18 ސެޕްޓެމްބަރ 2017
ތ. ތިމަރަފުށީ ކައުންސިލް އިދާރާގެ ޕުރޮޖެކްޓް އޮފިސަރު، އަލަމް އައްބާސް، 23، އާންމުކޮށް ފުޓްބޯޅަ ކުޅެން ގޮހެއް ނޫޅެ އެވެ. ނަމަވެސް މި މަހުގެ ހަތް ވަނަ ދުވަހު ކުޅެން އުޅެނިކޮށް އޭނާއަށް ކުރިމަތިވީ، އިންސާނަކަށް ވަރަށް މަދުން ނޫނީ ދިމާނުވާނެ ފަދަ ނުރައްކާތެރި ސިއްހީ މައްސަލައެކެވެ؛ ކަނާތު ފައިގެ ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން އެޅި ޕްލާސްޓަރުގަނޑާ އެކު ފައިގެ އެއް ބައި ގިރުނީ އެވެ.
ތ. ތިމަރަފުށީ ކައުންސިލް އިދާރާގެ ޕުރޮޖެކްޓް އޮފިސަރު، އަލަމް އައްބާސް، 23، އާންމުކޮށް ފުޓްބޯޅަ ކުޅެން ގޮހެއް ނޫޅެ އެވެ. ނަމަވެސް މި މަހުގެ ހަތް ވަނަ ދުވަހު ކުޅެން އުޅެނިކޮށް އޭނާއަށް ކުރިމަތިވީ، އިންސާނަކަށް ވަރަށް މަދުން ނޫނީ ދިމާނުވާނެ ފަދަ ނުރައްކާތެރި ސިއްހީ މައްސަލައެކެވެ؛ ކަނާތު ފައިގެ ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން އެޅި ޕްލާސްޓަރުގަނޑާ އެކު ފައިގެ އެއް ބައި ގިރުނީ އެވެ.
އޭޑީކޭ ހޮސްޕިޓަލްގައި އޮވެ، ޒުވާނާ ވަނީ އޭނާއަށް އެކަން ދިމާވި ގޮތް ކިޔައިދީފަ އެވެ.
"ފައިގައި ބޯޅަ ޖެހުނުލެއް ބާރުކަމުން ފައި ދުޅަވީ. ދެން އެދުވަހު ދިޔައީ ތިމަރަފުށީ ސިއްހީ މަރުކަޒަށް. ތަދުވާ ތަންތާ އުނގުޅާ ބޭހާއި ކާ ބޭސް ގުޅަތަކަކާ ދިން. ދުޅަވެފައި އިން ވަރު ބޮޑުކަމުން އެމީހުން ބުނީ އެކްސްރޭ ނަގާލީމައޭ ކަށްޓަށް ކަމެއް ވެފައި އިނިއްޔާ އިނގޭނީ."
އެކަމަކު ތިމަރަފުށީ ސިއްހީ މަރުކަޒުގައި އެކްސް ރޭ ނެގޭކަށް ނުހުރެ އެވެ. އެހެންކަމުން އަލަމް ގެންދިޔައީ އެ އަތޮޅު ހޮސްޕިޓަލް ހުންނަ ވޭމަންޑުއަށެވެ. އެކްސްރޭ ނެގުމަށް ފަހު ޑޮކްޓަރު ބުނީ ފައިގައި ރެނދެއް ލާފައި ހުރި ކަމަށެވެ.
"ރެނދެއް ލައިފައޭ ބުނެ ޕްލާސްޓަރު އެޅީ. ޕްލާސްޓަރު އެޅީމަ އަޅުގަނޑު އައީ ގެއަށް [ރަށަށް]. އެމީހުން ބުނީ ތިން ދުވަސް ފަހުން އަންނާށޭ ޕްލާސްޓަރު ނަގަން."
ރަށަށް ގޮސް އޭނާ ހިނގާ ބިނގާވެ ނޫޅޭ ކަމަށް ބުންޏެވެ. އަލަމް ކިޔައިދިން ގޮތުގައި ކާން ވެސް ގެންނަނީ އެނދުކައިރި އަށެވެ.
އެކަމަކު ޕްލާސްޓަރު އަޅާފައި ހުރިލެއް ބާރުކަމުން ތަދު ބޮޑުވެ، އެ ހާލުގައި އޭނާ އަށް ކެތްކުރެވުނީ ދެ ދުވަހު އެވެ.
