Roadha Mihaaru
އަނަސްގެ މަރުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލައިފި

އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ބޭރުކޮށްލައިފި

11 އޯގަސްޓް 2017

ލިޓަސް ސާވިސް ސެންޓަރުގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ނުބަލަން ނިންމައި، އެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން އިއްޔެ ބޭރުކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލިޓަސް ސާވިސް ސެންޓަރުގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ނުބަލަން ނިންމައި، އެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން އިއްޔެ ބޭރުކޮށްލައިފި އެވެ.

ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމެޓީން މައްސަލަ ބޭރުކޮށްލީ ފުލުހުން ބަލަމުންދާ މައްސަލައަކަށްވެފައި، މަޖިލީހުން އެ މައްސަލަ ބަލާނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެވެ.

މި މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. މައްސަލަ ބޭރުކޮށްލީ ކޮމެޓީގައި ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަނަސްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމެއް. - ފޮޓޯ: ނާޝިތު

އަނަސްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމެއް. - ފޮޓޯ: ނާޝިތު

އަނަސްގެ މަރުގެ މައްސަލާގައި ކަމާ ގުޅޭ މުއައްސަސާތައް ކޮމެޓީ އަށް ހާޒިރު ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ޖުމްހޫރީ ޕާޓީގެ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރެވެ.

ގައުމީ ސަލާމަތުގެ ކޮމެޓީގެ އިތުރުން އަނަސްގެ މަރުގެ މައްސަލަ ވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުށަހަޅައިފަ އެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ވަޅިން ހަމަލަދީ މަރާލީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅިން ހަމަލާދީފައިވެ އެވެ.

އަނަސްގެ ގާތިލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 8-10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެއީ ކިތައް މީހުންނެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.