Roadha Mihaaru
ހެޔޮގޮތުގައި މުއާމަލާތު ކުރުމަށް ކުރަންޖެހޭ ކަންކަން

ހެޔޮގޮތުގައި މުއާމަލާތު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން

05 އޯގަސްޓް 2017

ކޮންމެ މުޖުތަމައެއްގައި ވެސް މީސްތަކުން ހެޔޮ ގޮތުގައި މުއާމަލާތުތައް ކުރުމަކީ ދިރިއުޅުމުގެ އެންމެހާ ކަންކަން އެންމެ ފުރިހަމަ އަދި އެންމެ އަދުލުވެރި ގޮތުގައި އިންތިޒާމު ކުރުމަށްޓަކައި ނުހަނު ބޭނުންތެރި އަދި މުހިންމު ކަމެކެވެ. އިސްލާމް ދީނުގެ އެކިއެކި އުސޫލުތަކާއި އިރުޝާދުތަކުގެ ތެރޭގައި މިކަމަށް ބާރު ލިބޭ ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. މިކަންކަމަށް ތަބާވެއްޖެ ނަމަ މިކަން ވެގެންދާނީ އިސްލާމީ މުޖުތަމައުގެ ވަރަށް މުހިންމު އެއް އަސާސް ދެމެހެއްޓުން ކަމުގަ އެވެ.

ކޮންމެ މުޖުތަމައެއްގައި ވެސް މީސްތަކުން ހެޔޮ ގޮތުގައި މުއާމަލާތުތައް ކުރުމަކީ ދިރިއުޅުމުގެ އެންމެހާ ކަންކަން އެންމެ ފުރިހަމަ އަދި އެންމެ އަދުލުވެރި ގޮތުގައި އިންތިޒާމު ކުރުމަށްޓަކައި ނުހަނު ބޭނުންތެރި އަދި މުހިންމު ކަމެކެވެ. އިސްލާމް ދީނުގެ އެކިއެކި އުސޫލުތަކާއި އިރުޝާދުތަކުގެ ތެރޭގައި މިކަމަށް ބާރު ލިބޭ ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. މިކަންކަމަށް ތަބާވެއްޖެ ނަމަ މިކަން ވެގެންދާނީ އިސްލާމީ މުޖުތަމައުގެ ވަރަށް މުހިންމު އެއް އަސާސް ދެމެހެއްޓުން ކަމުގަ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު މުސްލިމް ފަރުދެއް ވިޔަސް އަދި ޖަމާއަތެއް ވިއަސް އެއީ ހެޔޮލަފާ މީހެއްކަން ނުވަތަ ބައެއްކަން ކަނޑައެޅުމުގެ އެއް މިންގަނޑަކީ ހެޔޮ ގޮތުގައި ކުރެވޭ މުއާމަލާތެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ސިފަ ކުރައްވާ ގޮތުގައި "ދީނަކީ މުއާމަލާތު" އެވެ. އެބަހީ ހެޔޮ ގޮތުގައި ވެވޭ މުއާމަލާތުތަކެވެ.

އެހެންކަމުން މިފަދަ މުއާމަލާތު ނެތް ނަމަ އެމީހެއްގެ ނުވަތަ އެބައެއްގެ ދީނެއް ނެތެވެ. ސަބަބަކީ މުއުމިނަކު ﷲ އަށް އީމާންވާ ކަމާއި، އަމުރުތަކަށް ރައްކާތެރިވާ ކަމާއި، ނަހީތަކުން ދުރުހެލިވާކަން ދެނެގަންނާނެ އެންމެ ފާޅުކަން ބޮޑު މިންގަނޑަކީ ހެޔޮ ގޮތުގައި ވެވޭ މުއާމަލާތު ކަމަށް ވާތީ އެވެ. އަންނަނިވި މިސާލުން މި މިންގަނޑު އިތުރަށް ހާމަވެ އެވެ.

