Roadha Mihaaru
ކުރިއަށް ހުރީ އުންމީދީ ފިލްމުތަކެއް

ކުރިއަށް ހުރީ އުންމީދީ ފިލްމުތަކެއް

20 އޯގަސްޓް 2017

މި އަހަރުގެ މިހާތަނަށް އައި އިރު ފަސް ފިލްމެއް ބެލުންތެރިންނާ ހަމައަށް އަތުވެއްޖެ އެވެ. އަހަރު ފެށީ ފިލްމް "މަލިކާ" އިންނެވެ. ސިނަމާގައި މިހާރު އޮތީ "ނޯޓީ 40" އެވެ. މި އަހަރު ރިލީޒްވި އިތުރު ފިލްމްތަކަށް ބަލާ އިރު "ވިޝްކާ"، "އިލް ނޮއިސް" އަދި "މީ ލޯތްބަކީ" ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ މިހާތަނަށް އައި އިރު ފަސް ފިލްމެއް ބެލުންތެރިންނާ ހަމައަށް އަތުވެއްޖެ އެވެ. އަހަރު ފެށީ ފިލްމް "މަލިކާ" އިންނެވެ. ސިނަމާގައި މިހާރު އޮތީ "ނޯޓީ 40" އެވެ. މި އަހަރު ރިލީޒްވި އިތުރު ފިލްމްތަކަށް ބަލާ އިރު "ވިޝްކާ"، "އިލް ނޮއިސް" އަދި "މީ ލޯތްބަކީ" ހިމެނެ އެވެ.

މިއިން ކޮންމެ ފިލްމަކީ އާންމުންގެ ތަރުހީބު ލިބުނު ފިލްމްތަކެކެވެ. މި އަހަރު ފާހަގަކޮށްލެވުނު އެއް ބަދަލަކީ އާންމުކޮށް ދިވެހި ފިލްމްތައް އަޅުވާ އޮލިމްޕަސް ފިޔަވައި، ޝްވެކް ސިނަމާގައި ވެސް ދިވެހި ފިލްމްތަކެއް ޕްރިމިއާ ކުރި ކަމެވެ. އެއީ ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" އާއި ތިއޭޓަ މިރާޖާއި އޯކޭޒް އިންކްގެ "އިލް ނޮއިސް" އެވެ.

އަހަރުގެ ބާކީ ދެން އޮތީ ހަތަރު މަހެވެ. ތިން ފިލްމެއް އަދި ރިލީޒްވާން އެބަ އޮތެވެ. އެ ފިލްމްތައް ރިލީޒް ކުރާ ތާރީހުތައް ވެސް އިއުލާންކޮށްފައިވާ އިރު، ވަރަށް އުންމީދީ ދެ ފިލްމެއް އަދި ބެލުންތެރިން އެހާމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ދެ ފިލްމެއް އޮތްކަން އެއީ ދިވެހި ފިލްމްތަކަށް ލޯބި ކުރާ މީހުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ކުރިއަށް އޮތް ތިން ފިލްމަށް ބަލައިލަމާ ހިނގާށެވެ.

ހައްދު

އަންނަ މަހުގެ ހައެއްގައި ޕްރިމިއާ ކުރާ ""ހައްދު" އަކޯ އަހަރުގެ އެންމެ އުންމީދީ ފިލްމެވެ. ފިލްމް ވަރަށް ހާއްސަ ވެސް މެ އެވެ. އޭގެ ތެރޭގައި ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ "ހައްދު" އަކީ 2014 ގެ ފަހުން މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމް ފައްތާހު ސިފަ ކުރަނީ އޭނާގެ 21 އަހަރުވީ ފިލްމީ ކެރިއަރުގައި ހެދި މޮޅު ފިލްމްގެ ގޮތުގަ އެވެ. އެހެންވެ ފިލްމް ޕްރޮމޯޓް ވެސް ކުރަނީ ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގަ އެވެ.

"ހައްދު" ގެ ޓްރެއިލާއެއް.

ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ހަދާފައިވާ "ހައްދު" ހާއްސަވާ އަނެއް ސަބަބަކީ ފިލްމީ ދާއިރާ އަށް މުޅިން އާ އެކްޓަރަކު ތައާރަފު ކުރާތީ އެވެ. އެއީ އަހުމަދު ޝިބާން އެވެ. ސިކްސްޕެކް ފިޒިކަކާ އެކު ދިވެހި ބޮޑު ސްކްރީން ހޫނުކޮށްލަން ޝިބާންއާ އެކު، "ހައްދު" ގެ ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.

ފިލްމްގެ އެންމެ ހާއްސަ އަނެއް ކަމަކީ ފިލްމުގެ ވަރުގަދަ އަދި ތަޖުރިބާކާރު ސަޕޯޓިން ކާސްޓެވެ. އޭގެ ތެރޭގައި އާރިފާ އިބްރާހީމް، މުހައްމަދު ރަޝީދު (ދަރާ)، ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ އަދި މަރިޔަމް ހަލީމް ފަދަ ހުނަރުވެރި އެކްޓަރުން ހިމެނެ އެވެ.

"ހައްދު" އާ ބެހޭ ގޮތުން ފައްތާހް ދޭ ޔަގީން ކަމަކީ ބެލުންތެރިންނަށް މޮޅު، ރީތި އަދި ފުރިހަމަ ފިލްމެއް ގެނެސް ދިނުމެވެ.

ބޮސް

މިއީ ލޯބީގެ މެލޮޑްރާމާއެކެވެ. މި ވައްތަރުގެ ފިލްމްތައް ރާއްޖޭގައި ހަދަން އެންމެ ކުޅަދާނަ ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ ފިލްމެކެވެ. މިއީ އޭނާ ލިޔެ، އަމިއްލަ ފިލްމް ކުންފުނި ކްރިސްޓަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

"ބޮސް" ވެގެން ދާނީ ޒަމާންގަނޑަކަށް ފަހު ނަހޫ ސްޓައިލްގެ ފިލްމެއް ސްކްރީނަށް އަންނަ ފުރަތަމަ ފަހަރަށެވެ. މި ފިލްމް ރިލީޒް ކުރަން ތާވަލްކޮށްފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 24 ގަ އެވެ.

ލޯބީގެ ވަރަށް ހިތާމަވެރި ހާދިސާތަކެއް ކިޔައިދޭ ފިލްމުގެ ކާސްޓަށް ބަލާ އިރު "ބޮސް" ގެ އެންމެ ހާއްސަ އެއް ކަމަކީ މި ފިލްމުން ވެސް އަނެއްކާ އާ އެކްޓަރަކު ފިލްމީ ދާއިރާ އަށް ދޫކޮށްލުމެވެ. އެއީ މުހައްމަދު ޔުނާނެވެ. އޭނާ އެކު ފިލްމުގެ މައިގަނޑު ކާސްޓުން ދެން ފެނިގެން ދާނީ މަރިޔަމް އައްޒަ އާއި އިބްރާހީމް ޖިހާދު (ޖިމީ) ގެ އިތުރުން ފާތުމަތު އާޒިފާ (އަޒޫ) އަދި އަލީ އާޒިމް (ދޮންއައްޔަ) އެވެ.

"ބޮސް" ގެ ޕޯސްޓަރެއް.

"ބޮސް" ގެ ޕޯސްޓަރެއް.

"ބޮސް" ނަހުލާވަންތަ ރަހަތަކާ އެކު ސިނަމާ އަށް އަންނަ އިރު، ފިލްމް ތަފާތުވާ އެއް ސަބަބަކީ ޑައިރެކްޝަންގައި އެހެން މީހަކު ހިއްސާވުމެވެ. އެއީ ބަތަލާ އައިޝަތު ރިޝްމީ އެވެ. އެކަމަކު "ބޮސް" ވެގެން ދާނީ ނަހުލާގެ ރަހަގަނޑު ކަރުބުޑަށް ވަރަށް ފުރިހަމަ އަށް ލައްވައި ދޭނެ ފިލްމެއް ކަމަށް ރިޝްމީ ބުންޏެވެ.

