30 ޖުލައި 2017
ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅާ ގޮތަށް ހަދާފައިވާ ގަވައިދަށް އަންނަ އަންގާރަ ދުވަހު އަމަލްކުރަން ފަށާއިރު މިހާތަނަށް މާލޭގެ 7000 ގޭބިސީ ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.
ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅާ ގޮތަށް ހަދާފައިވާ ގަވައިދަށް އަންނަ އަންގާރަ ދުވަހު އަމަލްކުރަން ފަށާއިރު މިހާތަނަށް މާލޭގެ 7000 ގޭބިސީ ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.
ކުރިން މި ގަވާއިދަށް އަމަލްކުރަން އޮތީ ޖުލައި 1 ގަ އެވެ. އެކަމަކު މާލޭގައި ހިމެނޭ 27،000 ގޭބިސީގެ ތެރެއިން އޭރު ރަޖިސްޓްރީކުރީ އެންމެ 1500 ގޭބިސީކަމުން، އާންމުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އޮގަސްޓް 1 އަށް ފަސްކުރީ އެވެ.
މި ގަވާއިދަށް އަމަލު ކުރަން ފެށުމާ އެކު ކުނި އުކުމުގެ މަސައްކަތްތަކަށް ހީނުކުރާ ވަރުގެ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ. އެންމެ ބޮޑު ބަދަލަކަށް ވާނީ، ބައިސްކަލްތަކުގައި ހާމަ އަށް ފެންނަ ގޮތަށް ކުނި އުކުން ހުއްޓިގެން ދިއުމެވެ.
ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅާނީ އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދުގެ ދަށުންނެވެ. އެ ގަވާއިދު ބުނާ ގޮތުން، ކުނި އުފުލާ ގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދު ފިޔަވައި އެހެން އެއްޗެއްގައި ކުނި އުފުލާ ނަމަ އެ ކުނި ހުންނަން ޖެހޭނީ ބޭރަށް ވަސް ނުފެތުރޭ ގޮތަށް ރަނގަޅަށް ނިވާކޮށްފަ އެވެ.
ބައިސްކަލުގައި ކުނި އުފުލަންވާނީ، ކުނި އަޅަން ހާއްސަ ފޮށިގަނޑެއް ހަރުކޮށްގެން ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
"އެ އުޅަދެއްގެ ފޮށިގަނޑަށް ވުރެ އުސްކޮށް ކުނި ބަރުކުރަން ވާނީ އެ އުޅަނދުގެ ފޮށިގަނޑުގެ ދެ އަރިމަތީ ފިލަ އާއި ފަހަތު ފިލާ އެކުލެވޭ ގޮތަށް ފޮށިގަނޑެއް ހަދައި، އުފުލާ ކުނީގެ އެއްވެސް މިންވަރެއް ބޭރަށް ނޭޅޭ ގޮތަށް ރައްކާތެރިކަމާ އެކު އެތެރޭގައި ކުނި ހިފެހެއްޓިފައި ހުންނަ ގޮތަށް،" ކަމަށް އަލަށް އަމަލުކުރަން ފަށާ ގަވާއިދުގ ބުނެ އެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކެއްގައި ވެސް ކުނި އުކުމުގެ މަސައްކަތް، އެކަމަށް ހާއްސަ ވެހިކަލްތަކުގައި އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
އާ ގަވާއިދާ އެކު ވެމްކޯގެ މަސައްކަތްތައް އިތުރުވެގެން ދާނެ އެވެ. އެކަމަށް އެ ކުންފުނިން ވަރަށް ބޮޑަށް އަންނަނީ ތައްޔާރު ވެސް ވަމުންނެވެ.
އެ ކުންފުނިން މަހަކު 150ރ. އަށް ކުނި އުކުމުގެ ހިދުމަތް ދޭއިރު، މިހާރުވެސް 1500 ގެއަކުން ހިދުމަތް ހޯދަ އެވެ. އެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވެނީ، މާލޭގައި ކުނި އުކާ ބިދޭސީންގެ މަސައްކަތްތައް އާ ގަވާއިދުގެ ދަށުން ވަރަށް ބޮޑަށް ކޮންޓްރޯލް ވެގެން ދާނެތީ އެވެ.
