވެ އެވެ. އެހެންވެ، ރޭގެ މަރާ ގުޅިގެން ވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ގާސިމްގެ މަރާ ގުޅިގެން ޓުވިޓާގައި ކަންބޮޑުވުން ފާޅުކުރި ގިނަ ބަޔަކު ބުނެފައި ވަނީ، އެ މަރުގައި އެޗްޑީސީގެ އިހުމާލު ވެސް އެބަ އޮތް ކަމަށެވެ. ހުޅުމާލެ އަނދިރިވުމާއި ކެމެރާ ނެތުމުގެ އިތުރުން ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން އެދި އާއްމުން ކުރި ޝަކުވާތަކަށް އެޗްޑީސީން ފަރުވާކުޑަކޮށްފައިވާ ކަމަށް ވެސް އެ މީހުން ދެކެ އެވެ.

ހުޅުމާލޭގައި އާއްމުންގެ އަމާންކަމާއި ރައްކާތެރިކަމަށް ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.

އެހެން މީހަކު ލިއެފައިވާ ގޮތުގައި، މާލެ އާއި ހުޅުމާލޭގައި ފޫޓަކުން ނަމަވެސް ސީސީޓީވީ ކެމެރާ ބަހައްޓައިގެން ރައްޔިތުންނަށް އަމާންކަން ހޯދައި ދިނުމަކީ ފުލުހުން ކުރަން ޖެހިފައި އޮތް ކަމެކެވެ. މީހުން ކަތިލައި، މަރާލައި ގާތިލުން މިނިވަންކަމާ އެކު މަގުތައް މަތީގައި އެނބުރުމަކީ ބިރުވެރި ހާލަތެއް ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލޭގެ މަގު ބައްތިތައް އިތުރުކޮށް، އަލިކުރަން އެޗްޑީސީ އަށް ކިހާ މުއްދަތެއް ހޭދަވާނެތޯ ވެސް އެކަކު ސުވާލުކޮށްފައިވެ އެވެ.

ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނެފައިވާ ގޮތުގައި، ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭ މަގުތަކުގައި ލައިޓްތައް ހަރުކޮށްފައި ހުރީ ބައިނަލްއަގުވާމީ މިންގަނޑަކަށް ނޫނެވެ. އެހެންވެ، ބައިނަލްއަގުވާމީ ސްޓޭންޑަޑަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު ނަތީޖާއެއް ނުފެނި އޮއްވައި ކުރިމަތި މިވީ އަނެއްކާވެސް މީހެއްގެ މަރެވެ. ހުޅުމާލެ އޮތީ އަދިވެސް އޮތީ އަނދިރިކޮށެވެ.