Roadha Mihaaru
ރަށްގިރުން ހުއްޓުވަން ފުވައްމުލަކުގައި ހާއްސަ ކެމްޕޭނެއް

ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން ފުވައްމުލަކުގައި ހާއްސަ ކެމްޕޭނެއް

29 އޯގަސްޓް 2017

ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ހޯދަން ފުވައްމުލަކުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ހޯދަން ފުވައްމުލަކުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

"ވަން ފުވައްމުލައް" މޫމްމެންޓުން "ސޭފް ފުވައްމުލައް" ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިނުން ބުނީ މައިގަނޑު މަގުސަދަކީ ރަށުގެ އިރުމަތީ ފަރާތުން ގިރާ ސަރަހައްދުގައި ރިވެޓްމެންޓް ޖަހަން ޕްލޭންކޮށްފައިވާ މަސައްކަތް ވީހާ ވެސް އަވަހަށް ފެށޭތޯ ބެލުން ކަމަށެވެ.

"ރަށް ގިރުމަކީ ފުވައްމުލަކަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަ. އެކަމަށް ހައްލެއް ހޯދަން ވާހަކަ ދެކެވޭތާ 10 އަހަރަށްވުރެ ގިނަދުވަސްވީ. އެކަން ހުއްޓުވަން އެކަށީގެންވާ ގޮތަކަށް އަމަލީ މަސައްކަތްތަކެއް ކުރެވިފައެއް ނެތް،" ކެމްޕޭނުގައި އިސްކޮށް އުޅުއްވާ އިސްމާއީލް ރަފީގް ވިދާޅުވި އެވެ.

"ރަށުގެ އާނުގަނޑުން ވަރަށް ބޮޑުބައެއް ދަނީ ހަލާކުވަމުން. އާނުގަނޑު ހުސްވެ ރަށުގެ ފަސްގަނޑާ ޖެހުމުން ވަރަށް ބާރު ސްޕީޑެއްގައި ރަށް ގިރައިގެން ދާނެ ކަމުގެ ބިރު އެބައޮތް. މިހާރު ވެސް ބައެއް ސަރަހައްދުތަކުން ވަނީ އާނުގަނޑުން ގާތްގަނޑަކަށް 20-30 ފޫޓު ފުނޑުފުނޑުވެގެން ގޮސްފައި."

ފުވައްމުލަކުގެ އިރުމަތީ ފަރާތުން ގިރާ ސަރަހައްދުގައި މީހަކު މަޑުކޮށްލައިގެން.

ފުވައްމުލަކުގެ އިރުމަތީ ފަރާތުން ގިރާ ސަރަހައްދުގައި މީހަކު މަޑުކޮށްލައިގެން.

އިސްމާއިލް ވިދާޅުވީ މި މައްސަލައަށް ހައްލެއް ނުލިބޭ ކޮންމެ ދުވަހަކީ ރަށުގެ ފަސްގަނޑުން އިތުރުބައެއް ގިރައިގެން ދާނެ ދުވަހެއް ކަމަށެވެ. އަދި ދުވަސްވީ ވަރަކަށް އެކަން ހައްލުކުރަން ކުރަންޖެހޭ މަސައްކަތާއި ހަރަދުތައް ވެސް އިތުރުވެގެން ދާނެ ކަމަށެވެ.

އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓަށް ޖުލައި މަހުގެ މަހުގެ ތެރޭގައި ގަތަރު ފަންޑުން ލޯނު ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާފުކުރުމުގެ އިތުރުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް ކުރާނެ.

ސާފުކުރުމުގެ އިތުރުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް ކުރާނެ.

މި ކެމްޕޭނުގެ ދަށުން ރަށުގެ ގޮނޑުދޮށް ސާފު ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ނުވަ ދުވަހުގެ ތެރޭގައި ބޮޑެތި ކަޅު ކޮތަޅުގެ 390 ކޮތަޅު ކުނި ވަނީ ނަގާފަ އެވެ. ސާފުކުރުން ނިންމާލާނީ ރަށް ވަށައިގެން މުޅި ގޮނޑުދޮށް ސާފުކުރެވުމުން ކަމަށް ރަފީގް ވިދާޅުވި އެވެ. ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމުން ރަށް ގިރުން އަވަސްވެގެން ދާނެތީ، އެކަމަށް ހޭލުންތެރިކުރުވުމަށް ވެސް ހަރަކާތްތަކެއް ބާއްވާނެ އެވެ.

ފުވައްމުލަކުގެ އިރުމަތީ ފަރާތުން ގިރާ ސަރަހައްދު.

ފުވައްމުލަކުގެ އިރުމަތީ ފަރާތުން ގިރާ ސަރަހައްދު.

"ރައްޔިތުންނަށް ކުރާ އިލްތިމާސްއަކީ ގިރާ ސަރަހައްދު ހަމަލޮލުން ބައްލަވާލައްވަން ވަޑައިގެން، އެ ސަރަހައްދު ހިމާޔަތްކުރަން ޕްލޭންކްރެވިފައިވާ ކަންކަން އަވަސްކުރަން އެންމެން އެއްބައިވަންތަކަން ދައްކާ އެކަމަށް މަސައްކަތް ކުރުން،" އިސްމާއިލް ވިދާޅުވި އެވެ.