20 ސެޕްޓެމްބަރ 2017
ވެރިކަން ކުރާ ޕީޕީއެމްގެ އެތެރޭގައި އުފެދުނު ދެބަސްވުންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކު މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ކަން ކުރަންވީ ގޮތް، ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އޮތީ ބުނެފަ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ އެތެރޭގައި އުފެދުނު ދެބަސްވުންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކު މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ކަން ކުރަންވީ ގޮތް، ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އޮތީ ބުނެފަ އެވެ.
އެ މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައިވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ.
ޕާޓީ ބަދަލުކުރުމުގެ ސަބަބުން، މަޖިލީހުގެ ގޮނޑިތަކެއް ހުސްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށް ވިޔަސް، އެ ގޮނޑިތައް ހުސްވި ކަމަށް ކަނޑައެޅިތާ އިއްޔެ އަށް 60 ދުވަސް ހަމަވީ އެވެ.
އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމާ އެކު، ހުސްވި ކަމަށް ކަނޑައެޅި ގޮނޑިތައް ފުރުއްވަމުން ގެންދެވި މެންބަރުން އެ ތާރީޚުން ފެށިގެން މަޖިލީހަށް ވަނަކަ ނުދެ އެވެ. އަދި ގޮނޑިއެއް ހުސްވުމުން ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މުއްދަތު ފަހަނައި ދިޔަ އިރު އިންތިހާބު ވެސް އިއުލާނެއް ނުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެމްބަރުން (ކ-ވ) ސައުދު، ލަތީފް، ވައްޑެ އަދި އަމީތު: އެ މައްސަލަ އަދިވެސް ސާފެއް ނުވޭ. --މިހާރު ފޮޓޯތައް
މިހެން މި ދެންނެވީ ބައި އިލެކްޝަން ނުވަތަ އިންތިހާބު އިއުލާންކުރާ ގޮތް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 13 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބުނެފައި އޮތީމަ އެވެ. ހަމަ ގައިމު ވެސް އެ ގޮތަށް އަދި ބައި އިލެކްޝަން އިއުލާނެއް ނުކުރެ އެވެ.
ސުވާލަކީ، ވެރިކަން ކުރާ ޕީޕީއެމުން އެދުނު ގޮތަށް އެ ގޮނޑިތައް ހުސްވި ކަމަށް ކަނޑައެޅި ކަމުގައި ވިޔަސް، އިދިކޮޅު ފަރާތްތަކުން އެ ބުނާ ފަދައިން، އެ ގޮނޑިތައް ހުސްނުވާ ކަމަށް އިލެކްޝަނަށް ވެސް ގަބޫލު ކުރެވެނީ ހެއްޔެވެ؟ ނުވަތަ ބައެއް އާންމު ރައްޔިތުންނެކޭ އެއްފަދައިން، އެ ގޮނޑިތައް ހުސްވި ކަމާ މެދު އިލެކްޝަންސް ކޮމިޝަނަށް ވެސް ސުވާލު އުފެދެނީ ހެއްޔެވެ؟ ނުވަތަ ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް، ގޮނޑިތައް ހުސްވެއްޖެ ކަމަށް ނިންމައިގެން، މި ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން އިހްސާސް ކުރެވުނީ ބާވަ އެވެ؟
އެހެން ނޫން ނަމަ، މިވީ މުއްދަތުގެ ތެރޭގައި މަޖިލީހުގެ ބައި އިލެކްޝަން އިއުލާން ނުކޮށް ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް އިލެކްޝަންސް ކޮމިޝަން ނިދާފައި އޮތީ ކީއްވެގެން ހެއްޔެވެ؟
މަޖިލީހުގެ ހަތަރު ގޮނޑިއެއް ހުސްވި ކަމަށް އިލެކްޝަނުން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް އެންގީ މި ދިޔަ ޖުލައި 18 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާންގައި ބުނެފައިވަނީ ތުލުސްދޫ ދާއިރާގެ އާއި މަޑުއްވަރި ދާއިރާ އާއި ވިލިނގިލި ދާއިރާ އާއި ދިއްދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާތީ، އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ.
ބައި އިލެކްޝަނެއް ބޭއްވުމަކީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހިތަށްއެރި ދުވަހަކުން ހިތަށްއެރި ގޮތަކަށް ކުރަން އޮތް ކަމެއް ނޫނެވެ. ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި އެ ކަމަށް ވަކި މުއްދަތެއް ދީފައި އެބަ އޮތެވެ. އަދި އެކަން ކުރަންވީ ގޮތް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގަ އާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ކަނޑައަޅާފައި އެހުރީ އެވެ.
