Roadha Mihaaru
ރިލްވާން ވަގަށް ނެގި ދެ މީހަކު ދޫކުރުމުން ކަންބޮޑުވޭ

ރިލުވާންގެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރި ދެ މީހަކު ދޫކޮށްލާފައި ތިބުމުން ކަންބޮޑުވޭ: އާއިލާ

21 ސެޕްޓެމްބަރ 2017

މީގެ ތިން އަހަރު ކުރިން ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ ދެ މީހަކު މިނިވަންކަމާ އެކު މުޖުތަމައަށް ދޫކޮށްލާފައި ތިބުމުން އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މީގެ ތިން އަހަރު ކުރިން ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ ދެ މީހަކު މިނިވަންކަމާ އެކު މުޖުތަމައަށް ދޫކޮށްލާފައި ތިބުމުން އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން މިހާރު ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

ރިލްވާންގެ އާއިލާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޓެރަރިޒަމް ގެ ދައުވާތަކަކީ، ނުހަނު ނުރައްކާތެރި ބޮޑެތި ކުށްތައް ކަމުގައި ވީ ހިނދު ޓެރަރިޒަމްގެ ދައުވާ ލިބޭ އެހެން މީހުންނެކޭ އެއްގޮތަށް އެ ދެ މީހުންނާ މެދު އަމަލުނުކުރާ ކަމަށެވެ. މިއީ، ކޯޓުތަކާއި ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ މިނިވަންކަމާ މެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ފުރުސަތު ލިބޭ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

"މިފަދަ އެހެން ވެސް މައްސަލަތަކުގައި އާއްމު ގޮތެއްގައި ކަންކުރާ އުސޫލާ ޚިލާފު ގޮތަކަށް މި މައްސަލައިގައި ދައުވާ ކުރެވޭ މީހުންނާ މެދު ކަން ކުރަމުންދާ ކަން ފާހަގަ ކުރެވެ އެވެ. އަދި އެހެންކަމުން ޖިނާއީ އަދުލު ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފުލުހުން، ޕްރޮސިކިއުޓަރ ޖެނެރަލް އަދި ކޯޓުތަކުގެ ނަޒާހާތްތެރިކަމާމެދު ވެސް ސުވާލު އުފެދެ އެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނިގޮތުގައި ރިލްވާންގެ މައްސަލާގައި ޝަރީއަތް ފަށާފައިވާއިރު އާލިފް އާއި ނޫރައްދީން ދޫކޮށްލާފައި ތިބުމަކީ އެ މީހުން ފިލައިގެން ދިއުމުގެ ފުރުސަތާއި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބިރު އޮތް ކަމެކެވެ.

"ރިލްވާން ގެއްލުވާލި މައްސަލާގައި ހަމައެކަނި މި ތިން މީހުންގެ މައްޗަށް ދައުވާކުރާއިރު، ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ވަނީ ކޮންބައެއްކަން އަދި ރިލްވާން ވަގަށް ނެގުމަށް ފަހު އޭނާއާ މެދު ކަންތައް ކޮށްފައިވާ ގޮތް މިއަދާ ހަމައަށް ވެސް ހޯދިފައި ނުވާ ކަމަށް ބުނުމާއި އެންމެ ތިން މީހުން ވެގެން މިވަރުގެ ބޮޑުޖަރީމާއެއް އިތުރު ބައެއްގެ ބައިވެރިވުމާއި ނުލައި ހިންގިދާނެ ކަމަށް އާއިލާގެ ފަރާތުން ނުދެކޭ ވާހަކަ ވެސް ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ރިލްވާންގެ މައްސަލާގައި މިހާރު ހުރި ކަންބޮޑުވުންތަކަށް އެކަށީގެންވާ ގޮތެއްގައި ނުބެލިއްޖެނަމަ، އިންސާފުވެރި ޝަރީއަތެއް ކުރެވި ރިލްވާން އާއި އާއިލާ އަށް އިންސާފު ނުލިބި ހިނގައިދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރިލްވާން ގެއްލުވާލުމުގެ ތުހުމަތުކުރާ އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ އެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ.

ސުއައިދަކީ ރިލްވާން ވަގަށް ނެގުމަށް އޭނާ އަށް ފާރަލުމުގައި އިސްކޮށް ހުރި މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. މިދިޔަ އަހަރު ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތަށް ސުއައިދު ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލީ އެވެ. އަދި އޭގެ ފަހުން ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވައަތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ. ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވައިލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުވައިލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.