Roadha Mihaaru
މަގުތަކުގައި ކުނި ގިނަވާ މައްސަލަ މަޖިލީހަށް

މާލޭގެ މަގުތަކުގައި ކުނި ގިނަވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

03 އޯގަސްޓް 2017

މާލޭގެ ގެތަކުން އުކާލަންޖެހޭ ކުނިތައް މަގުތަކުގައި ބަހައްޓަމުން އަންނަ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ގެތަކުން އުކާލަންޖެހޭ ކުނިތައް މަގުތަކުގައި ބަހައްޓަމުން އަންނަ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ތިން މެމްބަރަކު އިއްޔެ ކޮމެޓީ އަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތައް ފުނި ޖެހިފައިވަނީ ކުނި އުކާލުމަކީ ހަމައެކަނި ވަކި ބަޔަކަށް ކުރެވޭނެ ކަމެއްގެ ގޮތުގައި ހަމަޖައްސައި، މިކަން ރަނގަޅަށް ކުރި އަށް ނުގެންދިއުމުގެ ސަބަބުން ކަމަށެވެ.

މާލޭގެ މަގުތަކުގައި ކުނިވެފައިވާ ކޮތަޅުތައް ފުނިޖެހި ރައްޔިތުންގެ ޝަކުވާތައް ގިނަވަމުންދާ ކަމަށް ވެސް އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ސިޓީގައިވެ އެވެ.

އެހެންވެ، މެމްބަރުން ވެސް އެދިވަޑައިގެންނެވީ މިކަމަށް ވީހާ ވެސް އަވަސް ހައްލެއް ހޯދުމަށް ކަމާ ގުޅޭ މުއައްސަސާތަކާ ބައްދަލުކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ ދަށުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށެވެ.

މާލޭގެ ހުރިހާ ގޭބިސީއަކުން ކުނި އުކާލުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައި ބިދޭސީންނަށް ކުނި އުކުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު، ވެމްކޯ އިން ކުނިއުކަން ނުދެވޭ ގެތަކުން އަމިއްލަ އަށް ކުނި އުކަން އަންގާފައި ވަނިކޮށް، ބައެއް ގެތަކުން ދަނީ ކުނިތައް މަގުމައްޗަށް އަޅަމުންނެވެ.

ބިދޭސީންނަށް ކުނި އުކުން މަނާކުރުމުން އާއްމުންނަށް އެކަމުގެ ދަތިކަން އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ. ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް އެދި މާލޭގެ 27،000 ގޭބިސީގެ ތެރެއިން މިހާތަނަށް 7،000 އަށް ވުރެ ގިނަ ގޭބިސީ ވަނީ ރަޖިސްޓްރީކޮށްފަ އެވެ.