އަލަމްގެ ފައިގެ ބައެއް ގިރިފައި
އަނެއްކާވެސް އަތޮޅު ހޮސްޕިޓަލަށް، ވޭމަންޑުއަށް ދިޔައީ އެވެ. އޭނާ ބުނާ ގޮތުގައި ޕްލާސްޓަރުގަނޑު ނައްޓައިދޭން އާދޭސްކުރުމުން ވެސް ޑޮކްޓަރު އެއްބަހެއް ނުވި އެވެ.
"ނައްޓައިދޭށޭ ބުނީމާ ބުނީ ޑޯންޓް ވޮރީއޭ، ރަނގަޅުވާނޭ. އެހެން ބުނެ އިތުރަށް ބޭސް ދިނީ. ވަރަށް ގިނައިން ބުނިން ނައްޓައިދޭށޭ. އެކަމަކު ނައްޓައެއް ނުދިން،،" އަލަމް ބުންޏެވެ.
ތަދަށް ލުޔެއް ނުލިބި އަނެއްކާވެސް އޭނާ ދިޔައީ ރަށަށެވެ. ފްލާސްޓަރުގަނޑުގެ ސަބަބުން ފައިގައި އުފެދުނު ފާރުގަނޑު ފެޅި، ދޮސްތައް ނުކުންނަން ފެށީ އަނެއް ދުވަހު އެވެ.
"އެހިސާބުން އަޅުގަނޑު [ތިމަރަފުށީ] ސިއްހީ މަރުކަޒަށް ދިޔައިމަ އެމީހުން ނައްޓައިދިނީ. އެތެރޭގައި ހުރީ ދޮސްތަކާއި އެއްޗިސް ހެދިފައި. ދެން އެމީހުން ސާފްކުރީ،" އަލަމް ބުންޏެވެ.
އޭރު ކުޑަ ހުޅާ ދިމާލުން ބޮޑު ބައެއް ވަނީ ގިރިފަ އެވެ.
އެހިސާބުން އޭނާ އަނެއްކާވެސް ވޭމަންޑޫ ހޮސްޕިޓަލަށް ދިޔަ އެވެ. އެކަމަކު ހޮސްޕިޓަލުން އިތުރު ފަރުވާ ދެވެން ނެތުމުން ފޮނުވީ ލ. ގަމުގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ލަފާދިނީ އޮޕަރޭޝަން ކުރާށެވެ. ނަމަވެސް އެކޮޅުން އޮޕަރޭޝަން ނުކޮށް މާލެ އައިސް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކީ އެވެ.
ފާރުގަނޑު ބޮޑުކަމުން ފުރަތަމަ ހީކުރީ އެ ފައި ބުރިކޮށްލަން ޖެހޭނެ ކަމަށެވެ.
"އެކަމަކު މިހާރު އިހުސާސްވޭ ރަނގަޅުވަމުން އަންނަކަން،" އަލަމް ބުންޏެވެ.
ޕްލާސްޓަރު އަޅައިގެން ދިމާވި މިވަރުގެ ސިއްހީ މައްސަލައެއް އާންމުންނާ ހަމައަށް ތިލަވި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ވަރަށް ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ. އެކަމަކު އެ ސުވާލުތަކަށް ޖަވާބު ދޭން ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ބޭނުމެއް ނުވެ އެވެ. މި މައްސަލާގައި މި ވަގުތު ވާހަކަ ނުދައްކަން އެ ޑޮކްޓަރުން އެއްބަސްވެފައިވާ ކަމަށްވެ އެވެ.
ނަމަވެސް ކުރިން އޭޑީކޭގައި ސީނިއާ މެޑިކަލް އޮފިސަރެއްގެ މަގާމު ފުރުއްވި އަދި މިހާރު އަމިއްލަ ގޮތުން ބަލިމީހުންނަށް ފަރުވާ ދެއްވަމުން ގެންދަވާ ޑރ. އުސާމާ އަލީ އުމަރު ވިދާޅުވީ އަލަމްގެ ފަޔަށް އެވަރު ވެފައި އެ އޮތީ ފަރުވާ ދިނުމުގައި އިހުމާލެއް ވުމުން ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
"ހަގީގަތުގައި އިންފެކްޓްވެފައި ވަނިކޮށް އެކަމަށް ފަރުވާ ނުކޮށް ކަށްޓަށް ފަރުވާ ދޭން އުޅެފައި ތި އޮތީ. އިންފެކްޓްވެފައި ވަނިކޮށް ޕްލާސްޓަރު އެޅީމަ އިތުރަށް އިންފެކްޓް ވެފައި ވާ ކަމަށް ލަފާކުރެވެނީ،" އުސާމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމަށް ދެން ފަރުވާ ކުރަން ޖެހޭ އެއް ގޮތަކީ ހަށިގަނޑުގެ އެހެން ސަރަހައްދަކުން މަހާއި ހަން ނަގައިގެން ފައިގެ އެތަންކޮޅަށް ލެއްވުމެވެ.
