Roadha Mihaaru
މާޒިޔާގެ ފޯވާޑްލައިން ދެން ބައްޓަންވާނީ ކިހިނެއް؟

މާޒިޔާގެ ފޯވާޑްލައިން ދެން ބައްޓަންވާނީ ކިހިނެއް؟

14 ސެޕްޓެމްބަރ 2017

ފާއިތުވި ފަސް އަހަރު މާޒިޔާގެ އެޓޭކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ. މާޒިޔާ އަށް ސަތޭކައަށް ވުރެ ގިނަ ލަނޑު އަސަދުﷲ ކާމިޔާބު ކޮށްދީފައިވާއިރު، އެ ޓީމުން ހޯދި ކާމިޔާބީތަކުގައި އޭނާގެ ދައުރު ބޮޑެވެ. އެކަމަކު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ސީޒަނުގެ ބާކީ ބައި އެ ޓީމުން ފުރިހަމަކުރަން ޖެހޭނީ އޭނާ ނެތި އެވެ. މިއީ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ އަށް ކުރިމަތިވާނެ ބޮލުގެ ރިހުމެކެވެ. އެކަމަކު ވަރުގަދަ ސްކޮޑެއް އޮތުމާ އެކު އޭނާ އަށް ހައްލުތަކެއް ހޯދިދާނެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައި އަސަދުﷲ އޮތީ ނިއުގެ އެޑްރިއަން ގަލާޑޯއާ އެއްވަރަށް 12 ލަނޑު ޖަހައިގެންނެވެ. އަސަދުﷲ ގެ ވާތު ކަކުލަށް ހާނިއްކަވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެރޭ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ އަތުން 1-0 އިން މާޒިޔާ މޮޅުވި މެޗުގަ އެވެ.

"އަަސަދުﷲ އަކީ މި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ. އޭނާ ފިޓްކޮށް ހުރެފިނަމަ އަހަރެންގެ ވިސްނުމަކީ އޭނާ ކުޅުވުން. އޭނާ ނެތިއްޖެނަމަ އަަހަރެމެންނަށް ކުރަން ޖެހޭ މަސައްކަތް އިތުރުވޭ. މިކަމުން ވެސް އޭނާގެ މުހިއްމުކަން އެބަ އެނގޭ،" އަސަދުﷲ އަނިޔާވި ފަހުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތިނަދޫއާ 1-1 އިން އެއްވަރުވި މެޗަށް ފަހު ސެކުލޮސްކީ ބުންޏެވެ.

މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ ލީގުގެ ފުރަތަމަ ބުރުގެ ނަތީޖާތަކުގެ ސަބަބުންނެވެ. ދެ ވަނަ ބުރުގައި އެ ޓީމަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ކުރި ހިތްވަރުން ވަނީ ލީގު ކާމިޔާބު ކޮށްފަ އެވެ. އެހެން ނަމަވެސް އޭރު ވެސް ސެކުލޮސްކީ އަށް އޮތް އެންމެ ބޮޑު ބޮލުރިހުމަކަށްވީ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާއެއް ނުވެ ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތިނަދޫއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގެ ތެރެއިން: މާޒިޔާގެ ކެރިޗް (ކ) ތިނަދޫގެ ނޫމާން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތިނަދޫއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގެ ތެރެއިން: މާޒިޔާގެ ކެރިޗް (ކ) ތިނަދޫގެ ނޫމާން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހި ޕްރިމިއާ ލީގަށް މާޒިޔާ ވަރުގަދަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުބާރާތް ދިފާއުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދުމެވެ. އެ ވިސްނުމުގައި މާޒިޔާ އިން ވަނީ ވިކްޓަރީގެ ކީޕަރު މަހުމޫދު އަލް ޔޫސުފާއި ފޯވާޑް ކެރިޗް އަންދްރޭ، ދެ މިޑްފީލްޑަރުން ކަމަށްވާ އިސްމާއިލް އީސަ އަދި މުހައްމަދު އާރިފް (ބަކާ) ގެނެސްފަ އެވެ. އަދި ބޮސްނިއާގެ ޑިފެންޑަރެއް ކަމަށްވާ ބޮޖާން މިހައިލޮވިޗް ވެސް އެ ޓީމުން ވަނީ ގެނެސްފަ އެވެ.

މާޒިޔާ މި ވަގުތު ލީގުގެ ދެ ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. އެ ޓީމު ލީގުގައި އެންމެ ފަހުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ކުރީގައި އޮއްވައި، ގްރީން ސްޓްރީޓްސްގެ ސޮބޮލް އިލިއާ އަށް ދެއްކި ކާޑެއްގެ މައްސަލައިގައި މެޗު ވަނީ ހުއްޓާލައިފަ އެވެ.

