Roadha Mihaaru
ފްލެޓާ ބެހޭ ތަފްސީލު ހާމަކުރަން ފަސް ދުވަސް ދީފި

ފްލެޓާ ބެހޭ ތަފްސީލު މަޖިލީހަށް ހާމަކުރަން ފަސް ދުވަހުގެ މުހުލަތެއް ދީފި

20 ސެޕްޓެމްބަރ 2017

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 ފްލެޓް ދިން ގޮތުގެ ތަފްސީލް ރައްޔިތުންގެ މަޖިލީހަށް ހާމަކުރަން ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ފަސް ދުވަހުގެ މުހުލަތެއް މިއަދު ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 ފްލެޓް ދިން ގޮތުގެ ތަފްސީލް ރައްޔިތުންގެ މަޖިލީހަށް ހާމަކުރަން ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ފަސް ދުވަހުގެ މުހުލަތެއް މިއަދު ދީފި އެވެ.

ހުޅުމާލޭން ފްލެޓް ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވަނީ އެ ލިބުނު މީހުންގެ އެއްވެސް މައުލޫމާތެއް އަދި ލިބުނު ޕޮއިންޓުގެ އަދަދު ވެސް ނޭނގޭ ގޮތަށެވެ. އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

ނަމަވެސް މިއީ ހައުސިން މިނިސްޓްރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައެއް ކަމަށް ވިދާޅުވެ، މި މައްސަލަ މަޖިލީހުން ބަލަން ނުފެންނަ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އެކަމަކު، އެ މެމްބަރުން ވެސް ފަހުން ވަނީ އެ ވިސްނުން ދޫކޮށްލައްވައިފަ އެވެ.

މީގެ އިތުރުން މިނިސްޓަރު މުއިއްޒު ކޮމެޓީއަށް ހާޒިރު ކުރަން އިދިކޮޅު މެމްބަރުން ހުށަހެޅުއްވި އެވެ. ނަމަވެސް އެ ހުށަހެޅުން ވެސް މެމްބަރުން ވަނީ އަނބުރާ ގެންދަވައިފަ އެވެ. އެންމެ ފަހުން، ކޮމެޓީގައި ބައިވެރިވެޑައިގެންނެވި 10 މެމްބަރުން އެއްބަސްވެވަޑައިގަތީ މި މަހުގެ 25 ގެ ކުރިން ފްލެޓުތަކާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއަށް ދެވެން އޮތް މައުލޫމާތެއް މަޖިލީހާ ހިއްސާ ކުރުމަށެވެ.

ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ހައުސިން މިނިސްޓްރީ އާއި އޭސީސީ އިން މައްސަލަ ބެލި ކަމުގައިވިޔަސް، މައްސަލަ ކޮމެޓީއަށް ހުށަހެޅީ ރައްޔިތުން ހޮއްވަވާފައި ތިއްބެވި މެމްބަރުން އެ މައްސަލަ ބެލުމަކީ ރަނގަޅު ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި ދިމާވެގެން އުޅޭ މައްސަލައަކީ ދިވެހިންގެ ތެރެއިން ބަޔަކަށް ފްލެޓް ލިބުނުއިރު، އެއީ ކޮން ހަމައަކާއި އުސޫލަކުން ލިބުނު ފްލެޓްތަކެއް ނޭނގޭތީ އެވެ. ފްލެޓް ބަޔަކަށް ލިބުނު އިރު، ދެ ފުށް ފެންނަ ގޮތަށް އެކަން ހާމަ ނުކުރުމަކީ މައްސަލައެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

"އެހެންވީމަ، މިކަން ބަލައި ކުރިއަށް ގެންދިއުމަކީ ކޮމެޓީގެ މަސްއޫލިއްޔަތެއް،" ފަލާހު ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް ކަންކަން ހިނގާނަމަ، އެކަން ސާފުކޮށް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފްލެޓް ދިން ގޮތް ހާމަ ކުރަން އެދުނީ، މިހާރު ފްލެޓް ލިބުނު މީހުންގެ އަތުން އެތަންތަން އަތުލާކަށް ނޫނެވެ.

މީގެއިތުރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މީގެ ކުރީ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށާއި އިޖުތިމާއީ ގޮތުން މައްސަލަތައް ދިމާވަނީ ބޯހިޔާވަހިކަމެއް ނުލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފްލެޓް ލިބުނީ ލަންކާ މީހުންނަކަށް ނޫން. ބަންގްލަދޭޝް މީހުންނަކަށް ނޫން. ދިވެހި ރައްޔިތުންގެ ތެރެއިން 661 މީހުންނަށް. އެ މީހުންނަށް ވެސް ހައްގު. ސަރުކާރުން ކަށަވަރު ކުރަން ޖެހޭ ކަމަކީ ފްލެޓް ހޯދަން އެދިފައި ތިބި މީހުންނަކީ ފްލެޓަށް ބޭނުންވާ މީހުންތޯ ކަށަވަރު ކުރުމަށް ފަހު، އެ 15،000 މީހުންނަށް ވެސް ފްލެޓް ލިބޭނެ ގޮތް ވީހާވެސް އަވަހަކަށް ހަމަޖައްސައި ދިނުން،" އެމްޑީޕީގެ މެމްބަރު ޝަރީފް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ފްލެޓް ލިބުނު މީހުންނަށް އެތަންތަން ހައްގު ނުވާތީ އެއް ނޫނެވެ. ނަމަވެސް، އެންމެ ފުރަތަމަ ފްލެޓް ހައްގުވަނީ ނިކަމެތި ހާލަތުގައި އުޅޭ ދިވެހިންނަށް ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"ފްލެޓްތައް ދިން ފަރާތާ ހަވާލުކޮށް، އެކަން ހިނގީކީ ނޫން. އެހެންވީމަ އެކަން ހިނގާފައިވަނީ އެންމެ ރަނގަޅަށްތޯ ބަލައި މި މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ،" އަލީ ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ފްލެޓާ ގުޅޭ މައުލޫމާތު މަޖިލީހަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ފްލެޓަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، ހަތަރު އަހަރު ފަހުން މިދިޔަ ހަފުތާގައި ލިސްޓް އާއްމުކޮށްފައި އޮތީ ފްލެޓް ލިބުނު މީހުން ސިއްރުކޮށް، ހަމައެކަނި ފޯމު ނަމްބަރާ އެކުގަ އެވެ. މި މައްސަލާގައި އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓް ލިބުނު މީހުންނަށް ލިބުނު ޕޮއިންޓް އިއުލާންނުކުރީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓް ދީފައިވާތީ ކަމަށް ވެސް ދަނީ ތުހުމަތުކުރަމުންނެވެ.