Roadha Mihaaru
ގާނޫނާ ހިލާފަށް ހުމާމް މެރުން ހުއްޓުވަން ރައީސަށް ސިޓީތަކެއް

އިސްލާމީ ޝަރީއަތާއި ގާނޫނާ ހިލާފަށް ހުމާމް ނުމެރުމަށް ގޮވާލައި ރައީސަށް ސިޓީތަކެއް

29 ޖޫން 2016

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށުގައި މަރަން ހުކުމް އިއްވާފައިވާ ހ. ލޮބީ ހުސެއިން ހުމާމް، އިސްލާމީ ޝަރީއަތާއި ގާނޫނާ ހިލާފަށް ނުމެރުމަށް ގޮވާލައި ރައީސް އަބްދުﷲ ޔާމީނަށް ފޮނުވަން ސިޓީތަކެއްގައި ސޮއިކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށުގައި މަރަން ހުކުމް އިއްވާފައިވާ ހ. ލޮބީ ހުސެއިން ހުމާމް، އިސްލާމީ ޝަރީއަތާއި ގާނޫނާ ހިލާފަށް ނުމެރުމަށް ގޮވާލައި ރައީސް އަބްދުﷲ ޔާމީނަށް ފޮނުވަން ސިޓީތަކެއްގައި ސޮއިކުރަން ފަށައިފި އެވެ.

މި ސިޓީތަކުގައި ސޮއިކުރަމުން އަންނަނީ ގާނޫނާ އެއްގޮތަށް ހުމާމަށް މަރުގެ ހުކުމް ތަންފީޒުކުރަން ގޮވާލައި ހިންގަމުންދާ ކެމްޕޭންގަ އެވެ. ކޮންމެ ރެއަކު ވެސް 10 ޖަހާއިރު އާޓިފިޝަލް ބީޗުގައި އެ ހަރަކާތް ކުރިއަށް ގެންދެ އެވެ.

ކެމްޕޭންގެ ތެރެއިން ރައީސަށް ހުށަހަޅަން ނިންމާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާފައިވާއިރު، އެ ހުކުމް ލަސްކުރަން އަފްރާޝީމްގެ ބޭބެ އާއި ބައްޕަ ކޯޓުގައި އެދިފައިވާ ކަމަށެވެ. ހުމާމަށް މަރުގެ ހުކުމް އިއްވުމުގައި ސުވާލު އުފެދޭ އެތައް ކަމަކަށް ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށް ސިިޓީގައިވެ އެވެ.

މިއީ ހުމާމް ދޫކޮށްލަން ގޮވާލާ ގޮވާލުމެއް ނޫން. ކެމްޕޭންގައި ގޮވާލަނީ ގާނޫނު އަސާސީީ އާއި އިސްލާމީ ޝަރީއަތުގައި އޮތް ގޮތާ ހިލާފަށް އެތައް ކަމެއް ހިނގައި ގޮސްފިއޭ، އެކަން ރަނގަޅުކޮށްދޭށޭ. --ޝަހިންދާ

އަފްރާޝީމް އަވަހާރަކޮށްލުމުގައި ހުމާމްގެ އިތުރުން އެހެން ބަޔަކު ޝާމިލްވާ ކަމަށް ފުލުހުން ބުނެފައިވާއިރު އެ ބަޔަކު ނުހޯދައި މަރުގެ ހުކުމް ތަންފީޒުކުރުމަކީ ހުމާމްގެ ފަރާތުން ތަހުގީގަށް ބޭނުންވާނެ މުހިއްމު މައުލޫމާތަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ސިޓީގައިވެ އެވެ.

ސިޓީގައިވާ ގޮތުން، މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން މިހާތަނަށް އެއްވެސް ގާނޫނެއް ފާސްކޮށްފައި ނުވާއިރު، ކެބިނެޓުން ނިންމާފައިވާ ނިންމުމެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގާނޫނު އަސާސީއާ ހިލާފު އަމަލެކެވެ.

ގާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުތަކާއި މަތިކޮށްފައިވާ އިހްތިޔާރުތަކަށް ބަލާއިރު، ސިޓީގައި ބުނެފައިވާ ގޮތުގައި، ހުމާމް މެރުން ހުއްޓުވުމުގެ ޒިންމާ ރައީސްގެ އިސްތަށިފުޅުގައި އެބައޮތެވެ.

"އަޅުގަނޑުގެ އިހްލާސްތެރި އެދުމަކީ އެފަދަ ބޮޑު ލޭ އޮހޮރުވުމާއި ޖަރީމާއަކުން މަނިކުފާނު ދިވެހި ދައުލަތާއި ރައްޔިތުން ސަލާމަތްކޮށްދެއްވުމެވެ،" ރައީސަށް ފޮނުވަން ތައްޔާރުކޮށްފައިވާ ސިޓީއެއްގައި ވެ އެވެ.

އިސްލާމީ ޝަރީއަތާ ހިލާފަށް ހުމާމުގެ މެރުން ހުއްޓުވަން ހިންގާ ކެމްޕޭންގެ ފަރާތުން ވާހަކަ ދެއްކެވި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޝަހިންދާ އިސްމާއީލް ވިދާޅުވީ އެ ކެމްޕޭންގެ ބޭނުމަކީ ހުމާމްގެ މަރުގެ އަދަބާ ދެކޮޅު ހެދުން ނޫން ކަމަށެވެ.

"މިއީ ހުމާމް ދޫކޮށްލަން ގޮވާލާ ގޮވާލުމެއް ނޫން. ކެމްޕޭންގައި ގޮވާލަނީ ގާނޫނު އަސާސީީ އާއި އިސްލާމީ ޝަރީއަތުގައި އޮތް ގޮތާ ހިލާފަށް އެތައް ކަމެއް ހިނގައި ގޮސްފިއޭ، އެކަން ރަނގަޅުކޮށްދޭށޭ،" ޝަހިންދާ ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހުސެން ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ހުކުމް ދަމަހައްޓާފަ އެވެ. އެ ހުކުމާ ގުޅިގެން، ސަރުކާރުން ދަނީ ހުމާމްގެ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ތައްޔާރީތައް ވަމުންނެވެ.