މާޒިޔާ އަށް ސީޒަނުގައި ބާކީ ޕްރިމިއާ ލީގުގެ 10 މެޗާއި އެފްއޭ ކަޕް އަދި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިއްޖެނަމަ ޕްރެޒިޑެންޓްސް ކަޕް އެބައޮތެވެ. މި މެޗުތަކަށް ދާއިރު އަސަދުﷲ ނެތުމަކީ އެ ޓީމަށް ލިބޭނެ ބަލިކަށިކަމެކެވެ.

މާޒިޔާގައި މި ވަގުތު ތިބި ކުޅުންތެރިންނަށް ބަލާއިރު އަސަދުﷲ ނެތްތަނަށް އެ ޓީމުން ބޭނުންކުރާނެ ކަމަށް ބެލެވޭ ފުރަތަމަ ކުޅުންތެރިއަކީ ކެރިޗް އެވެ. ކެރިޗަކީ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީން ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ވާދަކުރިއިރު، ސެންޓަ ފޯވާޑެއްގެ ގޮތުގައި ބޮޑެތި މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ދަނޑުމަތިން ފާހަގަކުރެވޭ ކެރިޗަކީ ސެކުލޮސްކީގެ އިތުބާރު ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަަނަށް 10 ލަނޑު ޖަހައިފަ އެވެ.

ކެރިޗްގެ އިތުރުން ދެން މާޒިޔާ އިން އެންމެ ކުރިއަށް ބޭނުންކުރެވޭނެ މިޑްފީލްޑަރުން ވެސް އެބަތިއްބެވެ. އެއީ އަސްހަދު އަލީ (އަޑޭ) އާއި އީސަ އެވެ. އަޑޭ އަކީ އޭނާގެ ކެރިއަރުގެ ކުރީކޮޅުގައި ވިކްޓަރީ އާއި ވީބީ ސްޕޯޓްސް ކްލަބްގައި ގިނަ މެޗުތަކުގައި ފޯވާޑަކަށް ކުޅެފައިހުރި ކުޅުންތެރިއެކެވެ.

އެންމެ ފަހުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އުމެއިރު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ފަހުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އުމެއިރު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީސަ އަކީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ކްރިއޭޓިވް އެއް މިޑްފީލްޑަރެވެ. އެހެން ނަމަވެސް އޭނާގެ ކުޅުމުގެ ސްޓައިލަށް ބަލާއިރު، އޭނާ އަށް އެންމެ ކުރިއަށް ކުޅެވޭނެ ކަމަށް މީގެ ކުރިން ސެކުލޮސްކީ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ކުޅުމަށް ބަލާއިރު މި ސީޒަނުގައި އަސަދުﷲ ނެތްތަން މާޒިޔާ އިން އެންމެ ބޮޑަށް ފޫބައްދާނެ ކަމަށް ބެލެވޭ ކުޅުންތެރިއަކީ މުހައްމަދު އުމެއިރު އެވެ. މި ސީޒަނުގެ މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމެއިރު ވަނީ މުހިއްމު މެޗުތަކުގައި މާޒިޔާ އަށް ލަނޑު ޖަހައިދީފަ އެވެ. އަސަދުﷲ ނެތް މެޗުތަކުގައި ޓީމުގެ ލީޑަރެއްގެ ރޯލު އެންމެ ރަނގަޅަށް އަދާކުރާ ކުޅުންތެރިއަކީ ވެސް އުމެއިރު އެވެ. އަދި އިދިކޮޅު ގޯލަށް އެންމެ ގިނަ ހަމަލާ ފޮނުވާލާ ކުޅުންތެރިއަކީ ވެސް އުމެއިރު އެވެ. އޭނާ ވަނީ ވިކްޓަރީގައި ފޯވާޑަކަށް ކުޅެ ރަންބޫޓް ވެސް ހާސިލްކޮށްފަ އެވެ.

ސީޒަނުގެ މިހާތަނަށް ސެކުލޮސްކީގެ އިރުޝާދުގެ ދަށުން ގިނަ މެޗުތަކުގައި މާޒިޔާ އިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މާލޭ ލީގުގެ ކާމިޔާބީ އަށް ފަހު ސެކުލޮސްކީ ބުނީ އޭނާ އަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ މާޒިޔާ އިން ޕްރިމިއާ ލީގު ކާމިޔާބުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ހޯދައިފިނަމަ ކަމަށެވެ. އަސަދުﷲ ނެތުމުން އެ ޓާގެޓަށް މާޒިޔާ އިން ވާސިލްވާން މިހާރު މިއޮތީ ދެ ގުނަ މަސައްކަތް ކުރަން ޖެހިފަ އެވެ.

ލީގުގައި މާޒިޔާ ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.