Roadha Mihaaru
ޕްރިމިއާ ލީގު ހުޅުވައިދޭނީ މާޒިޔާ އާއި ކުޑަހުވަދޫ

ޕްރިމިއާ ލީގު ހުޅުވައިދޭނީ މާޒިޔާ އާއި ކުޑަހުވަދޫ

29 ޖުލައި 2017

އަންނަ ހުކުރު ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި މި ފަހަރު މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދ. ކުޑަހުވަދޫ ބައްދަލުކުރަން ޖެހިއްޖެ އެވެ.

އަންނަ ހުކުރު ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި މި ފަހަރު މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދ. ކުޑަހުވަދޫ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ފުޓްބޯޅަ ފޯމެޓަށް ގެނައި ބަދަލާ އެކު ޕްރިމިއާ ލީގުން ޖާގަދޭން ނިންމާފައިވަނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކާއި މިނިވަން ޗެމްޕިއަންޝޕްގެ ގަދަ ހަތަރު ޓީމެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގައި ވާދަކުރަނީ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދި މާޒިޔާ، ގްރީން ސްޓްރީޓްސް، ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި ކުޑަހުވަދޫ، ގދ. ތިނަދޫ، އއ. މާޅޮސް އަދި ށ. މިލަންދޫ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުތައް:

މާޒިޔާ - ކުޑަހުވަދޫ (4 އޮގަސްޓް، ހުކުރު، 21:00)

ޓީސީ - ނިއު (5 އޮގަސްޓް، ހޮނިހިރު، 21:00)

ގްރީން ސްޓްރީޓްސް - މިލަންދޫ (6 އޮގަސްޓް، އާދިއްތަ 16:00)

ތިނަދޫ - މާޅޮސް (6 އޮގަސްޓް، އާދިއްތަ 21:00)

ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ލިބޭ މި މުބާރާތަކީ ރާއްޖޭގެ އެންމެ ބޮޑު ލީގެވެ. މި މުބާރާތުގެ ގަދަ ހަތަރު ޓީމަށް ގައުމީ މުބާރާތުން ޖާގަ ލިބޭނެ އެވެ. މި މުބާރާތުގެ އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވޭ މެޗަކީ ސީޒަންގެ ހުރިހާ ތަށްޓަކަށް އަމާޒުކޮށްގެން ނުކުތް ނިއު އާއި މާޒިޔާގެ މެޗެވެ. އެ ދެ ޓީމު ކުޅޭ ފުރަތަމަ ބުރުގެ މެޗު އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ.

މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި ޓީމުތަކަށް އޮތް މާލެ ލީގު ކޮލިފިކޭޝަން ނުބާއްވަން ނިންމުމުން އެ ޓީމުތަކުގެ ކުޅުންތެރިން ގެނެސްގެން ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ކުޑަހުވަދޫ ފިޔަވައި އެހެން ޓީމުތަކުން ވަނީ އެހެން ކްލަބްތަކުން ކުޅުންތެރިން ގެނެސްފަ އެވެ.

ތިނަދޫ އިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ނުވަ ކުޅުންތެރިން އެ ޓީމަށް ގެނައިރު، ގިނައީ އީގަލްސް ކުޅުންތެރިންނެވެ. ގްރީން ސްޓްރީޓްސް އިން ވެސް ވަނީ ވެލެންސިއާގެ ކެޕްޓަން އަހުމަދު ޝާފިއު (ޝާފީ)، ގައުމީ ޓީމުގެ ކުރީގެ ވިންގާ މުޚުތާރު ނަސީރު (ޓޫކިލޯ)، ނިއު ރޭޑިއަންޓަށް ކުރިން ކުޅުނު ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މަކޯ، ވިކްޓަރީގެ ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) އާއި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަޝްފާން (އަޝްކޮ) އަދި ނިއުގެ އާދަމް އިޝާމް (ސަން) ވެސް ގެނެސްފަ އެވެ.

މާޒިޔާ އިން ވަނީ ވިކްޓަރީ އަށް ކުޅުނު ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފް، ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ، އިސްމާއިލް އީސާ (މެސީ)، މުހައްމަދު އާރިފް (ބަކާ) އަދި ބޮސްނިއާގެ ވަރުގަދަ ޑިފެންޑަރު ބޮޖާން މިހައިލޮވިޗް ގެނެސްފަ އެވެ.

މި ފަހަރު ޓްރާންސްފާގައި އެންމެ ގިނަ ކުޅުންތެރިން ގުޅުނު ޓީމަކީ ނިއު އެވެ. އެ ޓީމުން ވަނީ ހަތް ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ވިކްޓަރީގެ ރިލްވާން ވަހީދު (ރިލޭ)، ހަސަން އަދުހަމް (ސަޑޭ)، ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލްގެެ އިތުރުން އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އަދި ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯ އެވެ. މީގެ ތެރެއިން އޮއްޕޮ އާއި ކަންޑޭލާ ވަނީ މާލޭ ލީގުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ.

ޓީސީން ވަނީ ނިއުގެ އަހުމަދު ސުހެއިލް (ބަމްޕުޗު) އާއި އީގަލްސްގެ މިޑްފީލްޑަރު އަހުމަދު ޒާދު އަދި މިސްރުގެ މިޑްފީލްޑަރެއް ކަމަށްވާ ހަލީލް ގެނެސްފަ އެވެ.

މާޅޮހަށް ދިޔަ ކުޅުންތެރިންނަށް ބަލާއިރު ކުރިން އީގަލްސް އާއި ވެލެންސިއާ އަށް މޮޅު ކުޅުމެއް ދެއްކި ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް އާއި ޒެފްރޯލަށް ކުޅުނު ބޯޓެން އާއި ވެލެންސިއާ، މާޒިޔާ އަދި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު އަބްދުލް ވާހިދު (ވާޑު) ގެނެސްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ޓީސީ އަށް މޮޅު ކުޅުމެއް ދެއްކި އަލީ ހާފިޒް (ހާއްޕެ) އާއި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުޅުނު އަހުމަދު މުހައްމަދު (އައްމަޑޭ) އާއި ކުރިން ބީޖީ އަށް ކުޅުނު އަބްދުﷲ ފައުޒާން (ފައުޑީ) އަދި މާޒިޔާ އާއި ޒުވާން ގައުމީ ޓީމަށް ވެސް ކުޅުނު ވިންގް އަބްދުﷲ އިބްރާހިމް (ކްރެސްޕޯ) ވެސް ހިމެނެ އެވެ.

ކުރިން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު މުހައްމަދު ނާސިރުގެ އިރުޝާދުގެ ދަށުން ނުކުންނަ މިލަންދޫ އިން ވަނީ ވިކްޓަރީގެ ބެންޗުގައި މި ސީޒަން ހޭދަކުރި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު އިމްރާނުގެ އިތުރުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އާދަމް އިމްރާން (އިންމަ) އާއި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޒެފްރޯލުގެ އިބްރާހިމް ޝިޔާމް (ބިއްލަ) އާއި ބ. އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ވެސް ގެނެސްފަ އެވެ.