އެއް ދުވަހަކު މީހަކު ޢުމަރުގެފާނު އަރިހުގައި ދެންނެވި އެވެ. މިވެނި މީހަކީ ވަރަށް ތެދުވެރި ރަނގަޅު މީހެކެވެ. އެހިނދު އުމަރުގެފާނު ސުވާލު ކުރެއްވި އެވެ. "ތިބާ އޭނާއާ އެކު ދަތުރެއް ކުރިން ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ނޫނެކެވެ." އުމަރުގެފާނު ވިދާޅުވިއެވެ. "ތިބާ އާއި އޭނާއާ ދެމެދު އެއްވެސް ކަހަލަ ދެކޮޅުވެރި ކަމެއް ހިނގާފައި ވޭ ހެއްޔެވެ؟" އޭނާ ދެންނެވި އެވެ. "ނޫނެކެވެ." އުމަރުގެފާނު ވިދާޅުވިއެވެ. "ތިބާ އޭނާ އަށް އެއްވެސް އަމާނާތެއް ހަވާލު ކުރިން ހެއްޔެވެ؟" އޭނާ ދެންނެވި އެވެ. "ނޫނެކެވެ." ދެން އުމަރުގެފާނު ވިދާޅުވި އެވެ. "އެހެންވިއްޔާ ތިބާ އަށް އަދި އޭނާ ނޭނގެ އެވެ."

އުމަރުގެފާނުގެ މި ވާހަކަފުޅުން އެނގެނީ މީހަކީ ހެޔޮލަފާ އަދި ދީންވެރި މީހެއް ކަމުގައި ވާނީ ޢުމަރުގެފާނު ފާހަގަ ކުރައްވާފައި އެވާ ފަދަ ތަފާތު ހާލަތްތަކުގައި އެމީހަކު ހެޔޮ ގޮތުގައި މުއާމަލާތު ކުރާ ކަމުގައި ވާނަމަ އެވެ. އެހެންކަމުން މި މުއާމަލާތުތައް ފެނިފައި ނެތްނަމަ މީހެއްގެ ހެޔޮލަފާކަމާ މެދު ހުކުމެއް ކަނޑައަޅަން ނޭނގޭނެ އެވެ.

މި ބަޔާން ކުރެވުނު ކަންކަމުގެ އަލީގައި ބަލާއިރު ހެޔޮ ގޮތުގައި މުއާމަލާތު ކުރުން ކަމުގައި ބެލެވޭނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި ސީދާކަން މަތީ ހުރުމާއި ލަދުވެތިކަން ފަދަ ސިފަތައް މީސްތަކުންގެ ކިބައިގައި ހުރެގެންނެވެ. އެހެންކަމުން ﷲގެ ހައްގުތައް އަދާ ކުރުމުގަ އާއި އަމިއްލަ ނަފްސުގެ ހައްގުތައް އަދާ ކުރުމުގަ އާއި އަދި އެހެން މީސްތަކުންގެ ހައްގުތައް އަދާ ކުރުމުގައި ވެސް އަމާނާތްތެރި ވާން ޖެހޭނެ އެވެ. ތެދުވެރިވާން ޖެހޭނެ އެވެ.

މުދަލާއި އަބުރާއި އިލްމާއި ގަނެވިއްކުމާއި މިނެކިރުމާއި ވާހަކަ ދެއްކުމާއި އަދި ކިއެއްތަ ވިސްނައި ފިކުރު ކުރުމުގައި ވިއަސް އަމާނާތްތެރިވާން ޖެހެ އެވެ. މި އަމާނާތްތެރިކަމާއި ތެދުވެރިކަން ދެމެހެއްޓުމަށްޓަކައި އެހީތެރިވެދޭ ވަރަށް މުހިންމު އެއް ސިފަ އަކީ ސީދާކަންމަތީ ހުރުމެވެ. ކޮންމެ ނަމާދެއްގައި ތަކުރާރުކޮށް ﷲގެ ހަޒްރަތުން މިކަމަށް އެދޭ ހިނދު އެއީ މާނައެއް ނެތް ބަސްތަކެއް ކަމުގައި ހަދައިގެން ނުވާނެ އެވެ. ސީދާކަންމަތީ ދެމިހުރުމަށް މަސައްކަތް ކުރަން ވާނެ އެވެ.

