06 އޯގަސްޓް 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފަހު ވަގުތު ޖެހި ގޯލާ އެކު ށ. މިލަންދޫ އަތުން ކްލަބް ގްރީންސްޓްރީޓްސް 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފަހު ވަގުތު ޖެހި ގޯލާ އެކު ށ. މިލަންދޫ އަތުން ކްލަބް ގްރީންސްޓްރީޓްސް 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
މިލަންދޫ އަކީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައި މި ފަހަރު ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމެކެވެ. ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރުގެ އިރުޝާދުގެ ދަށުން މިއަދުގެ މެޗުގައި އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ.
މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސްގެ ފުރަތަަމަ އެގާރައިގައިވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ޝާފިއު އަހުމަދު (ޝާފީ)، މުހުތާރު ނަސީރު (ޓޫކިލޯ) އަދި ވިލިއަމް މެކޯ ހިމަނައިފަ އެވެ.
މިލަންދޫ ޓީމުން ވަނީ އެ ޓީމާ ގުޅުނު ގޯލްކީޕަރު މުހައްމަދު އިމްރާން އާއި އާދަމް އިމްރާން ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މީގެ ތެރެއިން އާދަމް އިމްރާން އަކީ މާލޭ ލީގުގައި ގްރީން ސްޓްރީޓްސް އަށް ކުޅުނު ކުޅުންތެރިއެކެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އަރިމަތިން ގްރީން ސްޓްރީޓްސްގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ހުސްކޮށްލާފައި ނަގައިދިން ބޯޅަ އައްމަޑޭ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މެޗުގެ 21 ވަނަ މިނިޓްގައި މިލަންދޫގެ ކެޕްޓަން އިސްމާއިލް ފަތުހީ ފޮނުވާލި ބޯޅައިގައި ބާރެއް ނެތުމުން ގްރީން ސްޓްރީޓްސްގެ ކީޕަރު ޖުން ކޮޗީ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 45 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ސޮބޮލް އިލިއާ އެ ޓީމަށް ލީޑުފުޅާކޮށްދިނުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން އިލިއާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ކީޕަރު އިމްރާން އަތުގައި ޖެހިފައި ގޮސް ހުރަސް ދަނޑީގައި ވެސް ޖެހިފަ އެވެ.
އޭގެ މިނިޓެއް ފަހުން ކައުންޓަ އެޓޭކުގައި މިލަންދޫ އިން ރަނގަޅު ފުރުސަތެއް ހޯދި އެވެ. އެ ޓީމުގެ އިބްރާހިމް ސިޔާމް ގްރީން ސްޓްރީޓްސްގެ ޝާފީ ކައިރިން ނައްޓާލުމަށް ފަހު ހުސްކޮށްލާފައި އިމްރާން އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ދެ ވަނަ ހާފަށް ގްރީން ސްޓްރީޓްސް އިން ނުކުތީ ދެ ބަަދަކާ އެކު އެވެ. މޫސާ ހަސަން އާއި އަހުމަދު ނިޒާމްގެ ބަދަލުގައި މުހައްމަދު ޝައްފާޒު (ސައްޕޭ) އާއި އަލީ އިފާޒް ކުޅެން އަރުވައިގެންނެވެ.
މި ހާފް ފަށައިގެން މިލަންދޫ އިން ރަނގަޅަށް ކުޅެން މަސައްކަތް ކުރިއިރު ގްރީން ސްޓްރީޓްސްގެ މެދުތެރޭގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ކައިރިން މާ ގިނަ ފުރުސަތުތަކެއް ނުހޯދެ އެވެ. އެހެން ނަމަވެސް ލިބޭ ބޯޅަތަކުގަައި އެ ޓީމުން ދިޔައީ އެޓޭކްކުރަން މަސައްކަތް ކުރަމުންނެވެ.
މެޗުގެ 61 ވަނަ މިނިޓްގައި އައްމަޑޭ އަށް ދެ ވަނަ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އިލިއާ ހުސްކޮށްލާފައި އައްމަޑޭ އަށް ދިން ބޯޅަ އޭނާ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ. އޭގެ ނަތީޖާއަކަށްވީ ދެ މިނިޓް ފަހުން މިލަންދޫ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.
މެޗުގެ 63 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ ފަތުހީ އެވެ. ގްރީން ސްޓްރީޓްސްގެ ކީޕަރު ކޮޗީ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ފަތުހީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކޮޗީ ބޯ މަތިން އޮއްސިގެން ގޮހެވެ.
