Roadha Mihaaru
ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް!

ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކުރަނީ

31 ޖުލައި 2017

އަންނަ ހުކުރު ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގަށް ހާއްސަކޮށްގެން ފެންޓަސީ ފުޓްބޯލް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މާދަމާ ތައާރަފްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަންނަ ހުކުރު ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގަށް ހާއްސަކޮށްގެން ފެންޓަސީ ފުޓްބޯލް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މާދަމާ ތައާރަފްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަމިއްލަ ބަޔަކު ގާއިމްކުރާ މި ޕްލެޓްފޯމުގެ ނަމަކީ "ފެންޓަސީ ފުޓުބޯޅަ" އެވެ. މި ޕްލެޓްފޯމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް "ފެންޓަސީ ފުޓުބޯޅަ" ވެބްސައިޓް މެދުވެރިކޮށް ހިޔާލީ ޓީމެއް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނަށް ހިޔާލީ އަގުތަކެއް ދީފައިވާއިރު، ކޮންމެ ބައިވެރިއަކަށް ވެސް އޭނާ ހަދާ ޓީމަށް ކޮންމެ މެޗު ހަފުތާއެއްގެ ކުރިން ކުޅުންތެރިން ގަނެ ވިއްކޭނެ އެވެ. އެ ބައިވެރިއަކަށް ޕޮއިންޓް ލިބޭނީ، އެ މެޗު ހަފުތާއެއްގައި ލީގުގައި ކުޅޭ މެޗުތަކުގައި ނުކުންނަ ނަތީޖާ އާއި ކުޅުންތެރިންގެ ޕާފޯމަންސަށް ބަލައިގެން ކަނޑައަޅާފައިވާ މިންގަނޑަކުންނެވެ. އަދި ޖެހިގެން އަންނަ މެޗު ހަފުތާއަކަށް އަނެއްކާ ވެސް ޓީމަށް ބަދަލު ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ.

ފެންޓަސީ ލީގުގެ ޗެމްޕިއަންކަން ލިބޭނީ، ލީގު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ. ޗެމްޕިއަން ބައިވެރިއާއަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއް ބަލަން ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން ވެސް އެހެނިގެން އިނާމްތައް ލިބޭނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.

"ފެންޓަސީ ފުޓުބޯޅަ" ޕްލެޓްފޯމުގެ ބައިވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ޕޮއިންޓް ހޯދޭނީ ބަރާބަރަށް މެޗުތައް ބަލައިގެންނެވެ. އެހެންކަމުން މިއީ ދިވެހި ޕްރިމިއާ ލީގުގެ ފޯރި އިތުރަށް ގަދަވާނެ ކަމެކެވެ.

ދުނިޔޭގެ މަޝްހޫރު ލީގުތަކަށް ހާއްސަކޮށްގެން ތަފާތު އެތައް ފެންޓަސީ ފުޓްބޯޅަ ޕްލެޓްފޯމްތައް ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖޭގައި އެންމެ މަގުބޫލޫ އިނގިރޭސި ޕްރިމިއާ ލީގުގެ ފެންޓަސީ ލީގެވެ. އޭގައި 7000 ވަރަކަށް ދިވެހިން ބައިވެރިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ނިއު ރޭޑިއަންޓް، ޓީސީ ސްޕޯޓްސް ކްލަބް އަދި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރެއް ކަމަށްވާ ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ށ. މިލަންދޫ އަދި އއ. މާޅޮހެވެ.