Roadha Mihaaru
ރާއްޖެ އާއި ބޫޓާން އެހެން ގައުމުތަކަށް ނަމޫނާއަކަށް

ރާއްޖެ އިން ހިމަބިހި ނައްތާލަން ހޯދި ކާމިޔާބުން ފިލާވަޅު ނެގިދާނެ: ޑަބްލިއުއެޗްއޯ

08 ސެޕްޓެމްބަރ 2017

ރާއްޖެ އާއި ބޫޓާނުން ހިމަބިހި ނައްތާލަން ހޯދި ކާމިޔާބުން އެހެން ގައުމުތަކަށް ފިލާވަޅު ނެގިދާނެ ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ބޫޓާނުން ހިމަބިހި ނައްތާލަން ހޯދި ކާމިޔާބުން އެހެން ގައުމުތަކަށް ފިލާވަޅު ނެގިދާނެ ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބޭއްވި ޑަބްލިޔުއެޗުއޯގެ ސަރަހައްދީ ބައްދަލުވުމަށް އިޝާރާތްކުރައްވައި ޓެޑްރޮސް ކުރެއްވި ޓުވީޓެއްގައި ވަނީ ހިމަބިހި ނައްތާލަން ރާއްޖެ އާއި ބޫޓާނުން ހޯދި ކުރިއެރުން ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޓެޑްރޮސް ވިދާޅުވި ގޮތުގައި ޔޫރަޕާއި އެންމެ މަތިން އާމްދަނީ ލިބޭ އެހެން ގައުމުތަކުން ވެސް ރާއްޖެ އާއި ބޫޓާނުގެ ކާމިޔާބީން ކަންތައްތަކެއް ދަސްކުރެވިދާނެ އެވެ. އެ ގައުމުތަކުން ދަނީ ހިމަބިހިން ސަލާމަތްވުމަށް އުނދަގޫ މަސައްކަތްތަކެއް ކުރަމުންކަން އޭނާ ފާހަގަކުރެއްވި އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުގައި މި ފަހުން ވެސް ވަނީ ހިމަބިހި ވަރަށް ބޮޑަށް ފެތުރިފަ އެވެ.

ރާއްޖެއިން އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑު، ޑަބްލިއުއެޗްއޯ އިން ދިނީ މިދިޔަ ހަފުތާގަ އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ރީޖަނަލް މީޓިންގެ ތެރޭގައި ބޭއްވި ހަރަކާތުގައި ރާއްޖެ އަށް އެ އެވޯޑު ހަވާލުކޮށްދެއްވީ ޓެޑްރޮސް އާއި ޑަބްލިއުއެޗްއޯ އިން މި ސަރަަހައްދަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ހެތްރަޕަލް ސިންހާ އެވެ.

ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަން ޑަބްލިއުއެޗްއޯ އިން އިއުލާންކުރީ މިދިޔަ ޖޫން 13 ގަ އެވެ. ހިމަބިހި ނައްތާލަން ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާން އެވެ. މިއީ 2020ގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލަން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމެވެ.