Roadha Mihaaru
ޓެރަރިޒަމާ ދެކޮޅު މަސައްކަތް ހަރުދަނާކުރަން ޖެހޭ:ދުންޔާ

ޓެރަރިޒަމާ ދެކޮޅު މަސައްކަތްތައް އިތުރަށް ހަރުދަނާކުރަންޖެހޭ: ދުންޔާ

06 ސެޕްޓެމްބަރ 2017

ހަނގުރާމަ އަށް ސީރިއާ އަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާގެ ފުލުހުން ދެ ދިވެއްސަކު ހައްޔަރުކުރުމުން ކަންބޮޑުވުން ފާޅުކުރައްވައި، ރާއްޖެ އިން ޓެރަރިޒަމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކުރަން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހަނގުރާމަ އަށް ސީރިއާ އަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާގެ ފުލުހުން ދެ ދިވެއްސަކު ހައްޔަރުކުރުމުން ކަންބޮޑުވުން ފާޅުކުރައްވައި، ރާއްޖެ އިން ޓެރަރިޒަމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކުރަން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ގޮވާލައްވައިފި އެވެ.

މެލޭޝިއާގެ ނޫސްތަކުގައިވާ ގޮތުން، އުމުރުން 29 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދިވެއްސަކު މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރީ އެ ގައުމުގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއަކާ ދެކޮޅަށް މެލޭޝިއާގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ދިވެހިންނަކީ ދޭން އުޅުނު ހަމަލާއާ ސީދާ ގުޅުންހުރި ބައެއް ނޫނެވެ.

ޓެރަރިޒަމަކީ މުޅި ދުނިޔެއަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަން ފާހަގަކުރައްވަމުން ދުންޔާ "މިހާރު" އަށް ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެ އަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަން ސެންޓަރެއް ގާއިމްކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.

"މިހާރު ކުރަމުން މިއަންނަ މަސައްކަތް އިތުރަށް ވަރުގަދަކޮށް، މިއީ އިތުރަށް އަހަމިއްޔަތު ކަމެއް ދޭން ޖެހޭ ކަމެއް. މިކަމުގައި އާއްމުންގެ ހޭލުންތެރިކަން ވެސް މިހާރަށް ވުރެ ބޮޑަށް އިތުރުކުރަން ޖެހޭ،" ދުންޔާ ވިދާޅުވި އެވެ.

"އަޅުގަނޑު ފޮރިން މިނިސްޓަރަކަށް ހުރިއިރު ވެސް މިއީ ފިކުރު ގެންގުޅުނު އިޝޫއެއް. މިކަމުގައި އެކި ގައުމުތަކާ ވާހަކަ ދައްކައި ގައުމުތައް ގުޅިގެން މަސައްކަތްތަކެއް ކުރެވުނު."

އޭނާ ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެއްޖެ ނަމަ ރާއްޖޭގެ ޓޫރިޒަމާއި އިގްތިސާދަށް ވެސް އޭގެ ގެއްލުން ކުރާނެ އެވެ. އަދި މިއީ ރައްޔިތުންނާ ސީދާ ގުޅިފައިވާ މައްސަަލައަކަށް ވާތީ، މިކަމުން ސަލާމަތްވުމަށް މިހާރަށް ވުރެ ބޮޑަށް ކަމާގުޅޭ ހުރިހާ އިދާރާތަކުން ވެސް ވިސްނުން ގެންގުޅެ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ދުންޔާ އިލްތިމާސްކުރެއްވި އެވެ.