އީސީގެ ރައީސް ސުލެއިމާން (ވ-2) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މަޖިލީހުގެ ގޮނޑިތަކެއް ހުސްވި ކަމަށް ކަނޑައެޅި ނަމަވެސް، ގާނޫނުގައި ބުނާ މުއްދަތު ހަމަވި އިރު ވެސް ބައި އިލެކްޝަން އިއުލާނެއް ނުކުރޭ. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނެފައި އެ އޮތީ، މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ 60 ދުވަސް ހަމަވާ ދުވަހު، އެ ގޮނޑި ފުރާނޭ މެންބަރަކު ހުންނަންވާނީ އިންތިޚާބު ކުރެވި، މަގާމުގެ ހުވާކުރާ ވަރަށް ހުރިހާ ކަމެއް ނިމިފައި ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވި އިރު، ބައި އިލެކްޝަނާ ބެހޭ އެއްވެސް ކަމެއް އިއުލާނެއް ނުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިއްޖެ ނަމަ، އެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް ދުވަސް ތެރޭގައި، އެ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށް އިއުލާންކުރަން ޖެހޭނެ އެވެ. ބައި އިލެކްޝަނެއް އިއުލާން ކުރުމަކީ، ބައި އިލެކްޝަނެއް އޮންނާނޭ ބުނެ އާންމު އިއުލާނެއް ނެރުމެއް ނޫނެވެ.
ބައި އިލެކްޝަނެއްގައި ވާދަކުރުމަށް ފުރުސަތު ހުޅުވައިލާ އިރު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 13 ވަނަ މާއްދާގައި ބުނާ ހުރިހާ މައުލޫމާތެއް، އެ އިއުލާންގައި ހިމަނަން ޖެހޭނެ ކަމަށް މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ނ) ގައި ބުނެފައިވެ އެވެ. ގާނޫނުގެ އެ މާއްދާގައި ބުނާ މައުލޫމާތުތަކުގެ ތެރޭގައި، އެއީ ކޮން އިންތިހާބެއް ކަމާއި، އިންތިހާބަށް ކުރިމަތިލުމަށް ދޭ މުއްދަތާއި، ވޯޓުލުން އޮންނަ ދުވަހާއި ގަޑި އާއި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނޭ ތާރީޚު ފަދަ މައުލޫމާތު ހިމަނަން ޖެހޭނެ އެވެ.
ނަމަވެސް، މަޖިލީހުން ހުސްވި ކަމަށް އިލެކްޝަންސް އިން ކަނޑައެޅި ގޮނޑިތަކުގެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ނިންމި ކަމަށް ބުނުން ފިޔަވައި، ބައި އިލެކްޝަނެއް އިއުލާން ކުރާ އިރު ހިމަނަން ޖެހޭނެ އެއްވެސް މައުލޫމާތެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އިއުލާނެއް ނުކުރެ އެވެ. އިންތިހާބު އިއުލާން ވެސް ނުކޮށް އުޅެނިކޮށް، ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނިފައިވާ ކަމަށް ކޯޓުން ކަނޑައަޅާފައިވާ ޕާޓީން މިހާރު އެ ވަނީ، ބައި އިލެކްޝަންގެ ކެމްޕޭން ވެސް ފަށައިފަ އެވެ.
ރައްޔިތުންގެ މަޖިލީހަކީ، ދައުލަތުގެ އެންމެ މުހިންމު ބާރެވެ. މުޅި ދައުލަތް ހިންގަންވާނީ މަޖިލީހުން ފާސްކުރާ ގާނޫނުތަކާ އެއްގޮތަށް ކަމަށް ގާނޫނުއަސާސީގެ އެތައް މާއްދާއެއްގައި ކަނޑައަޅާފައިވެ އެވެ. އަދި އެ މަޖިލީހުގެ ކޮންމެ މެމްބަރަކީ އެންމެ މަދުވެގެން ވެސް އާންމު ރައްޔިތުންގެ 5،000 މީހުން ތަމްސީލު ކުރާ މީހެކެވެ.
އެހެންކަމުން މަޖިލީހުގެ ގޮނޑިއަކަށް މެމްބަރަކު އިންތިޚާބު ނުކޮށް ހޭދަވާ ކޮންމެ ދުވަހަކާ އެކު، ގެއްލިގެން އެ ދަނީ މަދުވެގެން 5،000 އާންމު ރައްޔިތުންގެ ހައްގުތަކެވެ. އެ ގޮނޑި ހުހަށް ހުރެ ހަމަ ގައިމު ވެސް އެ ދާއިރާގެ 5،000 މީހުން މަޖިލީހުގައި ތަމްސީލު ކުރެވުނީ ކަމަކަށް ނުވާނެ އެވެ. ރައްޔިތުންނަކީ ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބަޔަކަށްވާ އިރު، މަޖިލީހުގައި ހިމެނޭ ކޮންމެ ދާއިރާއެއްގެ ކޮންމެ ރައްޔިތެއްގެ ހައްގުތައް ވެސް ގާނޫނީ އިމުގެ ތެރެއިން ކަށަވަރު ކުރެވެންވާނެ އެވެ.
އެއީ އިލެކްޝަންސް ކޮމިޝަންގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލެވިފައި އޮތް ކަމެއް ނޫނެވެ. މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، ވަކި މުއްދަތެއްގައި އެ ގޮނޑި އަށް މެމްބަރުން އިންތިޚާބު ކުރަންވާނެ ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ލިޔެފައިވަނީ، އެ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ ކަށަވަރު ކޮށްދިނުމަށެވެ. އަދި މަޖިލީހުގެ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ޝާމިލުވުން ކަށަވަރުކޮށްދިނުމަށްމެ އެވެ.
ސައުދު، ވަހީދު އަދި އަމީތު، އެޗްއާރުސީއެމްގެ ބައެއް މެމްބަރުންނާ ބައްދަލު ކުރައްވަނީ. މަޖިލީހުން ހުސްވި ކަމަށް ނިންމާފައިވާ ގޮނޑިތަކުގެ މައްސަލައިގައި ގޮތެއް ނިންމައިދޭނެ ދައުލަތުގެ މުއައްސަސާއެއް ނެތް.
ނަމަވެސް މިއަދު ފެންނަނީ، އެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ދައުލަތުގެ މުއައްސަސާތައް ނުކުޅެދިފައިވާ މަންޒަރެވެ. ކޮންމެވެސް ސަބަބުތަކަކާ ހުރެ އެވެ.
އެންމެ ފުރަތަމަ ކަމަކަށް، މަޖިލީހުގެ ގޮނޑިތަކެއް ހުސްވި ކަމަށް އިލެކްޝަނުން ނިންމައިދިނީ ވެރިކަން ކުރާ ޕީޕީއެމުން ބޭނުންވި ވަކި މަގްސަދެއް ހާސިލު ކުރުމަށް ކަމަށް ވުމެވެ. މިއީ އިރުގެ އަލިކަން ފަދައިން ސާފުކޮށް އެނގެން އޮތް މައްސަލައެކެވެ.
އޭގެ ތެރެއިން ބައެއް މެމްބަރުންނަކީ، ޕީޕީއެމްގެ އެތެރޭގެ ކޯޅުންގަނޑު މިހާ ބޮޑުވުމުގެ އެތައް މަހެއް ކުރިން ޕާޓީގެ ސުލޫކީ ކޮމިޓީން ނިންމައިގެން ޕާޓީން ވަކިކޮށް ލިޔުމުން އެކަން އަންގާފައިވާ މެމްބަރުންނެވެ. އެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި، އެ މެމްބަރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ވެސް އެކަމަށް އިޖާބަ ނުދީ ބޭއްވީ އެވެ.
އެ މެމްބަރުން ޕާޓީން ވަކިވެއްޖެ ކަމަށް އިލެކްޝަނުން ނިންމީ، ވަކި ތާރީޚަކުން ފެށިގެން ޕާޓީން ވަކިވުމުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، އެ މެމްބަރުން ޕާޓީން ވަކިކޮށްފި ކަމަށް ބުނެ، އެ ހުކުމްގެ ފަހުގެ ތާރީޚެއްގައި ޕީޕީއެމުން އިލެކްޝަނަށް ހުށަހެޅި ލިޔުންތަކަށް ބިނާކޮށެވެ.
އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓަށް ވެސް އެ މައްސަލައިގައި ސާފު ނިންމުމެއް ނުނިންމުނެވެ. ނުވަތަ އިތުރު ގޮތެއް ނިންމަން ޖެހޭ ވަރަށް ވުރެ މައްސަލަ މާ ބޮޑަށް ވެސް ސާފެވެ.
ހަތަރު މެމްބަރެއްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ވަކި ތާރީޚެއްގެ ކުރިން ޕާޓީން ވަކިވެފައި ވިޔަސް މަޖިލީހުގެ މެމްބަރުކަމުން ވަކި ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައި އެ ހުކުމް އިތުރަށް ތަފްސީލު ކޮށްދިނުމަށް އަމުރެއް ވެސް ނެރެފައި އޮއްވައި، ސުޕްރީމް ކޯޓުގެ އެ ނިންމުމާ ޚިލާފަށް، މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވާނެ ކަމަށް އިއުލާން ކުރުމުންނެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން، މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު ޚިޔާލު ތަފާތުވުމެއް އުފެދިއްޖެ ނަމަ، އެ ގޮނޑިއެއް ހުސްވި ކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. އިލެކްޝަންސް އިން ބުނަނީ އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. އެ މެމްބަރުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަނީ އެ ގޮނޑިތައް ނުގެއްލޭ ކަމަށެވެ.
މި ޚިޔާލު ތަފާތުވުމާ މެދު ގޮތެއް ނިންމައިދިނުމަށް ސުޕްރީމް ކޯޓުގައި އެދުމުން އެ ކޯޓުން ނެރުނު ބަޔާނުގައި، އެ ޚިޔާލު ތަފާތުވުމަށް ސަރީހަ ހައްލެއް ހޯދައިދީފައެއް ނުވެ އެވެ. އެ ހަތަރު މެންބަރުން މަޖިލީހުގެ މެމްބަރުކަމުން ވަކިވި ކަމަށް ވެސް ވަކި ނުވާ ކަމަށް ވެސް ބުނެފައެއް ނުވެ އެވެ.
އެ ކޯޓުން ބުނީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލުމާ ބެހޭ ގޮތުން ހުކުމަކާއި އަމުރެއް ނެރެފައިވާނެ ކަމަށާއި އެހެންވެ އެ ހުކުމް ނެރުމާ ހަމައަށް އެއްވެސް މެމްބަރެއްގެ މެމްބަރު ކަމާ ދޭތެރޭ ސުވާލެއް އުފެދޭނެ ޖާގައެއް ނެތުމުން، އެ މައްސަލައިގައި އެ ކޯޓުން އިތުރު ނިންމުމެއް ނިންމަން ނުޖެހޭ ކަމަށެވެ.
މަޖިލީހުގެ ގަޮނޑިއެއް ހުސްވި ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ ގޮތެއް ކަނޑައެޅުމުގެ ބާރު ހަމައެކަނި ލިބިގެންވާ ސުޕްރީމް ކޯޓު.
ނަމަވެސް އެ މައްސަލަ އަދިވެސް އޮތީ އެ ގޮތުގަ އެވެ. ގޮނޑި ގެއްލުމާ މެދު އުފެދުނު ދެބަސްވުން ފިލައި ނުދެ އެވެ. ގޮނޑި ހުސްވި ނަމަ، ގާނޫނުގައި ބުނާ ތާރީޚުގައި ބާއްވަން ޖެހޭ ބައި އިލެކްޝަނެއް ނުބާއްވަ އެވެ. ބައި އިލެކްޝަން އިއުލާނެއް ވެސް ނުކުރެ އެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަން މިހާރު އެ ވަނީ ފާޅުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފުވެފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަކާ ވެސް ކަނޑައެޅިގެން ޚިލާފުވެފަ އެވެ.
ދައުލަތުން ގަބޫލުކުރަނީ އެ ދާއިރާތަކުގެ ގޮނޑިތައް ހުސްވެފައިވާ ކަމަށެވެ. މަޖިލީހުގެ އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، ވަކި މުއްދަތެއްގައި އެ ގޮނޑި އަށް މެންބަރެއް އައްޔަން ކުރުން، ގާނޫނުއަސާސީންނާއި ގާނޫނުތަކުން ދައުލަތުގެ މައްޗަށް ލާޒިމެވެ. ގޮނޑިތައް އެ ހުރީ ހުހަށެވެ. ގާނޫނުގައި ބުނާ މުއްދަތު ވެސް ހަމަވެއްޖެ އެވެ. އެ ގޮނޑިތައް ފުރާނެ މެމްބަރުން އިންތިހާބު ކުރާކަށް ވެސް ނޫޅެ އެވެ.
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް
ފުލުހުން ނުކުމެ، މަޖިލިސް ސަރަހައްދު ބަންދުކޮށްފި
ދައުލަތް އޮތީ ލަދުގަންނަން ޖެހޭ ހާލަތުގައި: އަމީތު
ގޮނޑި ގެއްލޭ ގޮތަށް ބިލް މަޖިލީހުން ފާސްކޮށްފި
12 މެމްބަރުން ވަކިވާ ގޮތަށް ބިލް އިސްލާހުކޮށްފި
ބައި އިލެކްޝަންތަކާ މެދު ކޮމިޝަން އަދިވެސް ހިމޭނުން!
މެމްބަރު މުހައްމާ އާއި ޝަހުދީގެ ގޮނޑި ގެއްލިއްޖެ
ގޮނޑީގެ މައްސަލަ ބޮޑު ބަހުސަކަށް: ހައްލެއް ބޭނުން
ކީއްކުރާ އިލެކްޝަންސް ކޮމިޝަނެއް؟