Roadha Mihaaru
ޗެލްސީ އާއި ޔުނައިޓެޑަށް ބޮޑު މޮޅެއް

ޗެލްސީ އާއި ޔުނައިޓެޑަށް ބޮޑު މޮޅެއް

21 ސެޕްޓެމްބަރ 2017

ލަންޑަން (ސެޕްޓެމްބަރު 21) - އިނގިރޭސި ލީގު ކަޕްގައި ރޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން ބޮޑު މޮޅެއް ހޯދައި ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ސެޕްޓެމްބަރު 21) - އިނގިރޭސި ލީގު ކަޕްގައި ރޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން ބޮޑު މޮޅެއް ހޯދައި ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން ޗެލްސީ 5-1 އިން މޮޅުވިއިރު، ބާޓަން އަލްބިއަން އަތުން 4-1 އިން މެންޗެސްޓާ ޔުނައިޓެޑް ކުރިހޯދައިފި އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގައި އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާއީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ކެނެޑީ އާއި ޒުވާން ކުޅުންތެރިއާ ޗާލީ މޮސުންޑާ އެވެ. ފޮރެސްޓްގެ ހަމައެކަނި ލަނޑު ޖެހީ ޓެންޑާޔީ ޑަރިކްވާ އެވެ. މި މެޗުގައި ޗެލްސީގެ އެޑެން ހަޒާޑް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގިނަ ބަދަލުތަކާ އެކު ރޭ ޔުނައިޓެޑުން ބާޓަންއާ ދެކޮޅަށް ކުޅުނުއިރު މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗު ފަށައިގެން 17 މިނިޓް ތެރޭ މި ދެ ލަނޑު ޖެހީ މާކަސް ރެޝްފޯޑް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ހެސޭ ލިންގާޑް ޔުނައިޓެޑަށް ތިން ވަނަ ލަނޑެއް ކާމިޔާބު ކޮށްދިންއިރު، ދެ ވަނަ ހާފްގައި ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު ޖެހީ އެންތަނީ މާޝިއަލް އެވެ.

ބާޓަންގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ލޮއިޑް ޑަޔާ އެވެ.

ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން އެ ޓީމު ވަނީ ރަށުންބޭރުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އަތުން 2-1 އިން މޮޅުވެފަ އެވެ. ސިޓީ އަށް ލެރޯއީ ސާނޭ ލީޑުނަގައިދީފައި ވަނިކޮށް ދެ ވަނަ ހާފްގައި ވެސްޓް ބްރޮމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާޖެންޓީނާގެ މިޑްފީލްޑަރު ކްލައުުޑިއޯ ޔެކޮބް އެވެ. ސިޓީ މޮޅުކޮށްދިން ލަނޑު ވެސް ޖެހީ މި ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސާނޭ އެވެ.

އާސެނަލް ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ޑޮންކާސްޓާ ރޯވާސްގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 25 ވަނަ މިނިޓްގައި އާސެނަލަށް ކާމިޔާބު ކޮށްދިނީ ތިއޯ ވޮލްކޮޓް އެވެ.

ފަހަކަށް އައިސް ގިނަ މެޗުތަކުން ބަލިވެފައިވާ އެވަޓަން ވަނީ ރޭ ސަންޑަލެންޑް އަތުން 3-0 އިން މޮޅުވެފަ އެވެ.