Roadha Mihaaru
ރޮނާލްޑޯއަށް ދިނީ އިންސާފުވެރި އަދަބެއް ނޫން: ޒިދާން

ރޮނާލްޑޯއަށް ދިނީ އިންސާފުވެރި އަދަބެއް ނޫން: ޒިދާން

16 އޯގަސްޓް 2017

މެޑްރިޑް (އޮގަސްޓް 16) - ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ލެގުގައި ރެފްރީ ކޮށްޕާލުމުން ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދީފައިވާ އަދަބު އިންސާފުވެރި ނޫން ކަމަށް ބުނެ ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ފާޑުކިޔައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޮގަސްޓް 16) - ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ލެގުގައި ރެފްރީ ކޮށްޕާލުމުން ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދީފައިވާ އަދަބު އިންސާފުވެރި ނޫން ކަމަށް ބުނެ ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ފާޑުކިޔައިފި އެވެ.

ސްޕެނިޝް އެފްއޭ އިން ރޮނާލްޑޯ އަށް ދީފައިވަނީ ފަސް މެޗުގެ ސަސްޕެންޝަނެކެވެ. އެއީ ރަތް ކާޑަށް އެއް މެޗާއި ރެފްރީ ކޮށްޕާލުމުން ހަތަރު މެޗަށެވެ. ރޮނާލްޑޯ 4500 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރަން ވެސް ނިންމާފައިވާއިރު މައްސަލަ އިސްތިނާފްކުރުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ސުޕަ ކަޕްގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު ފުރަތަމަ ލެގުން ރެއާލް ވަނީ 3-1 އިން މޮޅުވެފަ އެވެ. އެހެން ނަމަވެސް އެ ނަތީޖާގެ ހިތްހަމަޖެހުމަށް ވުރެ ބޮޑަށް ރެއާލަށް އޮތް ނުތަނަވަސްކަމަކީ ހައްގުނޫން ސަސްޕެންޝަނެއް އެ ޓީމުގެ މުހިއްމު ކުޅުންތެރިއާ ރޮނާލްޑޯ އަށް އައިސްފައިވުން ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.

"ރެފްރީންގެ ކަންތައްތަކުގައި މާ ބޮޑަށް ވާހަކަ ދައްކައި އުޅޭ މީހެއް ނޫން އަހަންނަކީ. އެކަމަކު ބައެއް ކަހަލަ ހާލަތްތަކުގައި އެބަޖެހޭ އެ ވާހަކަ ދައްކަން ވެސް. އަހަރެމެން އެންމެން ކަންބޮޑުވޭ ރޮނާލްޑޯ އަށް ދިން ސަސްޕެންޝަނަށް. އެއީ ހައްގު އަދަބެއް ނޫން. އެ ވަރުގެ ސަސްޕެންޝަނެއް އައުމުން ބަލައިނުގަނެވޭނެ،" ޒިދާން ބުންޏެވެ.

އޭނާ ބުނީ އުއްމީދުކުރަނީ ޑިސިޕްލިނަރީ ކޮމިޓީން ރޮނާލްޑޯ އަށް ދިން އަދަބު ރަނގަޅަށް ބަލާނެ ކަމަށެވެ.

"އަހަރެން އުއްމީދުކުރަނީ ކޮމިޓީން (ޑިސިޕްލިނަރީ) މި ކަންތައްތައް އަލުން ބަލާފައި މިއީ ރޮނާލްޑޯ އަށް އަންނަން ޖެހޭ ވަރުގެ ސަސްޕެންޝަނެއްތޯ ނިންމާނެ ކަމާށް. ނޫނީ މިއީ ރޮނާލްޑޯ އަށް ވުމުން އައި ސަސްޕެންޝަނެއްތޯ ވެސް ބަލަން ޖެހޭ. އެއީ ފަސް މެޗަކީ ވަރަށް ދިގު މުއްދަތެއް،" ޒިދާން ބުންޏެވެ.

ރެއާލުން ވަނީ ރޮނާލްޑޯގެ ސަސްޕެންޝަން އެޕީލް ކުރަން ނިންމައިފަ އެވެ.

ޒިދާން ބުނީ ފުރަތަމަ ލެގުގައި ރެއާލް މޮޅުވި ނަމަވެސް މެޗު ނިމުނު ކަމަށް ގަބޫލުނުކުރާ ކަމަށާއި ބާސެލޯނާ ދެ ވަނަ ލެގަށް ނުކުންނާނީ ބަދަލު ހިފުމުގެ ރޫހުގައި ފުރިހަމަ އަށް ތައްޔާރުވެެގެން ކަން އެނގޭ ކަމަށެވެ.

ރެއާލާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ 2 ޖަހާއިރު އެވެ.