24 އޯގަސްޓް 2017
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ ގަވަރުނަރަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު އަހުމަދު ނަސީރު އައްޔަން ކުރައްވައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ ގަވަރުނަރަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު އަހުމަދު ނަސީރު އައްޔަން ކުރައްވައިފި އެވެ.
ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މި މަހުގެ 16 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އައްޔަން ކުރެއްވި ނަސީރަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީނެވެ.
ނަސީރަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ކުރީގެ ސީއީއޯގެ މަގާމުގެ އިތުރުން އަދި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވި ނަސީރަށް އެމްއެމްއޭގެ ގަވަރުނަރަކަން ދެއްވުމާ ހަމައަށް މަސައްކަތް ކުރެއްވީ ވޯލްޑް ބޭންކުގެ ޕްރޮޖެކްޓެއްގައި ފިނޭންސް މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ.
އަޒީމާ އިސްތިއުފާ ދެއްވުމާ ގުޅިގެން ގަވަރުނަރަކަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ފުރަތަމަ ނިންމެވީ މަރުކަޒީ ބޭންކުގެ އެސިސްޓެންޓް ގަވަރުނަރު އަދި އެ އިދާރާގައި މަސައްކަތް ކުރައްވާތާ 31 އަހަރު ވެފައިވާ ނީޒާ އިމާދެވެ. ނަމަވެސް އޭނާ އަށް ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ވެސް ފޮނުއްވި ފަހުން، ކުއްލި ގޮތަކަށް ރައީސް ޔާމީންގެ ނިންމެވުން ބަދަލުކުރައްވައި ނަސީރަށް ގަވަރުނަރުކަން ދެއްވުމަށް ނިންމެވީ އެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅިގެން، ނީޒާ ވަނީ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން މަސައްކަތް ކުރައްވަމުން އައި އެމްއެމްއޭ އިން އިސްތިއުފާ ދެއްވައިފަ އެވެ.
ނީޒާ ވިދާޅުވެފައި ވަނީ އޭނާގެ ނަން ރައީސް ޔާމީން އަނބުރާ ގެންދެވުމުން އެއިން އެނގެނީ ސަރުކާރުގެ އިތުބާރު އޭނާ އަށް ނެތުން ކަމަށެވެ. އެހެންވެ އެމްއެމްއޭގެ ވަޒީފާ ދޫކުރައްވަން ނީޒާ ނިންމެވީ އެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި މިދިޔަ ތިން އަހަރު ވަންދެން ހުންނެވި، އަޒީމާގެ ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަށް ނިންމެވުމުންނެވެ. އެއީ އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބަކަށް އޭނާގެ ފިރިކަލުން އަލީ ނަސީރު (އަލިނީ) ހަމަޖެއްސެވުމާ ގުޅިގެންނެވެ.
އެމްއެމްއޭގެ ގަވަރުނަރު ނަސީރު މަޖިލީހަށް ހާޒިރުކުރަނީ
ގަވަރުނަރުގެ ނުކިއްސަރުކަމެއް ބަޖެޓާ މެދު ނެތް: ރައީސް
ނީޒާގެ ނަން ނަގައި، ގަވަރުނަރަކަށް ނަސީރު
އެމްއެމްއޭގެ ގަވަރުނަރު ކަމަށް ނީޒާ އިމާދު ހަމަޖައްސަނީ
ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރައްވައިފި
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
ގަވަރުނަރަށް މިއަދު ވެސް ކޮމިޓީއަށް ވަޑައެއްނުގެންނެވުނު
އެމްޑީޕީ އަށް ތާއީދެއް ނުކުރާނަން: ޔާމީން
ޕޭމަންޓް ސިސްޓަމް ޓެސްޓް ކުރަން ފަށައިފި
އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ގަނެފި