މިލަންދޫ އިން ނަތީޖާ ހަމަހަމަކުރުމުން ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހި އެޓޭކް ވަރުގަދަކުރި އެވެ. އަދި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ. އެގޮތުން މެޗުގެ 86 ވަނަ މިނިޓްގައި މިލަންދޫ އޭރިއާ ތެރެއިން އައްމަޑޭ އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު އިމްރާން ވަނީ ފަސޭހަކަމާ އެކު މަތަކޮށްފަ އެވެ.
އޭގެ ތިން މިނިޓް ފަހުން ގްރީން ސްޓްރީޓްސް މޮޅުކޮށްދިން ލަނޑު ޖެހީ އިލިއާ އެވެ. މެޗުގެ 89 ވަނަ މިނިޓްގައި އިލިއާ މި ލަނޑު ޖެހީ މިލަންދޫ އޭރިއާ ތެރެއިން އައްމަޑޭ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. އިލިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދާގަނޑަށެވެ.
މެޗަށް ފަހު ނާސިރު ބުނީ ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ގޮވައިގެން މަދު ޕްރެކްޓިސްތަކަކަށް ފަހު ގްރީން ސްޓްރީޓްސް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅެގެން މި މެޗުން ބަލިވި ކަމަށް ވިޔަސް ދެކެނީ މިއީ މޮޅެއްގެ ގޮތުގައި ކަމަށެވެ.
"ހަގީގަތުގައި ދެ ޕްރެކްޓިހެއް ކުރީ މި މެޗަށް ނުކުތްއިރު. ދެން ވަރަށް ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ގޮވައިގެން ނުކުމެ މާލޭ ލީގުގެ ދެ ވަނަ ހޯދި ޓީމަކާ ދެކޮޅަށް މި ދެއްކި ކުޅުން ވަރަށް ރަނގަޅު. އަޅުގަނޑު ދެކެނީ މިއީ މޮޅެއް ކަމަށް. އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތަކުގައި އިތުރަށް ރަނގަޅުވާނެ،" ނާސިރު ބުންޏެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ މި ނަތީޖާ އަކީ އެ ޓީމުން މެޗު ފަސޭހަކޮށްލައިގެން ނުކުތުމުން ނުކުތް ނަތީޖާއެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އަންޑަ އެސްޓިމޭޓް ކޮށްގެން ނުކުތް ނަތީޖާއެއް ނޫން. ބޮޑެތި ލީގުތަކުގައި ވެސް އެބަހުރި އާދައިގެ ޓީމުތައް އަތުން އެއްވަރުވެ ބަލިވެސް ވެފައި. މިއީ ކުރީކޮޅު ލަނޑެއް ޖާހަފައި ދެން ލިބޭ ފުރުސަތުތައް ނަގާލަންޏާ މިހެން ވާނެ. އެއީ 1-0 އެއީ ލީޑެއް ނޫން. އެކަމަކު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަޅުގަނޑަށް އުއްމީދު އޮތް ކޮންމެވެސް ގޮތެއް ވެގެން ނަމަވެސް އަޅުގަނޑު މެންނަށް މިކަން ކާމިޔާބުވާނެކަން،" ސޮބާ ބުންޏެވެ.
އޭނާ ބުނީ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ފިޓްނަސް އަދި އެންމެ ރަނގަޅު ނޫން ކަމަށާއި މިހާރު އޮތް ހިތްހަމަ ޖެހުމަކީ އެއް މަގާމަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ތިބުން ކަމަށެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި އއ. މާޅޮސް ނުކުންނާނީ ގދ. ތިނަދޫއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.
ހާލަތު ބަދަލުކުރަން މިލަންދޫ-ގްރީން މުހިއްމު މެޗަކަށް
މިލަންދޫ އަތުން ބަލިވެ ތިނަދުއަށް އިތުރު އިންތިޒާރެއް
ކުޑަހުވަދޫ ބަލިކޮށް މިލަންދު އަށް ހަމަޖެހުމެއް
ޕީކޭ މައްސަލައިގައި މިލަންދޫގެ ގޯހެއް ނެތް!
މިލަންދޫން އޮޅުވާލައިގެން ލީގު ހޯދަން ނޫޅެން: ކޯޗު
ތަފާތު ބޮޑު މޮޅަކާ އެކު ތިނަދޫ ގަދަ ހަތަރަކާ ދިމާލަށް
މިލަންދޫ އިން ފަހަތުން އަރައި މާޒިޔާ ހިފަހައްޓައިފި
މިލަންދޫ ކުޅުންތެރިއަކާ ދެކޮޅަށް މައްސަލަ ޖައްސައިފި
ކުޑަހުވަދޫއާ ދެކޮޅަށް ގްރީން މުހިއްމު މެޗަކަށް
މިލަންދޫއާ އެއްވަރުވެ ގްރީން ސްޓްރީޓްސް ހަތަރަކަށް