ނަހުލާ ވެސް ބުނަން އޮތް ވާހަކައަކީ "ބޮސް" ބަލާފައި ބެލުންތެރިން ސިނަމާ އިން ނިކުންނަން ޖެހޭނީ ރޮއިރޮއި ހަލާކުވެގެން ކަމެވެ. އެހެންވެ ފިލްމަށް ދާން ވާނީ އެކަމަށް ލައްކަ ތައްޔާރުވެގެންނެވެ. ކުޑަރުމާއި ޓިޝޫގެ ބޭނުން މި ފިލްމް ބަލާ އިރު ކޮންމެހެން ވެސް މުހިއްމު ވާނެ އެވެ.

ނޭދެން ވަކިވާކަށް:

މި ވެސް ހަމަ އަނެއްކާ ވެސް ލޯބީގެ ކަންތައްގަނޑެއް ކިޔައިދޭ ފިލްމެކެވެ. "ނޭދެން ވަކިވާކަށް" އަކީ މަހުދީގެ ސްކްރީންޕްލޭއަކަށް، މުހައްމަދު އަބޫބަކުރު (މާއެބޫ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމް ސިނަމާ އަށް އަންނާނީ އަންނަ މަހުގެ 27 ގަ އެވެ.

"ނޭދެން ވަކިވާކަށް" ގެ ލީޑް ރޯލް ކުޅެފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަޒޫގެ އިތުރުން މަޝްހޫރު ފެހުންތެރިޔާ/ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އެވެ. މިއީ ޖާދުގެ ފުރަތަމަ ފީޗާ ފިލްމެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ) އަދި އަހުމަދު ސައީދާއި އާރިފާ އިބްރާހީމް ފަދަ އެކްޓަރުން ހިމެނެ އެވެ.

މާއެބޫ ބުނަނީ "ނޭދެން ވަކިވާކަށް" އަކީ މިހާތަނަށް އޭނާ ހެދި އެންމެ ރަނގަޅު ފިލްމަށް ވާނެ ކަމަށެވެ. އަދި މަހުދީގެ ސްކްރީންޕްލޭ ވެސް ވަރަށް ފުރިހަމަ ބުންޏެވެ.

"ނޭދެން ވަކިވާކަށް" ގެ ޓްރެއިލާއެއް.

މާއެބޫ މީގެ ކުރިން ހެދި ފިލްމްތަކަށް ބަލާ އިރު، އާންމުންގެ މަގުބޫލުކަން އެހާ ބޮޑަށް ލިބުނު ފިލްމްތަކެއް ނެތެވެ. ވިޔަފާރީގެ ގޮތުން އެވްރެޖޭ ބުނާ ކަހަލަ ފިލްމްތަކެއް ހުއްޓަސް، އޭނާ މި ފަހަރު އުންމީދުކޮށްގެން ހުރީ ރާއްޖޭގައި މިހާރު ސްކްރީންޕްލޭ ލިޔަން އެންމެ ކުޅަދާނަ މީހުންގެ ތެރޭގައި ހިމެނޭ މަހުދީގެ ސްކްރީންޕްލޭއަކަށް ފިލްމް ހަދާފައިވާތީ ބެލުންތެރިންނަށް ފިލްމް ވަރަށް ކަމުދާނެކަމުގެ ޔަގީންކަމާ ވެސް އެކުގަ އެވެ.

މި ތިން ފިލްމާ އެކު، މި އަހަރު ސްކްރީނަށް އައި ދިވެހި ފިލްމްތަކުގެ އަދަދު އަށަކަށް އަރާނެ އެވެ. އެއީ މިދިޔަ އަހަރު ވެސް ފިލްމް ރިލީޒް ކުރި އަދަދެވެ.

"ހައްދު" އާއި "ބޮސް" އަދި "ނޭދެން ވަކިވާކަށް" ގެ އިިތުރުން މި އަހަރު އިތުރު ފިލްމެއް ސްކްރީނަށް ގެންނަން ނިންމާފައިވާކަން އެނގިފައެއް ނެތެވެ.