އަލަމް އަށް އޭޑީކޭ ހޮސްޕިޓަލުން މިހާރު ފަރުވާދެމުން އަންނަ އިރު އޭނާގެ ބެލެނިވެރިޔާ މުހައްމަދު އައްސަދު ބުނިގޮތުގައި އޭޑީކޭއަށް އަވަހަށް ގެނެވުމަކީ ބޮޑު ނަސީބެކެވެ. މިހާރު އޭނާގެ ފައި ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައިވާ ކަމަށް އައްސަދު ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލްގައި އޮވެ އަލަމް "މިހާރަ"އަށް އިންޓަވިއު ދެނީ -- ފޮޓޯ: އަމާނީ
"އޭޑީކޭ ހޮސްޕިޓަލުން ދެމުންދާ ފަރުވާ ވަރަށް ރަނގަޅު. އަދިވެސް ވަރަށް ބޮޑަށް އިންފެކްޝަން އެބަހުރި، އެކަމަށް އެދަނީ ފަރުވާ ކުރަމުން،" އައްސަދު ބުންނެވެ.
އެކަމަކު އަލަމްގެ ހާލަތާ ބެހޭ ގޮތުން އޭޑީކޭއިން ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވެ އެވެ.
އަލަމް ގަބޫލުކުރަނީ އޭނާގެ ފައި އެ ހާލަތަށް ދިޔައީ ފައިގައި ރިއްސަން ފެށުމުން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރުގަނޑު ނައްޓައިނުދިނުމުން ކަމަށެވެ.
"އެމީހުންގެ މައްސަލަ މިއީ. [ޕްލާސްޓަރު] ނަގައިދޭން ޖެހޭނެ ދެއްތޯ. ތަދުވާވަރުން މި ދިޔައީ، ކެތް ނުކުރެވޭވަރުން،" އަލަމް ބުންޏެވެ.
ތ. އަތޮޅު އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒަކީ ވިދާޅުވީ އެ ހާދިސާ އެގޮތަށް ހިނގުމުން ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް އަލަމްގެ މައްސަލާގައި އެ ހޮސްޕިޓަލްގެ އިހުމާލެއް އޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
."ޕްލާސްޓަރު އެޅި ފަހުން [އަލަމް] މޫދަށް އެރުނޭ ވެސް ބުނޭ. އަދި މާ ގިނައިން ހިނގި ކަމަށް ވެސް އެބަ ބުނޭ. އެކަމުގައި ހޮސްޕިޓަލުގެ އިހުމާލެއް ވާކަމަށް ގަބޫލެއްނުކުރެވޭ،" ޒަކީ ވިދާޅުވި އެވެ.
އެކަމަކު އަލަމް އެ ވާހަކަތައް ދޮގުކުރެ އެވެ. އޭނާ ބުނީ ޕްލާސްޓަރު އެޅި ފަހުން އޭނާ އޮތީ ގޭގައި ކަމަށެވެ.
އަލަމް ވޭތުކުރަމުން އަންނަ އުނދަގޫ މި ދަނޑިވަޅުގައި އޭނާ އަށް މިހާރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފައި ބުރިކޮށްލަން ނުޖެހި ސަލާމަތް ވާނެކަމުގެ އުއްމީދު ޑޮކްޓަރުންގެ ފަރާތުން ލިބުމެވެ. ނަމަވެސް ތ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލް އޭނާގެ ހަނދާނުން ފޮހެވޭނެ ކަމަކަށެއް ނުބެލެވެ އެވެ.
ހޮސްޕިޓަލްގެ އިހުމާލެއްވާކަމަށް ގަބޫލެއް ނުކުރޭ
ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ބައެއް ގިރިއްޖެ
އަލަމްގެ ފައިގެ އިންފެކްޝަން ނައްތާލެވިއްޖެ: އާއިލާ
އޮކްސިޖަން ނުލިބިގެން މީހަކު މަރުވި މައްސަލައެއް ބަލަނީ
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ސަލްމާގެ މަރުގެ ބަދަލު ހޯދަން ދައުވާ ކުރަނީ
ތ. އަތޮޅު ކޮވިޑް ހާލަތު: ތިމަރަފުށިން ބަލި ފެނިއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ގަވައިދާ ހިލާފުވުމުން އޭޑީކޭގެ ކެންޓީން ބަންދުކޮށްފި
ތިން ކުއްޖަކު މަރުވި މައްސަލަ މަޖިލީހަށް ހުށަހަޅައިފި