ވެމްކޯ އިން ކުނި އުކުމުގެ މަސައްކަތްތައް ދެ ގޮތަކަށް ކުރިއަށް ގެންދެ އެވެ. އެއީ ރަޖިސްޓްރީކުރާ އެޕާޓްމެންޓްތަކަށް ވެމްކޯގެ މުވައްޒަފުން އަރައި ކުނި ކޮތަޅުތައް ނެގުން ނުވަތަ އެ އިމާރާތެއްގެ ތިރީގައި ބަހައްޓާ ޑަސްބިނުން ކުނި ނެގުމެވެ. ޑަސްބިން ބަހައްޓައިގެން ކުނި އުކާ ނަމަ ފީ އަކީ މަހަކު 100ރ. އެވެ. އެޕާޓްމަންޓަށް ގޮސް ކުނި ނަގާ ނަމަ މަހަކު 150ރ އެވެ.
ކުނި އުކުމަށް ވެމްކޯ އިން ބޭނުން ކުރަނީ ކޮމްޕެކްޓަ ޓްރަކް، ޑަމްޕް ޓްރަކް އަދި ޓްރައިސިކަލް ފަދަ އެކަމަށް ހާއްސަ، ފަހުގެ ވެހިކަލްތަކެވެ.
ވެމްކޯގެ އޮޕަރޭޝަންސް ޑައިރެކްޓަރު ފާތިމަތު ޝަންވީލާ ވިދާޅުވީ މިހާރު އެ ކުންފުނީގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ހިދުމަތަށް އެދުމާ އެކު، ފަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން އޮންލައިންކޮށް ރެޖިސްޓްރީ ކުރުމަށް މިއަދު މާލޭގައި ހާއްސަ ކެމްޕޭނެއް ވެސް ކުރިއަށް ގެންދާނެ އެވެ. އެގޮތުން އެ ކުންފުނީގެ 70 މުވައްޒަފުން ނިކުމެ، މާލޭގެ 19 ސަރަހައްދެއްގައި އެ ކެމްޕޭން މިއަދު އިރުއޮއްސުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ޝަންވީލާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 27000 ގޭބިސީއަށް ކުނި އުކުމުގެ ހިދުމަތް ދިނުން. އެ ވަރަށް އަޅުގަނޑުމެންގެ ކުންފުނިން ވަނީ ތައްޔާރުވެފައި. މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކުނި އުކަން ދިވެހި މުވައްޒަފުން ނެރުމަށް ކެމްޕޭނެއް ވެސް ފަށާނަން. އަމާޒަކީ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުން،" ޝަންވީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަޖިސްޓްރީ ކުރާ ގެއަކުން ކުނި ނުގެންދެވިއްޖެ ނަމަ އެގެތަކުން ކުނި އުކަން ހާއްސަ ޓީމެއް ކަނޑައަޅާފައިވާ ކަމަށެވެ.
އޮންލައިންކޮށް ރަޖިސްޓްރީވާން ބޭނުންނުވާ ފަރާތްތަކަށް ވެމްކޯގެ އޮފީހަށް ފޯމް ލައިގެން ވެސް ރެޖިސްޓްރީ ކުރެވޭނެ އެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.
WAMCO Service Registration
ގަވާއިދަށް އަމަލު ކުރުމުގެ ކުރިން ވެމްކޯގެ ހިދުމަތަށް އޮންލައިންކޮށް ރެޖިސްޓްރީ ކޮށްލައްވާ!
ކުނި އުކާލަން ބޭނުންވާ ގޭގެ އިތުރުކުރަނީ
ކުނި އުކުން ރަނގަޅަށް ކުރިއަށް ގެންދެވޭނެ: ތޯރިގު
ގަވާއިދާހިލާފަށް ކުނި އުކާ މީހުންގެ ޖޫރިމަނާ ފަސްކޮށްފި
ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ފަށަނީ
ކުނި ނެގުމުގައި އެއްބާރުލުން ދޭން ކައުންސިލުން އެދިއްޖެ
ކުނިނަގާ މީހުންނަށް ބޮޑެތި އަނިޔާވޭ: ވެމްކޯ
އޭޑީބީން ރާއްޖެ އަށް 33 މިލިއަން ޑޮލަރު ދެނީ
ޝަކުވާ ބޮޑުވުމުން، ކުނި ނަގާ ވަގުތު އިތުރުކޮށްފި
ބޮޑެތި ކުނި އުކައިދޭ ޚިދުމަތެއް ވެމްކޯއިން ފަށަނީ
ވެމްކޯއިން ވިލިމާލޭގައި ކުނި އުކުމުގެ ޚިދުމަތް ފަށަނީ