Roadha Mihaaru
އޭޑީކޭގެ ކެތު ލެބް ގާއިމުކޮށް ޓެސްޓްކުރަނީ

އޭޑީކޭގައި ކެތު ލެބް ގާއިމުކޮށް ޓެސްޓްކުރަން ފަށައިފި

13 އޯގަސްޓް 2017

އޭޑީކޭ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދޭން ކެތު ލެބް ގާއިމުކޮށް ޓެސްޓްކުރަން ފަށައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދޭން ކެތު ލެބް ގާއިމުކޮށް ޓެސްޓްކުރަން ފަށައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ކެތު ލެބްގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އެތަނުގައި ބަހައްޓާފައި ވަނީ ޖަރުމަނުގެ ސީމަންސް ކުންފުނިން އުފައްދާފައިވާ މެޝިނެކެވެ.

"މިއީ ވަރަށް ތަފާތު މެޝިނެއް. މީގެ އެންމެ ބޮޑު ތަފާތަކީ މީގައި ދެ އާމް އިންނާނެ،" އަފްއާލް ވިދާޅުވި އެވެ.

"މި މެޝިނުގެ އެހީގައި އެންޖިއޮގްރަފީ އާއި ބެލޫނިން އާއި ސްޓެންޓިން ހެދޭނެ. އަދި އޭގެ އިތުރުން ނިއުރޮލޮޖީ މޮޑިއުލެއް ހުންނާނެ. ފަންކްޝަންތައް ވެސް އިތުރުކޮށްފައި ހުންނާނެ."

އޭނާ ވިދާޅުވީ އޭޑީކޭގެ ވިސްނުމަކީ ހިތުގެ ބައިޕާސް އޮޕަރޭޝަން ވެސް ކުރެވޭ ވަރަށް ތަން ތަރައްގީކުރުން ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގައި އަލަށް ހަދާ ތިއޭޓާ ކޮމްޕްލެކްސްގައި އޯޕަން ހާޓް ސާޖަރީ ހެދޭނެ ތިއޭޓަރެއް ވެސް ހުންނާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

އާ ތިއޭޓާ ކޮމްޕްލެސް ހަދަނީ އޭޑީކޭ މައި އިމާރާތުގެ ބައެއްގެ ގޮތުގަ އެވެ.