Roadha Mihaaru
އަނަސްގެ ގާތިލުން އެންމެންނަށް ފެންނަން ބޭނުން: ބައްޕަ

އަނަސްގެ ގާތިލުން އެންމެންގެ ލޯތަކަށް ހާމަވާން ބޭނުން: ބައްޕަ

08 އޯގަސްޓް 2017

ވަޅި ހަރައި މިދިޔަ ހަފުތާގައި މަރާލި މުހައްމަދު އަނަސްގެ ގާތިލުން އެންމެންގެ ލޯތަކަށް ހާމަވާން ބޭނުންވާ ކަމަށް އޭނާގެ ބައްޕަ އަބްދުއްރާފިއު އިއްޔެ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަޅި ހަރައި މިދިޔަ ހަފުތާގައި މަރާލި މުހައްމަދު އަނަސްގެ ގާތިލުން އެންމެންގެ ލޯތަކަށް ހާމަވާން ބޭނުންވާ ކަމަށް އޭނާގެ ބައްޕަ އަބްދުއްރާފިއު އިއްޔެ ބުނެފި އެވެ.

އަނަސް 25، މަރާލި ސަބަބުތަކާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް މީޑިއާގައި ވާހަކަތައް ފަތުރާތީ، އޭނާގެ ބައްޕަ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ އާއިލާ އިން އެދެނީ ވީހާވެސް އަވަހަކަށް ދަރިފުޅުގެ މަރަށް އިންސާފު ލިބުމެވެ. އަދި ފުލުހުން ހިންގާ ތަހުގީގަށް އެއްބާރުލުން ބޭނުންވެއްޖެނަމަ، އެހީތެރިކަން އާއިލާ އިން ދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ ގާބިލިއްޔަތާއި މެދުގައި ފުރިހަމަ އިތުބާރެއް އޮތް ކަމަށާއި މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ވަކި މީހަކަށް ނިސްބަތްވާ ގޮތަށް ނުވަތަ ވަކި މީހަކަށް އިނގިލި ދިއްކުރުމެއް ނެތި އަދުލުވެރިކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށް ވެސް އަނަސްގެ ބައްޕަ ބުންޏެވެ.

ވަޅިން ހަމަލާދީ، މަރާލި އަހުމަދު އަނަސް.

ވަޅިން ހަމަލާދީ، މަރާލި އަހުމަދު އަނަސް.

"ހިނގައިދިޔަ ހިތާމަވެރި ހާދިސާ އަކީ އާއިލާ އަށް ފުން ހިތާމައެއް ގެނުވާފައިވާ ކަމެކެވެ. މިކަމުގައި އާއިލާ އިން އެދެނީ ވީހާވެސް އަވަހަކަށް އަނަސްގެ ގާތިލުން ޝަރީއަތުގެ ކުރިމައްޗަށް ގެނެވި އެ މުޖުރިމިން ވީ އެންމެ އަވަހަކަށް އެންމެންގެ ލޯތަކަށް ހާމަވުމެވެ،" ރ. މީދު އަށް އުފަން އަނަސްގެ ބައްޕަގެ ބަޔާނުގައިވެ އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލި އަނަސްއާ ބެހޭ ގޮތުން މީޑީއާގައި ދައުރުވަމުންދާ ވާހަކަތަކަކީ އޭނާގެ އާއިލާ އިން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނަމުންދާތީ އަބްދުއްރާފިއު ވަނީ އެކަން ދޮގުކޮށްފަ އެވެ. އާއިލާ އިން ބުނި ގޮތުގައި އަނަސްގެ މައުލޫމާތު އެ އާއިލާގެ ފަރާތުން ހާމަކުރާނީ އޭނާގެ ބައްޕަ އެކަންޏެވެ.

ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރައި އަނަސް މަރާލާފައިވަނީ، މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓަ އެވެ. ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް މަރާލި އިރު، އޭނާ ދިޔައީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ. އަނަސް އަށް އިންސާފު ހޯދައި އެކަމުގައި ޝާމިލްވާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައި މީދޫގައި ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ.

އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގައި ބައިވެރިވީ ކިތައް މީހުން ކަމެއް އަދި އެ މީހުންގެ ނަމެއް، ފޮޓޯއެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.