ހެޔޮ ގޮތުގައި މުއާމަލާތު ކުރުމަށް ބޭނުންވާ އަނެއް ސިފަ އަކީ ލަދުވެތިކަމެވެ. މިއީ އީމާންތެރިކަމާ ގުޅިފައިވާ ސިފައެކެވެ. މީސްތަކުންގެ ހައްގުތަކަށް އަރައިގަތުމާއި ހަވާނަފްސުގެ އެދުންތައް ފުއްދުމުގައި އެންމެ ބޮޑު ހުރަހެއް ކަމުގައިވާ އެއް ސިފައަކީ ލަދުވެތި ކަމެވެ.

ކީރިތި ރަސޫލާ ސިފަ ކުރައްވާ ގޮތުގައި ކޮންމެ ދީނަކަށް ވެސް އެދީނަކަށް ހާއްސަ ޚުލުގެއް ވާ ފަދައިން އިސްލާމްދީނުގެ ހާއްސަ ޚުލުގަކީ ލަދުވެތި ކަމެވެ. (މާލިކު). އަދި އެކަލޭގެފާނު ހަދީސް ކުރައްވަނީ "ތިބާ ލަދު ނުގަންނަ ކަމުގައި ވަނީ ނަމަ ދެން ކޮންމެ ކަމެއްވެސް ކުރާށެވެ!" އެބަހީ ލަދު ނުގަންނަ ނަމަ ހަރާމް ކުރެއްވި ކަންތައްވެސް ކުރާކަށް ފަހެއް ނުޖެހޭނެ އެވެ.

ހެޔޮ ގޮތުގައިވެވޭ މުއާމަލާތު ފުރިހަމަ ވެގެންދާނީ މީސްތަކުންނަށް އެހީތެރިކަން ވެސް ފޯރުވައިގެންނެވެ. ހާލުގައި ޖެހިފައިވާ މީހުންނާއި ފަގީރުންނާއި މިސްކީނުންނާއި ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާއި އެ ނޫން ވެސް މީހުންނަށް އެމީހުންގެ ހައްގުތައް އަދާކޮށްދީގެންނެވެ. މީސްތަކުންނަށް ދީލަތި ވުމަށް ކީރިތި ރަސޫލާ ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައި ވެއެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ "ދީލަތި މީހަކީ ﷲ އާ ކުއްތަންވެވޭ މީހެކެވެ. ދަހި މީހަކީ ﷲ އާ ދުރުގައިވާ މީހެކެވެ. ހަމަކަށަވަރުން ދީލަތި ޖާހިލަކު ވެސް ދަހިވެތި އަޅުވެރިއަކަށް ވުރެ ﷲގެ ހަޒްރަތުގައި މާ ލޯބިވެތި ވެގެން ވެއެވެ." (ބުޚާރީއާއި މުސްލިމް).

ދީލަތިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދަހިވެތިކަމާއި މަކަރު ހެދުމާއި ކަލަ ގޮވުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހެއެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާ ގޮތުގައި ދަހި މީހާ އާއި އެހީތެރިވުމުން މަނާވެގަންނަ މީހާ އާއި މަކަރު ހަދާ މީހާ އާއި ކަލަގޮވާ މީހާ ސުވަރުގެ އަށް ނުވަންނަ ހުއްޓެވެ. (އައްތިރުމިޛީ)

އަދި އެހެން ހަދީސެއްގައި ދަހިވެތި ނުވުމަށް ވަރަށް ބޮޑަށް އަމުރު ކުރައްވައި ބަޔާން ކުރައްވަނީ ވޭތުވެދިޔަ އުންމަތުގެ މީހުން ހަލާކުވުމުގެ ސަބަބުތަކުގެ ތެރޭގައި ދަހިވެތިވުމާއި އަނިޔާވެރިވުމާއި ގުޅުންތައް ކެނޑުން ހިމެނޭ ކަމަށެވެ. (ތިރުމިޛީ އާއި ބައިހަޤީ އާއި ޠަބަރާނީ). މި ހަދީސުން އެނގޭ ގޮތުގައި ދަހިވެތިވެއްޖެ ނަމަ އަނިޔާވެރިވުމާއި ގުޅުންތައް ކެނޑުމާއި އަދި އެންމެ ފަހުން މުޖުތަމައު ހަލާކުވުމާ ވެސް ކުރިމަތިލާން ޖެހިދެ އެވެ. މިއީ ހެޔޮގޮތުގައި ވެވޭ މުއާމަލާތެއް ނޫނެވެ.

މީސްތަކުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމާއި، އަދި ދުރުހެލިވާން ޖެހޭ އެންމެހާ ކަންކަމުން ދުރުހެލިވުމަކީ ވެސް ހެޔޮ ގޮތުގައި މުއާމަލާތު ކުރުމަށްޓަކައި ސަމާލުވާން ޖެހޭ ކަންކަމެވެ. މިގޮތުން އިސްލާމީ މުޖުތަމައުގައި ހިސްބާގެ ނިޒާމު ދަމަހައްޓަން ޖެހޭނެ އެވެ.

ހިސްބާގެ ނިޒާމަކީ ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރުމުގެ ވާޖިބުގެ ދަށުން ހިމެނޭ ކަމެކެވެ. މިކަމުގެ ބޭނުމަކީ މީސްތަކުންގެ ހައްގުތައް ހިމާޔަތް ކުރުމެވެ. މި ގޮތުން ކާބޯތަކެއްޗާއި އެނޫން ވެސް އެންމެހާ ސިނާއަތްތަކުގައި އެއްވެސް ކަހަލަ މަކަރު ހެދުމެއް އޮޅުވާލުމެއް އޮތްތޯ މި ނިޒާމުގެ ތެރެއިން ބަލަން ޖެހޭނެ އެވެ. މިނެކިރުމުގައި މަކަރު ހަދާތޯ ޗެކު ކުރަން ޖެހޭނެ އެވެ. އަގުތަކާ ކުޅެ ވަކި ބައެއްގެ ކޮންޓްރޯލުގެ ދަށަށް އެ ގެންދޭތޯ ބަލަން ވާނެ އެވެ. މީސްތަކުންގެ ޟަރޫރަތްތަކަށް ބޭނުން ޖެހޭ މުދާ އިހުތިކާރު ކުރޭތޯ ޗެކު ކުރަން ވާނެ އެވެ. މިގޮތަށް ބަލައި ޗެކު ކުރުމަށް ފަހު މިފަދަ އެއްވެސް ކަމެއް ހިނގާ ނަމަ އެބަޔަކަށް އަދަބުދީ އެކަންކަން އިސްލާހު ކުރަން ޖެހޭނެ އެވެ.

މި ކަންކަމުގައި ހިސްބާގެ ނިޒާމުގެ އިތުރުން ފަރުދީ ގޮތުންވެސް ކޮންމެ މީހަކު އެމީހެއްގެ ޒިންމާ އުފުލަން ޖެހޭނެ އެވެ. ކީރިތި ރަސޫލާ ބަޔާން ކުރައްވާ ގޮތުގައި މަކަރު ހަދާ މީހާ އަކީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫނެވެ. މިކަން ކޮންމެ މުސްލިމަކުވެސް އަބަދުމެ ދަންނަން ވާނެ އެވެ. ނޫންނަމަ ހެޔޮ ގޮތުގައި މުއާމަލާތު ނުކުރެވޭނެ އެވެ.

ހެޔޮ ގޮތުގައި މުއާމަލާތު ކުރެވުމަކީ މުޖުތަމައުގައި ހަމަޖެހިގެން އަދުލުވެރިކަމުގެ ހިޔާވަހި ކަމުގައި ދިރިއުޅުމަށް މުހިންމު އަސާސެކެވެ. އެހެންކަމުން މުސްލިމް ދައުލަތްތަކުންނާއި ޖަމާއަތްތަކުންނާއި މުސްލިމުންގެ ވަކިވަކި ފަރުދުންވެސް މުޖުތަމައުގައި ހެޔޮގޮތުގައި އެންމެހާ މުއާމަލާތުތައް ކުރުމަށް ސަމާލުކަން ދޭންވާނެ އެވެ. އަދި ނުރަނގަޅު އެންމެހާ މުއާމަލާތުތަކުން ދުރުހެލިވާން ޖެހޭނެ އެވެ.